ނާޒިމް، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ސިޔާސީ މަސައްކަތުގައި އުޅުއްވަން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމަވައިފި އެވެ.


ނާޒިމް، އެކަން އިއުލާން ކުރެއްވީ، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ފަހު، މިރޭ އެނބުރިވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް، މެލޭޝިއާގައި ހުންނަވަނިކޮށް، މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ވަނީ އޭނާގެ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން އަމުރު ކޮށްފަ އެވެ. އެއީ، އެ މައްސަލަ އަލުން ރިވިއު ކުރުމާ މެދު ގޮތެއް ނިންމަންދެނެވެ. ނާޒިމް ޖަލަށް ލީ، އޭނާ ދިރިއުޅުއްވި ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގަ އެވެ.

ރާއްޖެ ވަޑައިގަތުމުން، ނާޒިމަށް އެއާޕޯޓުން މަރުހަބާ ދެންނެވީ، އާއިލާގެ އިތުރުން އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުންނެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަރާތްޕުޅުން އައިމިނަތު ނާދިރާ ވަޑައިގަތެވެ. އެކަމަކު، ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ އެއްވެސް އިސްވެރި އަކު، ނާޒިމަށް މަރުހަބާ ދެންނެވުމަށްޓަކައި އެއާޕޯޓަށް ވަޑައެއް ނުގަންނަވަ އެވެ.

ކާނަލް ނާޒިމް މިރޭ، އެއާޕޯޓުގައި.

ލީޑަރުންނާ އެކު ހުންނަވައި ނާޒިމް ވިދާޅުވީ، މި ސަރުކާރު ގެނައުމަށް ރައްޔިތުންނަށްޓަކައި ސިޔާސީ ލީޑަރުން ވަރަށް ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި ކަމަށެވެ. އެހެންވެ، އޭނާގެ އަމާޒަކީ ގާބިލްކަން ހުރި މިންވަރަކުން، މި ސަރުކާރު ފަސް އަހަރު ދަމަހައްޓަން، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އެހީތެރިވެދީ އެއްބާރުލުން ދެއްވުން ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތުގައި އިޚްލާސްތެރިކަމާ އެކު ދެމިހުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނާޒިމް، ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

ގާސިމް ވިދާޅުވި ގޮތުގައި ނާޒިމް އަމިއްލަ އަށް ފިސްތޯލައެއް ކޮޓަރިއަށް ވެއްދެވި ކަަމަށް ބުނެ ހުކުމް އިއްވީ ނާއިންސާފުންނެވެ. އެ ވޭނާއި އަނިޔާގައި ވަރަށް ގިނަ ދުވަސްތަކެއް ނާޒިމް ހޭދަކުރައްވައިފި ކަމަށް ވިދާޅުވި އެވެ.

ނާޒިމް އާއި ޝޭހް އިމްރާން ފަދަ ބޭފުޅުން މިނިވަންވީ، ރައްޔިތުން ކޮށްދިން ބުރަ މަސައްކަތާއި އިންތިޚާބީ ރައީސް އިބޫ ހޮވަން ދިން އެއްބާރުލުމުން ކަމަށް ވިދާޅުވި އެވެ. ކޮރަޕްޝަނާއި އަނިޔާ އާއި ފަސާދަ އަށް ނޫނެކޭ ބުނެ އިންސާފަށް ރައްޔިތުން ލޯބިކުރުމަކީ ލިބުނު ކާމިޔާބީ ކަމަށް ގާސިމް ވިދާޅުވި އެވެ.

ނާޒިމާ ގުޅޭ ގޮތުން ގާސިމް ވާހަކަ ދައްކަވާއިރު އަރިހުގައި އިމްރާން. --ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނަވައި، އެއްވެސް ދިވެހި ރައްޔިތަކަށް ރައްކާތެރި ކަމެއް ނެތް ކަމަށް ނާޒިމް ވިދާޅުވި ވާހަކަ ރައްޔިތުން ގަބޫލުކޮށް، އަނިޔާ ބަލައިނުގަންނަ ކަން އެ ދުވަހުން ފެށިގެން ރައްޔިތުން ހާމަކުރަން ފެށި ކަމަށް އިމްރާން މިރޭ ވިދާޅުވި އެވެ. އަނިޔާއާ ދެކޮޅަށް ރައްޔިތުން ފެށި ދަތުރު ނިމުނީ ކާމިޔާބީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަނިޔާވެރިކަމާ ދެކޮޅަށް ކުރި މަސައްކަތުން އަޅުގަނޑުމެންނަށް މިނިވަންކަން އިހްސާސް މިކުރެވެނީ،" އިމްރާން ވިދާޅުވި އެވެ.

ނާޒިމް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ)އާ އެކު ފޮޓޯއެއް ނަންގަވަނީ. --ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

ނުހައްގުން އަނިޔާ ލިބުނު ސިޔާސީ ބޭފުޅުންނަށް ލިބުނު މިނިވަންކަމުގެ ފަހަތުގައި ވެސް ތިބީ، އިމްރާން ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުންނެވެ. ރައްޔިތުންގެ އުއްމީދު ކޯލިޝަން ސަރުކާރާ ގުޅިފައިވާ ކަން ފާހަގަކުރައްވައި، އެ އުފާވެރިކަމަށް ހުރިހާ ޕާޓީތަކުން ވެސް މަސައްކަތް ކުރައްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

ނާޒިމް ޖަލަށް ލީ، ކުށެއް ނެތި، ފްރޭމްކުރުމަށް ފަހު ކަމަށް ބުނަމުން ދަނިކޮށް، އެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ހުކުމް ކުރިތާ ދުވަސްތަކެއް ފަހުން ފުލުހުން ވަނީ ބުނެފަ އެވެ. އެ ފިސްތޯލަ އިން ނާޒިމްގެ އިނގިލީގެ ނިޝާނެއް ވެސް އަދި އޭނާގެ ޑީއެންއޭ ވެސް ފެނިފައެއް ނުވެ އެވެ.

އެއާ އެކު ވެސް ނާޒިމްގެ މައްސަލަ ބަލައި އިންސާފު ގާއިމްކޮށްދޭން ދައުލަތުން އުޒުރުވެރިވެފައި ވަނިކޮށް، ނާޒިމްއާ، ފިސްތޯލައާ ގުޅުމެއް ނެތް ކަމަށް އަދީބު ވެސް ވަނީ ވިދާޅުވެފަ އެވެ.