ރިލްވާން ގެއްލުުނު މައްސަލަ ފުރިހަމައަށް ތަހުގީގުކުރަން އެމެރިކާއިން ގޮވާލައިފި

މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލަ ފުރިހަމައަށް ތަހުގީގުކުރަން ޖެހޭ ކަމަށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ގޮވާލައްވައިފި އެވެ.


ސްރީލަންކާގައި ހުންނަވާ ސަފީރު ވިދާޅުވީ ރިލްވާން ގެއްލުނުތާ ދެ އަހަރު ފާއިތުވެއްޖެ ކަމަށާއި އެ މައްސަލަ ފުރިހަމައަށް ތަހުގީގުކުރަން ޖެހޭ ކަމަށެވެ. އަދި މިނިވަން ނޫސްވެރިކަމަށް ޖާގަ ދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މަރުގެ އިންޒާރުތަކަކަށް ފަހު، މިނިވަން ނޫހުގެ ނޫސްވެރިޔާ "ގެއްލުނީ" ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓުންނެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެފަދަ އެންމެ ނުރައްކާތެރި ހާދިސާ އަށް މިއަދު ދެ އަހަރު ފުރުނުއިރު ވެސް އެ މައްސަލަ ކޮޅެއްގައި ނުޖެހެ އެވެ. ރިލްވާނަށް ވީ ގޮތެއް، އަދި އޭނާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭއިރު އެކަން ކުރީ ކޮން ބަޔަކު ކީއްވެ ކަމެއް، ދުނިޔޭގައި ހުރި ކަމެއް ވެސް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. މިއީ، ހައްތާ ވެސް ފުނިޖެހިފައި ހުރި ސުވާލުތަކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މި އަހަރުގެ ކުރީކޮޅު ބުނެފައި ވަނީ ރިލްވާން ގެއްލުމުގެ ކުރިން ބަޔަކު އޭނާއަށް ފާރަލި ކަމަށެވެ. އަދި އޭނައަށް ބަޔަކު ފާރަލަމުންދިޔަ ވީޑިއޯއެއް ފުލުހުން އާއްމުކޮށްފައިވެ އެވެ.