"ގުޑާނުލެވި" ވަކި ފިކުރެއްގައި އަރިއަތޮޅު ނޯވެ، ވިސްނުން ބަދަލުކުރަންޖެހޭ: ރައީސް

ވަކި ފިކުރެއްގެ މަތީގައި "ގުޑާނުލެވި" އަރިއަތޮޅުގެ ރައްޔިތުން ވެސް ނުތިބެ، ތަރައްގީގެ ވިސްނުމާ އެކު ކުރި އަށް ދާން ރައީސް އަބްދުﷲ ޔާމީން އދ. މާމިގިލީގައި މިއަދު ގޮވާލައްވައިފި އެވެ.


މާމިގިއްޔަކީ، ޖުމްހޫރީ ޕާޓީގެ ފައުންޑަރު، ގާސިމް އިބްރާހީމްގެ އުފަން ރަށް، އަދި ރައްޔިތުންގެ މަޖިލީހުގައި ވެސް އޭނާ ތަމްސީލްކުރައްވާ ދާއިރާ އެވެ. އއ. އަދި އދ. އަތޮޅުގައި ގާސިމަށް ތާއީދު ބޮޑު އިރު، މިހާތަނަށް ބޭއްވި އިންތިޚާބުތަކުގައި ނަތީޖާ ނެރެދީފައި ވަނީ ވެސް އޭނާގެ ވިސްނުމާ އެއްގޮތަށެވެ.

ރައީސް ޔާމީން މިއަދު އެދިވަޑައިގަތީ، އަރިއަތޮޅުގެ ރައްޔިތުން އެ ވިސްނުމުގެ މަތީގައި ނުތިބުމަށެވެ. އެ އަތޮޅަށް ތަރައްގީ ގެނެސްދީފައި ވަނީ އެހެން އެއްވެސް ސަރުކާރެއްގައި ނޫން ކަމަށާއި އެ މަނިކުފާނުގެ ފަސް އަހަރުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

"އަރިއަތޮޅުގެ ތަރައްގީއަކީ ވަކި ބަޔަކު ގެނައި ތަރައްގީއެއް ނޫން. އަރިއަތޮޅަށް އެންމެ ގިނަ މަޝްރޫއުތައް ހިންގާފައި ވަނީ މި ފަސް އަހަރުގެ ތެރޭގައި. މާމިގިލީގެ ރައްޔިތުން އެކަމަށް ހެކިވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ވެރިކަމުގައި މާމިގިއްޔަށް އެކަނި ވެސް 258 މިލިއަން ހޭދަކޮށްފައިވެ އެވެ.

"އެހެންވީމަ، ނުޖެހޭ ވަކި ފިކުރެއްގެ މަތީގައި ގުޑާނުލެވި ތިބޭކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން، އއ. ތޮއްޑޫގައި: އަރިއަތޮޅަށް ތަރައްގީ ގެނެސްދިނީ މި ސަރުކާރުން ކަމަށް ވިދާޅުވި. --ފޮޓޯ: ރައީސް އޮފީސް

"މާމިގިލީ ރައްޔިތުން ވެސް ބޭނުން ވާނީ ރަށްރަށަށް ދަތިވެފައި ހުރި ކަންކަން ފުއްދަން. މާމިގިލީ މީހުން ނުބުނާނެ މި ތަނުގެ ބަނދަރު ކައިރި އަށް އެއްވާނެ ސަރަހައްދެއް ހަދައިދޭށޭ. ތިމަންނަމެން ބޭނުންވާ ޚިޔާލެއް ވަކި ގޮތަކަށް ނޫސްތަކުގައި ފާޅުކުރަން ހުއްދަދޭށޭ. ކޮން ވާހަކައެއްތޯ ނޫސްތަކުގައި ނުލިޔަނީ. ކިތަންމެ ވާހަކައެއް އަޅުގަނޑުމެންނާ ބެހޭ ގޮތުން ދެއްކިއަސް އެ ވާހަކަތައް އަތަށް ގޮވާނެ."

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ މާމިގިލީ ރައްޔިތުން އެދިފައިވާ ގޮތަށް، އެ ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް، ބޭންކުގެ ޚިދުމަތް ވެސް އެ ރަށުގައި ގާއިމް ކޮށްދެއްވާނެ އެވެ. އެކަމަކު، އެ ފުރުސަތު މި މަހު 23ގައި ނަގާ ވޯޓުގައި އެ މަނިކުފާނަށް ފަހިކޮށްދޭން އެއް ނަމްބަރުގައި ފާހަގަ ޖަހައިދޭން ރައީސް އެދިވަޑައިގަތެވެ.