ހޯރަފުށީ އެއާޕޯޓަށް ބިން ހިއްކޭ ގޮތް ނުވެގެން ކޮންނަ ބޯޓު ގެންގޮސްފި

ހއ. ހޯރަފުށީ އެއާޕޯޓް ހަދަން ބިން ހިއްކުމަށްޓަކައި ގެންދިޔަ "މަހާޖައްރާފު"، މަހަކަށް ވުރެ ގިނަ ދުވަހު އޮތުމަށް ފަހު ހިއްކޭ ގޮތް ނުވެގެން، ތ. އަތޮޅަށް ގެންގޮސްފި އެވެ.


ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ މާފިނޮޅުގައި ހަދާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކޭ ގޮތް ނުވީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެމްޓީސީސީގެ ބިޔަ ކޮންނަބޯޓު އަޅާފައި އޮންނަން ޖެހުނު ހިސާބުގެ ގޮތުން އެކަން ކުރެވޭ ގޮތް ނުވެގެންނެވެ. ބައެއް މީހުން ބުނާ ގޮތުގައި ކޮންނަ ބޯޓުގެ ހޮޅި ގުޅާފައި ބާއްވަން، ރާޅުބާންޏާއި އޮއިގެ ސަބަބުން، އުނދަގޫތައް ކުރިމަތިވީ އެވެ.

ތ. ގުރައިދޫގެ ބައެއް ހިއްކަން މަހާޖައްރާފު އެ އަތޮޅަށް ފުރީ އޯގަސްޓް 20 ގަ އެވެ.

ހޯރަފުށީ އެއާޕޯޓަކީ ރައީސް އަބްދުﷲ ޔާމީންގެ މި ދައުރަށް ވެވަޑައިގެންނެވި ވައުދެކެވެ.

އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ދިމާވި ހުރަސްތަކާ ބެހޭ ގޮތުން އެމްޓީސީސީގެ ފަރާތުން ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށަން އެ ރަށުގައި މިދިއަ މަހު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ 1.2 ކިލޯ މީޓަރުގެ ރަންވޭއަކާ އެކު ހަދާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް 203 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ކަމަށެވެ.

ގާތްގަނޑަކަށް 64 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭ މަޝްރޫއުގެ ދަށުން 16 ހެކްޓަރުގެ ބިން ހިއްކަން ޖެހެ އެވެ.

ހޯރަފުށީގެ އުތުރުގައި އޮންނަ މާފިނޮޅުގައި ތަރައްގީކުރާ އެއާޕޯޓާއި ހޯރަފުށި ގުޅާލަނީ ހިއްކައިގެން ހަދާ މަގަކުންނެވެ.

އެކަމަކު އެ ހުރިހާ ބިމެއް ހިއްކަން އަލުން މަހާޖައްރާފު ހޯރަފުއްޓަށް ދާނީ ކޮން އިރަކުކަމެއް އަދި ނޭނގެ އެވެ.