ހިޔާލު ފާޅުކުރުން ހުއްޓުވާ ގާނޫނުގެ ސަބަބުން ދިވެހިންގެ ދޫ ބަންދުވެ، ކޮންމެ މީހަކު ބައި އިންސާނަކަށް ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ރޭ ވިދާޅުވެއްޖެ އެވެ.
މި ގާނޫނާ ގުޅޭ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބޭއްވި ފޯރަމެއްގައި އިމްތިޔާޒް ވިދާޅުވި ގޮތުގައި ހިޔާލު ފާޅުކުުރުމުގެ މިނިވަންކަމަކީ މާތް ﷲ ކޮންމެ އިންސާނަކަށް ވެސް ދެއްވާފައިވާ ހައްގެކެވެ. އުޑު ދަށުގައިވާ އެއްވެސް އިންސާނަކަށް އެ ހައްގު ނިގުޅައި ނުގަނެވޭނެ ކަމަށާއި ހާއްސަކޮށް ރައްޔިތުންގެ ފަރާތުން ބާރުވެރިކަން ލިބޭ ވެރިންނަށް އެ ހައްގުން އާއްމުން މަހުރޫމް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެންމެ ބޮޑު ބޭނުމަކީ، އިމްތިޔާޒު ފާހަގަކުރެއްވި ގޮތުގައި، އަމިއްލަ ނަފްސު ދިފާއު ކުުރުމެވެ. ހައްގެއް ގެއްލުމުން އެ ހައްގެއް އަނބުރާ ހޯދޭނީ ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އިމްތިޔާޒު ވިދާޅުވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އަމަލުކުރަން ފެށި ގާނޫނުގެ ސަބަބުން ހިޔާލު ފާޅުކުުރުމުގެ ހައްގާއި ނޫސްވެރިކަމުގެ ވެށި މުޅިން އެއްކޮށް ވަނީ މަރާލާފަ އެވެ. އެއީ، އޭނާ ސިފަކުރެއްވި ގޮތުގައި، ދިރިހުއްޓާ މީހެއްގެ ދޫ ދަމައިގަތުން ފަދަ ކަމެކެވެ. އެކަމުގެ ސަބަބުން ކޮންމެ ދިވެހި ރައްޔިތަކު "ބައި އިންސާނަކަށް" ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުންނަށް ލިބިފައި އޮތް ވަރަށް މުހިއްމު، ވަރަށް އަސާސީ، ވަރަށް ބާރުވެރި ހައްގެއް އެ އޮއް ދިޔައީ ދޫވެގެން،" އިދިކޮޅު އެމްޑީޕީގެ މެމްބަރު ވިދާޅުވި އެވެ.
އިމްތިޔާޒް ވިދާޅުވީ ހިޔާލު ފާޅުކުުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ އެންމެ ބޮޑު ބޭނުމަކީ ދައުލަތުގެ މުއައްސަސާތައް ޒިންމާދާރު ކުރުވުމެވެ. ރާއްޖޭގެ ޑިމޮކްރެސީ ދުވަހަކަށް ވުރެ ދުވަހެއް ފަހަތަށް ގޮސް، މުޅި ނިޒާމު ހަލާކުވެގެން ދާއިރު ދައުލަތް ޒިންމާދާރު ކުރުވުމުގެ މަސްއޫލިއްޔަތު އެޅިފައިވާ މިނިވަން މުއައްސަސާތައް ވެސް އޮތީ ނިދާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެ ޒިންމާ މިހާރު އަދާކުރަމުން އަންނަނީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ނޫސްވެރިންނެވެ.
"މިއީ ނޫސްވެރިންނަށް ވެވޭ ވަރަށް ބޮޑު ނާއިންސާފެއް،" ވެރިކަމަށް އައުމުގައި ނޫސްތައް ބޭނުން ކުރުމަށް ފަހު މިހާރު ނޫސްވެރިންގެ ބޭނުން ކަނޑުވާލަން މަސައްކަތް ފަށާފައިވާ ކަމަށް ތުހުމަތުކުރައްވައި އިމްތިޔާޒު ވިދާޅުވި އެވެ.
ހުށަހެޅި އިރަށް ވުރެ ވެސް ހަރުކަށި ކުރުމަށް ފަހު ފާސްކޮށް، އަމަލުކުރަން ފަށާފައިވާ ގާނޫނަކީ، އިމްތިޔާޒު ވިދާޅުވި ގޮތުގައި، އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި ހިންގާފައިވާ އޮޅުވާލުމެކެވެ. މި ގާނޫނާ ނުލާ ވެސް އަބުރު ރައްކާތެރިކުރެވޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މި ގާނޫނާ ހެދި ދައުލަތް ހިންގަން އުދަނގޫތަކާ ވެސް ކުރިމަތިލާންޖެހޭނެ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގު ކުރި ގާނޫނުގެ ސަބަބުން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނެ ކަމުގެ އިންޒާރު ނޫސްވެރިންނާއި އާއްމުންގެ ތެރެއިން އެތައް ބަޔަކު އައީ ދެމުންނެވެ. ބައެއް ނޫސްވެރިން ބުނާ ގޮތުގައި މި ބިލް ގާނޫނަކަށް ވުމާ އެކު ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން، 1980ގެ އަހަރުތަކަށް ވުރެ ވެސް ފަހަތަށް ވެއްޓުނީ އެވެ.
މީގެ އިތުުރުން، އަމިއްލަ ޖަމާއަތްތައް ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ފަރާތްތައް އަދި އދ. އާއި އީޔޫ އާއި އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ބޭރުގެ ބައެއް ޖަމާއަތްތަކާއި ގައުމުތަކުން މި ގާނޫނާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.