މާފުށީ ޖަލު އޮތީ ކުއްލި ހާލަތެއްގައި: ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނަ މާފުށީ ޖަލު މިއަދު ހެނދުނުން ފެށިގެން އޮތީ ކުއްލި ހާލަތެއްގައި ކަމަށް އެތަނުން ބުނެފި އެވެ.


އެކަމަކު އެ ޖަލު ކުއްލި ހާލަތަކަށް ގެނައީ ކީއްވެގެން ކަމެއް ކަރެކްޝަންސް އިން ނުބުނެ އެވެ. އެތަނުގެ ސީނިއާ ޕްރިޒަންސް އޮފިސަރު އަހްމަދު ލުގްމާން ވިދާޅުވީ މާފުށީ ޖަލު ކުއްލި ހާލަތަކަށް ގެނައި ސަބަބާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ދެވެން ނެތް ކަމަށެވެ. އަދި އެއީ ކީއްވެގެން ކުރިމަތިވި ހާލަތެއް ކަމެއް ވެސް، އަދި މިހާރު އެތަން އޮތް ހާލަތެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.

މި ހާލަތް ކުރިމަތިވި އިރު، މާފުށީ ޖަލުގައި ހަމަނުޖެހުންތަކެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެތަނުގެ އިސް ވެރިންތަކެއް އިއްޔެ ވަނީ އެހެން މަގާމުތަކަށް ވެސް ބަދަލުކޮށްފަ އެވެ. ކަރެކްޝަންސްއިން އިއްޔެ ބުނެފައި ވަނީ ކޮންމެ އިންތިހާބަކާ ދިމާކޮށް ޖަލު ހަލަބޮލިކޮށް ހަމަނުޖެހުން ހިންގައިފާނެތީ އެކަމަށް ތައްޔާރުވެފައިވާ ކަމަށެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާން ގެންނެވި ބަދަލުތަކުގެ ތެރޭގައި މާލެ ޖަލުގެ ޑައިރެކްޓަ އޮފް ޕްރިޒަންގެ މަގާމަށް އެސްޕީ އިބްރާހިމް މުހައްމަދު ދީދީ އަދި މާފުށި ޖަލުގެ ޑައިރެކްޓާ އޮފް ޕްރިޒަންގެ މަގާމަށް ސީޕީއޯ އަހްމަދު ރިޒާ ވަނީ ހަމަޖައްސަވައިފަ އެވެ. އަދި ކަރެކްޝަންސްގެ ދެ ސުޕްރިންޓެންޑެންޓުން ކަމަށްވާ އެސްޕީ މޫސާ އަންވަރު އަދި އެސްޕީ މުހައްމަދު ޝާހީން އަލީ، ކަރެކްޝަންސްގެ ހެޑްކުއާޓަރުގައި މަސައްކަތް ކުރައްވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.