ހިންނަވަރުގައި ހުރި ބޭރު ކުންފުންޏެއްގެ މުދާތަކެއްގައި ރޯވެއްޖެ

ބޮޑު އިންވެސްޓްމަންޓަކަށް ޅ. ހިންނަވަރަށް ބޭރު ބަޔަކު ގެނެސްފައި ހުރި އަގު ބޮޑު މުދާތަކެއްގައި ރޭ ދަންވަރު ރޯވެއްޖެ އެވެ.


ދަންވަރު 3:30 ގައި ރޯވެފައި ވަނީ ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ އޯޝަން ކުއާޓިއާ ޕްރޮޕަޓީސް އިން ގެނެސްފައި ހުރި ސާމާނުތަކެއްގަ އެވެ.

ހުއިފިލަނޑަ އާލާ ކުރުމުގެ 16 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއް ފެށުމަށް ބޭނުންވާ ތަކެތި ގެނެސްފައި ހުރި އޯޝަން ކުއާޓިއާގެ ފަރާތުން ތުހުމަތު ކުރަނީ އެ ކުންފުނީގެ މުދާތަކުގައި ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމަށެވެ.

އޯޝަން ކުއާޓިއާ އިން އެގޮތަށް ތުހުމަތު ކުރި ނަމަވެސް ހިންނަވަރު ކައުންސިލުން އެކަން ޔަގީނެއް ނުކޮށްދެ އެވެ.

ހިންނަވަރު ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ އޯޝަން ކުއާޓިއާގެ މުދާ ބަހައްޓާފައި ހުރި ތަނުގައި ރޯވީ ބަޔަކު ގަސްތުގައި ކުރި ކަމަކުން ކަން ބުނަން ނޭނގޭ ކަމަށެވެ.

"އެއީ މިރަށުގެ އެންމެ ފުރަތަމަ ކުނިގޮނޑު. ރަށުގެ މެދަށްވެފައި އަލަށް ހިއްކީމަ ބޭނުން ނުކޮށް އޮތީ. ބޭރު ބައެއްގެ ބައެއް ސާމާނުތަކެއް ހުރި ތަނެއް އެއީ،" އަބްދުﷲ އިބްރާހިމް ވިދާޅުވި އެވެ.

އަލިފާންގަނޑު ނިއްވާލާފައި ވަނީ ނައިފަރު ފަޔާ ސްޓޭޝަންގެ މީހުން ގޮހެވެ.

އެ މައްސަލައިގައި އޯޝަން ކުއާޓިއާގެ ޑައިރެކްޓަރު ޑޮމިނިކް ޖިރާތު "މިހާރު" ނޫހާ ވާހަކަ ދައްކަމުން ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރީ ހިންނަވަރާ އެއް ފަޅެއްގައި އޮންނަ ގާދިއްފުށީގައި ހުއިފިލަނޑާ އާލާ ކުރާ، އެންމެ ބޮޑު ފާމް އެޅުމަށް ކަމަށެވެ.

ނަމަވެސް އެގްރިމެންޓުގައި ސޮއި ކުރިތާ އަހަރެއްގެ ތެރޭގައި، އެ ޕްރޮޖެކްޓަށް ބޭނުންވާ 16 މިލިއަން ޑޮލަރުގެ ސާމާނު ވެސް އެތެރެ ކޮށްފައި ވަނިކޮށް، އެއްވެސް އުޒުރެއް ނުދައްކައި ކައުންސިލުން އެގްރިމެންޓު ބާތިލުކޮށްފައިވާ ކަމަށް ޑޮމިނިކް ވިދާޅުވ އެވެ.

"އަޅުގަނޑުމެން ހީކުރި ގޮތަކަށް ނޫން ކަންތައް ވެގެން މި ދިޔައީ. މި ޕްރޮޖެކްޓުގެ ސަބަބުން 1000 ވަޒީފާ އިތުރުވެގެންދާނެ. އަޅުގަނޑުމެން ހީކުރީ އާންމުން މިކަން ބަލައިގަންނާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ގުދަނުގައި ރޯވުމުގެ ކުރިން އެތަނުގައި ހުރި ބައެއް މުދާ: އޯޝަން ކުއާޓިއާސް އިން ތުހުމަތު ކުރަނީ ގަސްދުގައި ރޯކޮށްލީ ކަމަށް -- ފޮޓޯ / އޯޝަން ކުއާޓިއާސް

ޕްރޮޖެކްޓަށް ގެނެސްފައި ހުރި ބައެއް މުދާތަކުގެ ތެރޭގައި 600 ޓަނުގެ ދަގަނޑާއި ލެބޯޓަރީ އަށް ބޭނުންވާ ސާމާނުތައް ހިމެނޭ ކަމަށް ޑޮމިނިކް ވިދާޅުވި އެވެ.

ރަށު ސްކޫލުގެ ހުއްދަ ލިބިގެން އެ ކުންފުނިން ސްކޫލުގައި ބަހައްޓާފައި ހުރި ބައެއް މުދާތައް ވެސް އެންގުމަކާ ނުލައި ބޭރުކޮށްފައިވާ ކަމަށް ޑޮމިނިކް ވިދާޅުވި އެވެ.

ހިންނަވަރު ކައުންސިލްގެ ރައީސް ވިދާޅުވީ ރަށު ސްކޫލުގައި ބަހައްޓާފައި ހުރި އޯޝަން ކުއާޓިއާގެ މުދާ ބޭރު ކުރުމުގައި ކައުންސިލްގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ. އަދި އެ މުދާތައް ބޭރު ކުރީ ވޯޓު ފޮއްޓެއް ބަހައްޓާތީވެ ކަމަށާއި "ހީވަނީ އެކަން ކޮށްފައި ވަނީ ދެ ފަރާތުން ވާހަކަ ދައްކައިގެން" ކަމަށެވެ.

އެ މައްސަލައިގައި ބޭރުގެ އާބިޓްރޭޝަން ކޯޓެއްގައި ދައުވާ ކުރުމަށް މިހާރު ނިންމާފައިވާ ކަމަށް ވެސް ޑޮމިނިކް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވެވުނު އެހީއެއް އެ ރަށަށްވެފައި އޮންނާނީ. ރަށުގައި ފެން ބޮޑުވެއްޖެޔާ ޕަމްޕު ގެންގޮސްގެން ދަންވަރު ވެސް ހިއްކައިދީފައި ހުންނާނީ. މަގުތައް އެބަ ހަދައިދެން. ސްކޫލަށް އެބަ ފައިސާގެ އެހީދެން،" އޭނާ ވިދާޅުވި އެވެ. "އެކަމަކު މި މައްސަލައިގައި މިހާ ބޮޑު ގެއްލުމެއް ވީމަ ގާނޫނީ ފިޔަވަޅު އަޅަން ނިންމީ."