ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ދެން އުފެދޭނީ ރައްޔިތުންގެ ސަރުކާރެއް، ފުރުސަތު ނަގާ ނުލައްވާ: އިބޫ

ސެޕްޓެމްބަރު 22، 2018- މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމާލުން ފާހަގަކުރުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ ހިނގާލުމުގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

22 ސެޕްޓެމްބަރ 2018 - 17:57

ރައްޔިތުން މިހާރު ތިބި ނިކަމެތި ހާލަތުން އަރައިގަނެ ރާއްޖޭގައި ދެން އުފެދޭނީ ރައްޔިތުންގެ ސަރުކާރެއް ކަމަށް އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ނިންމާލަން ބޭއްވި އެއްވުމުގައި އިބޫ ވިދާޅުވީ މާދަމާ އަކީ ގައުމަށްޓަކައި މުހިއްމު ނިންމުމެއް ނިންމަން ޖެހޭ ދުވަހެއް ކަމަށެވެ. މާދަމާއަކީ ގައުމުގެ މުސްތަގުބަލް ކަނޑައަޅާ އަދި ރައްޔިތުންނަށް ހަގީގީ ބާރުވެރިކަން ލިބޭ ދުވަސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި ރާއްޖޭގެ އާއްމު ހާލަތު މިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވެ ދަރަނީގެ ދަންތުރައެއްގެ ތެރެއަށް ގައުމު ވެއްޓިފައިވާ ކަަމަށް ވިދާޅުވި އެވެ. ކޮރަޕްޝަނާއި އަނިޔާ އާއި ބޭއިންސާފާއި މަޖުބޫރުކުރުވުންތަކާ އެކު ރައްޔިތުންނަށް ޖައްސާފައިވާ ހާލަތުން އަރައިގަތުމަށް މާދަމާ ލިބެނީ ފަހު ފުރުސަތު ކަމަށް ވެސް ވިދާޅުވި އެވެ.

ސެޕްޓެމްބަރު 22، 2018- މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމާލުން ފާހަގަކުރުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ ހިނގާލުމުގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ރާއްޖޭގެ ގިނަ ރައްޔިތުން އެ ތިބީ އެންމެ އަސާސީ ޚިދުމަތްތަކުން މަހްރޫމްވެފައި. އެއްވެސް ރައްޔިތަކަށް ވަޒީފާގެ މާހައުލުގައި މިއަދު މިނިވަންކަމެއް ނެތް. މިނިވަންކަމާ އެކު ހައްގު ބަސް ބުނާ، ބޭއިންސާފަށް އެއްބަސްނުވުމަކީ ކުށަކަށް ހަދައިފި. ނުހައްގުން އެތައް ބަޔަކު ޖަލަށް ލައިފި. އެތައް އާއިލާއެއް ބިކަކޮށްފި،" އިބޫ ވިދާޅުވި އެވެ.

"ގާނޫނުއަސާސީގެ ހަމަތައް މުގުރައި ރާއްޖޭގެ އަމާންވެށި ކިލަނބުކޮށްފި. ހައްގަކާ ނުލައި 30 އަށް ވުރެ ގިނަ މީހުން މަރާލައިފި. އެތައް ބަޔަކު ގެއްލުވާލައިފި. އެތައް ބަޔަކަށް އަނިޔާދީފި. މަގުތަކުގެ އަމާންކަން ނަގާލައިފި. މިކަންކަމުގެ ޖަވާބު ހޯދަން ކުރެވޭ ތަހުގީގުތަކަށް ނުފޫޒު ފޯރުވައި ތަހުގީގުތައް ހުއްޓުވައި. ސަލާމަތީ ޚިދުމަތްތައް ރައްޔިތުންގެ ކުރިމަތީގައި ފަޟީހަތްކޮށް، ޚިދުމަތްތަކުގެ ބޭފުޅުން ނިކަމެތިކޮށްފި. އަދުލު އިންސާފުގެ ހުރިހާ ހަމައެއް ނެތިކޮށްފި."

ސިޔާސީ ލީޑަރުން ހިމެނޭ ބޮޑު ކޯލިޝަނާ އެކު އިންތިޚާބަށް ނުކުތީ އެ ހާލަތުން އަރައިގަނެ އަނިޔާ އިން އިންސާފު ހޯދަން ކަމަށް ވިދާޅުވި އެވެ.

އޭނާ ވައުދުވެވަޑައިގަތް ގޮތުގައި، ދެން އުފެދޭނީ ރައްޔިތުންނަށް އޯގާތެރި، އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނޯންނަ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރައްޔިތުންނަށް އުފާވެރިކަމާއި ކުރިއެރުން ލިބޭނެ ސަރުކާރެކެވެ. އެ ސަރުކާރަކީ ވަކި ކުލައަކަށް އިސްކަން ދިނުމުގެ ބަދަލުގައި ހަމަހަމަ ފުރުސަތުތަކެއް ކަށަވަރުވާނެ ސަރުކާރެއް ކަމަށް ވިދާޅުވި އެވެ.

ސެޕްޓެމްބަރު 22، 2018- މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމާލުން ފާހަގަކުރުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ ހިނގާލުމުގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

ގަޑުބަޑުކޮށްފައިވާ ދައުލަތް ހިންގުމުގެ ނިޒާމް، އިބޫ ވިދާޅުވި ގޮތުގައި އަލުން ގާނޫނުއަސާސީގެ ތެރެއަށް ގެނެވޭނެ އެވެ. އަދި ރާއްޖޭގެ ބައިތުލްމާލުން ބިލިއަނުން ގެއްލިފައިވާ ފައިސާ ދިވެހި ރައްޔިތުން ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި ލާޒިމްކޮށްފައިވާ ގޮތަށް، ރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމަކީ ނުކުރެވޭނެ ކަމެއް ކަމަށް ގޮންޖަހައި ބާރުތައް ނުހިފަހައްޓަވާނެ އެވެ. ގާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލްތަކަށް ފުރިހަމަ ބާރާއި އިޚްތިޔާރުދީ ރަށްތައް ތަރައްގީކުރުމުގައި ރައްޔިތުންގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދަން ޖާގަ ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި ރާއްޖޭގައި ދެން އުފެދޭނީ ރައްޔިތުންގެ އަޑު ގާތުން އަހާނެ ސަރުކާރެކެވެ. އަނިޔާ އާއި ބޭއިންސާފަށް ނޫނެކޭ ބުނާނެ ސަރުކާރެކެވެ. އިންސާފުގެ ދަތުރު ފަށަނީ މާދަމާ ރައްޔިތުންގެ ނިންމުމާ އެކުގައި ކަަމަށް ވިދާޅުވި އެވެ. އެ ދަތުރުގައި، ރައްޔިތުންނަށް ގެއްލިފައިވާ ހައްގުތައް ހޯދައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ދެން އުފެދޭނީ ރައްޔިތުންގެ އަޑު، ގާތުން އަހާނެ ސަރުކާރެއް، އެއްވެސް އާއިލާއެއް ބާކީ ނުވާނެ، ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ސަރުކާރެއް،" އިބޫ ވިދާޅުވި އެވެ.

"މިއީ ގައުމުގެ ކަންކަން ހަމައަކަށް އަޅުވަން ލިބޭ ފަހު ފުރުސަތު. އެ ފުރުސަތު ނަގާ ނުލައްވާ،"

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454