22 އޮކްޓޯބަރ 2018 - 13:13
ހައުސިން މިނިސްޓްރީގެ އިވެންޓްތަކެއް ބާއްވަން 17 މިލިއަން ރުފިޔާ އަށް އޮޓޯ ކްރިއޭޓިވް އަށް ދިންކަން އެނގޭ ލިއުންތަކެއް ސޯޝަލް މީޑިއާގައި ލީކުވުމާ އެކު، އިވެންޓް މެނޭޖްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އެހެން ބައެއް ފަރާތްތަކުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ހާމަކުރި އެއް ލިއުމުން އެނގޭ ގޮތުގައި ހައުސިން މިނިސްޓްރީގެ 18 އިވެންޓެއް ބާއްވަން މި އަހަރު އޮޓޯ ކްރިއޭޓިވް އަށް ދިން އިރު އޭގެ ޖުމްލަ އަގު 17.3 މިލިއަން ރުފިޔާއަށް އަރަ އެވެ.
އެންމެ ބޮޑު އަގެއްގައި ކޮށްފައި ވަނީ 1.4 މިލިއަން ރުފިޔާއަށް ލ. އަތޮޅުގައި ބޭއްވި އިވެންޓަކާއި ނ، ރ، އަދި ޅ. އަތޮޅުގައި ބޭއްވި އިވެންޓްތަކަށް ހޭދަކުރި 1.6 މިލިއަން ރުފިޔާ އެވެ. އެއީ ސީދާ ކޮން އިވެންޓްތަކެއް ކަމެއް އެ ލިއުމުގައި އެނގޭކަށް ނެތެވެ.
ސިނަމާލެ ބްރިޖް ހުޅުވުމުގެ އިވެންޓާއި ބްރިޖްގައި ބޭއްވި ކައިވެނި ހަފުލާތައް ވެސް އިންތިޒާމްކުރީ އޮޓޯ ކްރިއޭޓިވްގެ ފަރާތުންނެވެ.
ޖުމްލަ 17 މިލިއަން ރުފިޔާ ޖެހޭ އެ ހުރިހާ އިވެންޓްތަކެއް އެއް ކުންފުންޏަކަށް ދިނީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެއީ ބިޑް ކުރުމަށް ފަހު "ރިޓެއިނާ ބޭސިސް"ގައި ހަވާލުކުރި މަސައްކަތްތަކެއް ކަމަށެވެ.
އިވެންޓް މެނޭޖްކުރުމުގެ ދާއިރާގައި ރިޓެއިނާ ބޭސިސް ކަމަށް ބަލާފައި ވަނީ ވަކި މުއްދަތަކަށް މަސައްކަތް ކޮށްދޭ ގޮތަށް މަހަކު ވަކި އަގެއް ދިނުމުގެ އިތުރުން ބާއްވާ އިވެންޓްތައް، މާކެޓް ރޭޓަށް ވުރެ ދަށް އަގެއްގައި، ކޮށްދިނުމަށެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އޮޓޯ ކްރިއޭޓިވްއާ އެކު ހައުސިން މިނިސްޓްރީން ދެ އަހަރުގެ އެއްބަސްވުމެއް ހެދީ މިދިޔަ އަހަރު އެވެ. އެ އެއްބަސްވުމުގެ ދަށުން ކޮންމެ މަހަކު އެ ކުންފުންޏަށް މިނިސްޓްރީން ވަކި ފީއެއް ދެ އެވެ.
އެކަމަކު އިވެންޓް މެނޭޖްކުރުމުގެ ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ލީކުވި އަގުތަކަށް ބަލާއިރު އޮޓޯ ކްރިއޭޓިވް އިން އިންވޮއިސް ކޮށްފައި އެވަނީ ރާއްޖޭގެ ނިސްބަތުން ވެސް ވަރަށް ބޮޑު އަގުތަކެކެވެ. އެހެންކަމުން އެއީ ރިޓެއިނާ ބޭސިސްގެ އުސޫލަށް ފެތޭނެ ކަމެއްތޯ، ބައެއް ބޭފުޅުން ސުވާލު އުފެއްދެވި އެވެ.
އިވެންޓް މެނޭޖްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ބައެއް އެހެން ފަރާތްތަކުން ބުނާ ގޮތުގައި މި ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ މަސައްކަތްތައް ހަވާލުކުރަނީ އޮޓޯ ކްރިއޭޓިވްގެ އިތުރުން އެހެން ދެ ކުންފުންޏަކާ އެވެ. އެކަމަކު ހަވާލުކުރަނީ ބިޑްކޮށްގެން ކަމަށް ބުންޏަސް، އެއީ ތަފްސީލުކޮށް އެންމެންނަށް އެނގޭ ގޮތަށް ކުރާ ބިޑެއް ނޫން ކަމަށް ވެސް، ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.
"މިސާލަކަށް [ނަން އުނިކޮށްފައި] އިއުލާންކޮށްފާނެ ކޮންސަލްޓެންޓެއް ހޯދަން. އަޅުގަނޑުމެން ނުދާނެތާ ކޮންސަލްޓެންޓެކޭ ބުނެގެންނެއް. އެކަމަކު ފަހުން މި އެނގެނީ އެއީ ލައިޓިންގެ މަސައްކަތާއި މިވެނި ތަނެއް ތައްޔާރުކުރަންކަން،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
އޭގެ އިތުރުން މި ސަރުކާރުން ފޭވާކުރާ ދެ ތިން ކުންފުންޏަށް މަސައްކަތް ހަވާލުކުރަން އޯޕަން ބިޑް ހުޅުވާލުމުގެ ކުރިން ވެސް އަޑިން އެހެން ކަންކަން ރާވާފައި ހުންނަ ކަމަށް، ދާއިރާގެ ބައެއް މީހުން ބުނެ އެވެ. އެގޮތުން މިސާލެއްގެ ގޮތުން އެކަކު ބުނީ ބޮޑު އިވެންޓެއް ބާއްވަން ކުންފުންޏަކުން ނުވަތަ މިނިސްޓްރީއަކުން ވަކި ދުވަހެއް ކަނޑައަޅާފައި އެކަން އެ މަސައްކަތް ހަވާލުކުރަން ބޭނުންވާ ފަރާތަށް ކުރިއާލާ އަންގާ ކަމަށެވެ. އޭރު އެ މީހުން ތިބެނީ، އޭނާ ބުނި ގޮތުގައި، އިވެންޓަށް ބޭނުންވާ ހުރިހާ ކަމެއް ތައްޔާރުކޮށްގެންނެވެ.
"މިސާލަކަށް ހަތަރު ދުވަހުން ފުލްކޮށް މަސައްކަތްކޮށްގެން ތައްޔާރުކުރެވޭ އިވެންޓެއް. އަޅުގަނޑުމެން މި ޖެހީ ބިޑްގައި ހަތަރު ދުވަސް. އެކަމަކު އެއްކަލަ ދޭން ބޭނުންވާ ކުންފުނި މި ޖަހަނީ އެއް ދުވަސް. ދެން ފަހުން މި އެނގެނީ އިވެންޓް ބާއްވާކަން އަނެއް ދުވަހު. އަޅުގަނޑުމެންގެ ބިޑް ކެންސަލްވާނެ ނޫންތޯ ހަތަރު ދުވަސް ޖަހާފައި އޮތުމުން،" އޭނާ ބުންޏެވެ.
އެފަދަ މަކަރު ހެދުންތަކުގެ ތެރެއިން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނާޖާއިޒު ގޮތުގައި ވަކި ބަޔަކަށް ފައިދާތަކެއް ހޯދައިދެނީކަން، އެ ދާއިރާގެ މީހުން ބުނެ އެވެ.
"މި ސަރުކާރުން ކަންތައް ކުރި ގޮތުން އަސްލު މި ދާއިރާ [އިވެންޓް މެނޭޖްކުރުން] ފުނޑާލާފައި ވަނީ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
"ސަރުކާރު ކުންފުންޏަކަސް، ނުވަތަ އޮފީހަކުން ބިޑެއް ހުޅުވާލިޔަސް މިހާރު އެ ދެތިން ކުންފުނި ނޫނީ ނުދާނެ. އެނގޭވިއްޔަ އެހެން ބަޔަކަށް ނުލިބޭނެކަން."
ހައުސިން މިނިސްޓްރީގެ އިވެންޓްތަކާ ހަވާލުވި އޮޓޯ ކްރިއޭޓިވްގެ އެއް ހިއްސާދާރު ކަމަށްވާ މުހައްމަދު ޝަމްހީދު ވިދާޅުވީ އެ ކުންފުނިން އިވެންޓްތައް ބާއްވަނީ މަސައްކަތްތައް އައުޓް ސޯސްކޮށްގެން ކަމަށެވެ. އެހެންކަމުން އިވެންޓްތައް ބާއްވައިގެން ހައުސިން މިނިސްޓްރީން ދޭ ފައިސާގެ 70 ޕަސެންޓް ދަނީ މަސައްކަތްކުރާ އެހެން މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އިވެންޓްގެ އަގު މި ހަދަނީ އިވެންޓް އޮންނަ ތަނާއި މޫސުމާ މި ހުރިހާ ކަމަކަށް ބެލުމަށް ފަހު. ކޮންމެ އިވެންޓެއް ބާއްވަން ބިޑްކުރަން ދަތިވާނެތީ ސަރުކާރުން މި އޮންނަނީ ރިޓެއިނާ ބޭސިސް އުސޫލުން ދީފައި،" ޝަމްހީދު ވިދާޅުވި އެވެ.
"އެ އުސޫލު އޮތުމުން ވަރަށް ގިނަ މަސައްކަތްތައް ހިލޭ ކުރެވޭނެ މިނިސްޓްރީއަށް. ފައިސާ އާއި ވަގުތުގެ ގޮތުން ވެސް."
އެކަމަކު ޝަމްހީދުގެ އެ ވާހަކަ، އެ ދާއިރާގެ އެހެން މީހުން ގަބޫލެއް ނުކުރެ އެވެ. އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި ރިޓެއިނާ ބޭސިސް އަށް މަސައްކަތްކުރާ އެހެން ކުންފުނިތަކުން ވެސް ބައެއް ކަންކަން އައުޓް ސޯސްކުރެ އެވެ. އެކަމަކު އޭގެ ސަބަބުން މާކެޓްގައި ވަކި އަގެއްގައި ކުރެވޭ ކަންކަމަށް އެހާ ބޮޑު އަދަދުތަކެއް ނެގިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީއަކީ އޮޓޯ ކްރިއޭޓިވް އަށް އިވެންޓް މެނޭޖްކުރުން ހަވާލުކޮށްފައިވާ އެއް މިނިސްޓްރީ އެވެ. އޭގެ އިތުރުން ސަރުކާރުން އެހެން ބައެއް ކުންފުނިތަކާއި މިނިސްޓްރީތަކުގެ ހުރިހާ އިވެންޓެއް ވެސް ހަވާލުކޮށްފައި ވަނީ އޮޓޯ ކްރިއޭޓިވްއަށް ކަމަށް، މި ދާއިރާގެ މައުލޫމާތު ހުރި ބައެއް މީހުން ބުނެ އެވެ.
"މި އެނގުނީ އެންމެ މިނިސްޓްރީއަކަށް ފޮނުވި އިންވޮއިސް. އެހެން މިނިސްޓްރީތަކުން އެ މީހުންނަށް މަސައްކަތް ހަވާލުކުރީ ކޮން އަގެއްގައި ކަމެއް ނޭނގޭ. އޭގެ ތެރޭގައި އެބަ އުޅޭ ހައުސިން އަށް ވުރެ މާ ބޮޑެތި އިވެންޓްތައް ބާއްވާ މިނިސްޓްރީތައް،" މައުލޫމާތު ހުރި އެކަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިޔާ
23 October 2018
ކޮބާތަ؟ އިއުލާނުނުކޮށް ހުރި ފުލެޓްތަށް، އަލަތު ކައިވެނި، އަދި 1 ކޮޓަރި އެވެސް ދިނީތޯ އަނބިކަބަލުންގެ އާއިލާގެ ބޭފުޅުންނަށް.
ރާޅުބޯއީ
23 October 2018
ނިއުޕޯރޓް، އޮޓޯކްރިއޭޓިވް، އަދި މީގެ އިތުރަށް 2 ވަރަކަށް ކުންފުންޏަށް ސަރުކާރު ޕްރޮޖެކްޓްސް މުޅިންހެން ލިބިފަ ހުރީ، މިއެންމެންގެ މައްސަލަ ބަލާ، މުއިއްޒުއަށް ހައްގު އަދަބު ދޭން ގޮވާލާ، ސިލްސިލާ މުޒާހަރާތަކެއް ކުރާނަން! އަދަބުދޭން ޖެހޭނެ! އެހެންނޫނީ މިކަންކަން ނުހުއްޓުވޭނެ!
Dhaadhey
23 October 2018
ފްލެޓްތައްވެސް ދިނީ ރިޓެއިނަރ ބޭސިސް އުސޫލުން. އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާފައިވާ ލޯން ސްކީމްވެސް ރިޓެއިނަރ ބޭސިސްގެ އިޞޫލުން. އެޗް.ޑީސީން ހިންގި އިންވެންޓްތައްވެސް ރިޓެއިނަރ ބޭސިސްގެ އުޞޫލުން. ޕީ.އެސް.އެމް އިން ހިންގި އައިޑޮލް ޕްރޮގްރާމްވެސް ރިޓެއިނަރ ބޭސިސްގެ އުޞޫލުން. އެޑިޔުކޭޝަނުން ހިންގާ ސްކޫލްތަކުގެ އިވެންޓްތައް ވެސް އެ އުޞޫލުން. ދައުލަތް ހިންގުންވެސް ރިޓެއިނަރ ބޭސިސްގެ އުޞޫލުން ޞަދަގާތް ފައުންޑޭޝަނަށް. މިއޮތީވާ ކަމެއް.
1122
23 October 2018
17މިލިއަނުން ކޮންމެސް އެއްޗެއް މުއިއްޒުގެ ޖީބައް ދާނެކަން ޔަގީން.
11221
23 October 2018
ހުޅުމާލެއިން ރޯ ހައުސްއެއް ގަތް ދެއްތޯ؟؟
ހޮނޑާފުށީބޮުޑުހުސޭނު
23 October 2018
ތިޔަ ކޮރަޕްޝަންތައް ހުރެގެންނޭ ނޯށުން ނޭވާނުލެވިގެން އިސްލާމްދީނޭ ވަހުދަތޭ ކިޔައިގެން ތެޅިބާލަނީ މި
ހަމަބުއްދި
23 October 2018
މުއިއްޒަކީ ތިކަހަލަ ކަންތަކުގައި ގަދަ ތިނެއްގަ ހިމެނޭ ބޭފުޅެއް .. ފުލެޓްތަކުގެ މައްސަލާގައި ނޫސްވެރިންނަށް ދޭ ޖަވާބުތަކުންވެސް އެކަން ވަރަށް ރަގަޅަށް އެމަނިކުފާނެގެ ފަރާތުން ފާހަގަވާނެ ..
ކެކެހެލި
23 October 2018
މުންކޮއަށް ދިން 5މިލިއަން މަތިން އަދި ހަނދާންނުނެތޭ. މިވާހަކަ ދެއްކީމަ އަހަރެންގެ ވަޒީފާގެއްލުނީ. ވަރަށް ސަލާން ފޮރިން މިނިސްޓްރީ
hahthari
23 October 2018
މުންކޮއަށް ރިޓެއިނާއޭ ކިޔާފަ އެމްއެމްޕީއާރުސީ އިންވެސް 3 މިލިއަން ދިން. ކޮންޓްރެކްޓް ނިމިގެން ދިޔައިރު ބޭއްވީ އެންމެ އިވެންޓެއް. ސާބަސް އިނގޭ ކަލޭމެނަށް
މުންކޮގެ ހިޔަނި
23 October 2018
މުންކޮއަށް އެއްވެސް ރީޓެއިނަރ އެއް ނުދޭ އެމް.ޕީ.އާރް.ސީ އިންނެއް. މައުލޫމާތަށްޓަކައި ދަންނަވާލީ.
ހާރީ
22 October 2018
ލ.އަތޮޅަކު ހައުސިން މިނިސްޓްރީގެ ފަރާތަކުން ވޭދުވެ ދިޔަ 5 އަހަރު އެއްވެސް އިވެންޓެއް ނުބާއްވާ.
zilaa
22 October 2018
އިބޫގެ ހުރިހާ ޢިވެންޓެ ހަބް އާ ދެން ހަވާލު ވާނީ ނުލިބޭނެ އެކަޗެވެސް ތިހެން ށަކުވާ ކުރަން ޖެހޭނީ ވާނެކަމެނެއި މުޅި ގައުމު އޮތީ ކޮރަޕްޓް ވެފަ ދެން ލަލާ......
ދިވެހިމާލީ
22 October 2018
އާސަރުކާރުން މިކަންތައް ބަލާ ހައްގު އަދަބު ނުދީފިނަަމަ! ސަރުކާކާރު ބަދަލު ކުރަން ދިވެހިން ނުކުންނަން ޖެހޭނެ.