ކެމްޕޭނަށް ޑރ. ޝަހީމް ލ. އަތޮޅަށް ވަޑައިގެންފި

އަންނަ މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ހަވީރު ލ. އަތޮޅަށް ވަޑައިގެންފި އެވެ.


ޝަހީމް މިއަދު ހަވީރު ކައްދުއަށް ފައިބާ ވަޑައިގެންނެވިއިރު މަރުހަބާ ދެންނެވުމަށް އެ އަތޮޅުގެ އެކި ރަށްރަށުގެ ޕީޕީއެމްގެ ސަޕޯޓަރުން ޖަމާވެފައި ތިއްބެވެ އެވެ. އޭގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވެސް ޝަހީމަށް މަރުހަބާ ދެންނެވުމަށް ވަޑައިގެން ހުންނެވި އެވެ.

ރައީސް ޔާމީންގެ ރަނިންމޭޓް ޝަހީމ މިއަދު ހަވީރު ލ. އަތޮޅަށް ވަޑައިގެން އާއްމުންނާ ބައްދަލުކުރައްވަނީ.

ޝަހީމްގެ މިދަތުރުފުޅުގައި ވެސް އެކި ރަށްރަށަށް ވަޑައިގެން ޕާޓީގެ ސަޕޯޓަރުންނާ ބައްދަލުކުރުމުގެ އިތުރުން ދޮރުންދޮރަށް ހިންގުން ވެސް އޮންނާނެ އެވެ.

އިސްލާމިކް ޔުނިވަސިޓީގެ ޗާންސަރުގެ މަގާމުގައި ހުންނެވި ޝަހީމް ވަނީ މިދިޔަ ހަފުތާގައި ގދ. ތިނަދު އަށް ވަޑައިގެން އެ ރަށުގައި ތިބި ޕާޓީގެ ސަޕޯޓަރުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. ޝަހީމް ރަނިންމޭޓަކަށް ހަމަޖެއްސުމަށްފަހު އެންމެ ފުރަތަމަ ވަޑައިގެންނެވީ އުފަން އަތޮޅު ގއ. އަށެވެ. އޭގެ ފަހުން ފުވައްމުލަކަށް ވެސް ވަޑައިގެން ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވި އެވެ.