އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ބޭފުޅަކު މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނި ގޮތުގައި ރައީސް ކަމަށް އަމިއްލަ ގޮތުން ކުރިމަތި ލެއްވީ، ދަފްތަރު ނަމްބަރު 6562، ހުސައިން ނަސީރެވެ.
ސ. ހިތަދު އަށް އުފަން ހުސައިންގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝައިޚް ނަސްރުﷲ މުސްތަފާ އެވެ.
ހޮސްޕިޓަލިޓީ މެނޭޖުމަންޓާއި ގްލޯބަލް މެނޭޖުމަންޓުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ހުސައިނަކީ މިހާރު، ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ފައިނޭންޝަލް ސްޓްރެޓެޖީސްގެ ސީއީއޯ އެވެ. އޭނާ މައިގަނޑު ގޮތެއްގައި ވަޒީފާ އަދާކުރައްވާފައި ވަނީ ހިއުމަން ރިސޯސަސްގެ ދާއިރާގަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ހުސައިންގެ ފޯމް ބަލައިގަނެ ކެންޑިޑޭސީއާ މެދު 48 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.
"އަމިއްލަ ގޮތުން ވާދަކުރުމަށް ބޭނުންވާ ސޮއި (1،500 މީހުންގެ ސޮއި) ހަމަކޮށް ފޯމް ހުށަހަޅާފައިވަނީ. އެކަމަކު އެ ފޯމުތައް ބަލައި 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑޭސީއާ މެދު ގޮތެއް ނިންމާފައި އަންގާނަން،" އަކްރަމް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުސައިންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ 1،800 މީހުންގެ ސޮޔާ އެކު އެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި އޭނާ ވަނީ 3،000 މީހުންގެ ސޮއި ހޯއްދަވައިފަ އެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހު ހަމަވާ އިރު އެ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ކުރިމަތިލައްވާފައިވަނީ ދެ ބޭފުޅުންނެވެ. އެއީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އަމިއްލަ ގޮތުން ކުރިމަތިލެއްވި ހުސައިނެވެ.
އެ ދެ ބޭފުޅުންގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީނާއި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ވާދަކުރައްވަން ނިންމަވައިފަ އެވެ. އޭގެ އިތުރުން ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ވެސް ވަނީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާނުކުރައްވައިފަ އެވެ.
އީސީން ކުރިން ބުނެފައިވާ ގޮތުގައި އަންނަ މަހުގެ 23 ގައި ރިޔާސީ އިންތިޚާބުގައި ވާދަކުރަން މިހާތަނަށް ހަތް ބޭފުޅަކު ވަނީ ފޯމް ނަގައިފަ އެވެ.