ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރެއްވި ކަން ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ. މިއީ، އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވި ކަން ސަރުކާރުން ރަސްމީކޮށް އިއުލާންކުރި ފުރަތަމަ ފަހަރެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ރަސްމީ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓު (58.4 ޕަސެންޓުން)ނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓު، (41.6 ޕަސެންޓެ)ވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން ވޯޓުލާފައިވެ އެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، މ. އަދި ފ. އަތޮޅު ފިޔަވައި ހުރިހާ އަތޮޅަކުން މެޖޯރިޓީ ހޯއްދެވީ އިބޫ އެވެ.
އީސީން އާއްމުކުރި ވަގުތީ ނަތީޖާއާ ހަވާލާދީ، ފޮރިން މިނިސްޓްރީން ބައިނަލްއަގުވާމީ މުޖުތަމައަށް އާއްމުކުރި ބަޔާނެއްގައި، ބޮޑު ތަފާތަކުން ރައީސް ޔާމީންގެ މައްޗަށް ކުރި ހޯއްދެވިކަން ވަނީ އިއުލާންކޮށްފަ އެވެ. އެއާއެކު ގާނޫނުގައިވާ ގޮތުގެ މަތިން ސަރުކާރު ބަދަލުކުރުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް އެ ބަޔާނުގައި ދީފައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ނިމިގެން ދިޔަ ރިޔާސީ އިންތިޚަބަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމަށެވެ.