ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ޖޭޕީއަށް ސޮއިކުރައްވައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ދެންމެ ސޮއިކުރައްވައިފި އެވެ.


ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިހާރު ކުރިއަށް ގެންދާ ހަފްލާއެއްގައި، އެ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު، ނާޒިމް ވަނީ އޭނާގެ ފޯމު ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އަރުވައިފަ އެެވެ.

މި ހަފްލާގައި، ގާސިމް ވިދާޅުވި ގޮތުގައި މިއަދުން ފެށިގެން ނާޒިމަކީ އޭނާގެ ޕޮލިޓިކަލް އެޑްވައިޒަރު ކަމަށެވެ. ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުންގެ ގޮތުގައި މިހާރު ވެސް ތިން ބޭފުޅަކު ތިއްބަވަ އެވެ. އެއީ ނާޒިމްގެ ކޮއްކޮ އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު، ނާޒިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަރަކާތުގައި މިހާރު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ބޭފުޅަކީ ގާސިމް ކަމަށެވެ. އަދި ރާއްޖެ މިހާރު ދެކޭ ޑިމޮކްރަސީގެ ހަގީގީ ބާނީ އަކީ ގާސިމް ކަމަށް ނާޒިމް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ، އޭނާއަށް ތާއީދުކުރާ ވަރަށް ގިނަ ބަޔަކާއި "އިސް ފަރާތްތަކެއް" ޖޭޕީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ނާޒިމް ވިދާޅުވީ، އޭނާގެ ޚިދުމަތް ބޭނުންވެއްޖެ ނަމަ އާ ސަރުކާރުގެ ކޮންމެ ދާއިރާ އަކަށް ވެސް ލިބޭނެ ކަމަށެވެ. އަދި ހުންނެވީ ރައްޔިތުންގެ ޚިދުމަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ލިބިފައި ހުރި މައުލޫމާތަކާއި ލިބިފައި ހުރި ތަޖުރިބާގެ އަލީގައި އިރާދަކުރެއްވިއްޔާ މި ޕާޓީއަށް ތެދުވެރިކަމާއި ވަފާތެރިކަމާ އެކީގައި އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ޕާޓީގެ ލީޑަރަށް މި ފުރުސަތުގައި ދަންނަވާލަން،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއްގެ ބަޔަކު އިދިކޮޅު ކޯލިޝަނަށް ވޯޓު ދިނީ ހުރިހާ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުމަށެވެ. އެހެންވެ، އަންނަ ހޮނިހިރު ދުވަހު ހުވާ ކުރައްވާ އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރު މި ފަސް އަހަރު ވަންދެން ދެމެހެއްޓުމަށްޓަކައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް ވެސް އަރުވާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނާޒިމް ބޭސްފަރުވާ އަށް މެލޭޝިއާގައި ހުންނަވަނިކޮށް، އޭނާގެ ހުކުމް ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ވަނީ އަމުރުކޮށްފަ އެވެ.

ނާޒިމް، ބޭސްފަރުވާއަށް ފަހު ރާއްޖެ ވަޑައިގަތީ ރޭގަ އެވެ.

ނާޒިމް ޖަލަށް ލީ، އޭނާ ދިރިއުޅުއްވި ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގަ އެވެ. އެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ފަހުން ވަނީ ބުނެފަ އެވެ. އެކަމަކު، އެ ފިސްތޯލަ އިން ނާޒިމްގެ އިނގިލީގެ ނިޝާނެއް ވެސް އަދި އޭނާގެ ޑީއެންއޭ ވެސް ފެނިފައެއް ނުވެ އެވެ.