ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުމުގެ ބިލް ތަސްދީގު ކުރައްވައިފި

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.


ރައްޔިތުންގެ މަޖިލިހުން މިދިޔަ އަންގާރަދުވަހު ފާސްކުރި މި ބިލް ތަސްދީގު ކުރެއްވީ، ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމަށް އދ. އިން ރައީސް ޔާމީނަށް އިއްޔެ ގޮވާލާފައި ވަނިކޮށެވެ. މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފަ އެވެ. މިއީ ގެޒެޓްކުރާ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ ގޮތަށް ފާސްކޮށްފައިވާ ބިލެކެވެ.

އަބުރު ރައްކާތެރިކުރުމުގެ ބިލް ތަސްދީގު ކުރެއްވި އިރު، އޭގެ ސަބަބުން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަން ހުއްޓިދާނެ ކަމުގެ އިންޒާރު ނޫސްވެރިންނާއި އާންމުންގެ ތެރެއިން އެތައް ބަޔަކު އައީ ދެމުންނެވެ. ބައެއް ނޫސްވެރިން ބުނާ ގޮތުގައި މި ބިލް ގާނޫނަކަށްވުމާ އެކު ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން، 1980ގެ އަހަރުތަކަށް ވުރެ ވެސް ފަހަތަށް ވެއްޓުނީ އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި ބިލާ މެދު އެންމެ ބޮޑު ކަންބޮޑުވުންތަކެއް ފާޅުކުރީ މީޑިއާތަކުގެ އިސް ވެރިންނެވެ. ބިލު ދިރާސާ ކުރި ކޮމެޓީގައި ބައެއް ނޫސްވެރިން ވަނީ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފަ އެވެ. އަދި ބިލުގައި މިނިވަން ނޫސްވެރިކަން ކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށާއި ނޫސްވެރިންނަށް ފަހި ފުރުސަތުތަކެއް ލިބިދޭ ގޮތަށް ބިލު ފަރުމާ ކުރަން ގޮވާލި އެވެ.

ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އދ. މަޖިލީހުގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ ގޮފީގެ ސްޕެޝަލް ރެޕެޓުއާ ޑޭވިޑް ކޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފއި ވަނީ މި ގާނޫނުގެ ސަބަބުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައިވާ ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ މިނިވަންކަމާ އެކު ހިޔާލުފާޅުކުރާ ފަރާތްތަކަށް ދިން ހަމަލާއެކެވެ.

ބޭރުގެ ބައެއް ގައުމުތަކުން ވެސް މި ގާނޫނާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ބިލުގައި ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުތަކަކީ ރައްޔިތުންނަށް ދައްކަން ކުޅަދާނެ އަދަދުތަކެއް ނޫން ކަމަށް ނޫސްވެރިން ބުނެ އެވެ. އެހެންވެ، ޖޫރިމަނާގެ އަދަދުތައް އެކަށީގެންވާ އަދަދަކަށް ކުޑަ ކުރުމަށާއި ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލަ އިސްތިއުނާފް ނުކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް ދިނުމަށް ނޫސްވެރިން އެދުނެވެ. އަދި ބިލުގައި، ނޫސްވެރިންނަށް ރިޕޯޓު ކުރުމުގައި ހުރި ދަތިތައް ފިލުވާލައި، އަބުރާ ނުބެހި، ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދޭން އެދުނެވެ.

ނަމަވެސް ބިލް ދިރާސާކުރި ކޮމިޓީ އަށް އެކި މީޑިއާތަކުން ދިން ލަފާގައި ހިމެނޭ ރަނގަޅު އެއްވެސް ބަދަލެއް ބިލަށް ގެނެސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ކެލާ ދާއިރާގެ އަލީ އާރިފް ބިލަށް ހުށަހެޅުއްވީ ކުރިއަށް ވުރެ ވެސް ގޯސް އަދި ނުރައްކާތެރި އިސްލާހުތަކެކެވެ. އެ ބިލް ފާސްކުރީ އެ އިސްލާހުތަކަކާއި މަޖިލީހުގެ ތަޅުމަށް ހުށަހެޅި އިސްލާހަކާ އެކުގަ އެވެ.

ދައުލަތުގެ އެކި މަސްއޫލުވެރިންނަށް ފާޑުނުކިޔޭ ގޮތަށް ބައްޓަންކޮށްފައިވާ ގާނޫނުގައި މީހަކަށް ނުސީދާ ގޮތަށް ރައްދުވާ ގޮތަށް އެއްޗެއް ބުނެ، ލިޔެ ނުވަތަ އިޝާރާތެއް ކޮށްގެން ވެސް އަބުރާ ބެހެވުނީ ކަމަށް ބަލައި ބޮޑު ޖޫރިމަނާއެއް ކުރެވިދާނެ އެވެ. އަދި ޖޫރިމަނާ ނުދައްކައިފި ނަމަ ޖަލު ހުކުމެއް އަންނާނެ އެވެ.

ގައުމީ ސަލާމަތަށް ނުރައްކާ ވާފަދަ ހިޔާލުފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލުފާޅުކުރުން ވެސް ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. އެކަމަކު އެ ދެ ދާއިރާ އިން ކުށްވެރިވާނީ ކޮން ގޮތަކަށް ހިޔާލުފާޅުކޮށްގެން ކަމެއް ބުނެފައެއް ނުވެ އެވެ. އެހެންކަމުން އެއީ ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އަޅާ ހުރަހެއް ކަމާއި ބިރުދެއްކުމެއް ކަމަށް ނޫސްވެރިން ގަބޫލުކުރެ އެވެ.

ބިލުގައި އޮތް ގޮތުން ދައްކާ ވާހަކައެއް، ބުނާ ބަހެއް، ލިޔާ ލިޔުމެއް، ކުރަހާ ކުރެހުމެއް، ތަސްވީރެއް، އިޝާރާތެއް، ދައްކާ ހަރަކާތެއް، އިއްވާ އަޑަކުން ވެސް މީހެއްގެ އިއްޒަތަށް އުނިކަން ލިބޭ ކަމަށް ތިން ވަނަ ފަރާތެއްގެ ނަޒަރުގައި ގަބޫލުކުރެވޭ ނަމަ އަބުރާ ބެހުނު ކަމަށް ބަލައި އަދަބު ދެވޭނެ އެވެ.

މި ބިލު ގާނޫނަކަށްވުމުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވާނީ ނޫސްވެރިންނަށެވެ. ބިލުގައި އޮތް ގޮތުން، ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުގެ ޝަކުވާ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ މުއައްސަސާއިން ބަލައި ތަހުގީގުކުރަން ޖެހޭނެ އެވެ. އެގޮތުން ޖޫރިމަނާ ކުރުމާއި އިދާރީ ފިޔަވަޅު އެޅުމުގެ ހައްގު މުއައްސަސާއަށް ލިބިގެންވެ އެވެ.

މީޑިއާތަކުން މި ގާނޫނާ ހިލާފު ވެއްޖެ ނަމަ 50،000 ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެކަމަކު، ވަކިވަކި ނޫސްވެރިންނަށް ވަކިން ޖޫރިމަނާގެ އަދަދުތަކެއް ކަނޑައަޅާފައިވެ އެވެ. އެ ގޮތުން، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭނީ 50،000 ރުފިޔާ އާއި 150،000 ރުފިޔާއާ ދެމެދުގެ އަދަދަކުންނެވެ. އެ ޖޫރިމަނާ ނުދައްކައި، ކޯޓުގައި މައްސަލަ އިސްތިއުނާފެއް ނުކުރެވެ އެވެ. މި ބިލުގައި ކަނޑައަޅާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކާ މީޑިއާތަކުގެ ލައިސަންސް ސަސްޕެންޑް ކުރަން ނުވަތަ ބާތިލް ކުރަން މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކަށް މަޖުބޫރުވެ އެވެ.

ބިލު ފަރުމާކޮށްފައި އޮތީ ގާނޫނުގައި ބަޔާންކުރާ ހަމަތަކާ ތައާރުޒުވާ ކޮންޓެންޓެއް ހިމެނިއްްޖެ ނަމަ، އެ އިވެންޓެއްގެ ބްރޯޑްކާސްޓިން ވަގުތުން މެދުކަނޑާލާނޑާލަން ވެސް ޖެހޭ ގޮތަށެވެ. އަދި ބުނެފައި ވަނީ އަބުރާ ބެހޭ ޒާތުގެ ކޮންޓެންޓެއް، ވަގުތުން ގެނެސްދޭ އިވެންޓެއްގައި ހިމެނިއްޖެ ނަމަ، އެ އިވެންޓެއް ބްރޯޑްކާސްޓްކުރާ މީޑިއާ އަށް ހުށަހަޅައި، ލައިވް ފީޑް ހުއްޓާލަން އެދުމުގެ ހައްގު އަބުރާ ބެހެވުނު ފަރާތަށް ލިބިގެންވާ ކަމަށެވެ.

ބިލްގައި ބުނެފައިވާ ގޮތުން، އެ ހާލަތުގައި އެފަދަ ކޮންޓެންޓެއް ހިމެނޭ ލައިވް ފީޑް މެދުކަނޑާލަން ކަމާ ބެހޭ ދައުލަތުގެ މުއައްސަސާއަކުން އަންގާ އެންގުމަކަށް އެ މީޑިއާއަކުން ވަގުތުން އަމަލުކުރަން ޖެހެ އެވެ. އަދި ލައިވް ފީޑް މެދުކަނޑާނުލައިފި ނަމަ، ކަމާބެހޭ ގާނޫނާއި ގަވައިދުގައިވާ ގޮތުގެ މަތިން އެ މީޑިއާއަކާ މެދު ފިޔަވަޅު އަޅަންވާނެ ކަމަށް ވެސް ބިލްގައިވެ އެވެ

މީޑިއާ ފިޔަވައި އެހެނިހެން މީހުންގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި ނަމަ، އެ މައްސަލައެއް ތަހުގީގުކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވަން ޖެހޭނެ އެވެ. އާންމު ނިޒާމާ ހިލާފު ހިޔާލުފާޅުކޮށްގެން 25،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. އަދި އަބުރާ ބެހިގެންނާއި ގައުމީ ސަލާމަތަށް ނުރައްކާވާ ހިޔާލުފާޅުކޮށްގެން 25،000ރ. އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ޖިނާއީ ދައުވާއެއްކޮށް ތިން މަހާއި ހަމަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.