މިނިސްޓަރު ޝާހިދުގެ ފުރަތަމަ ބައްދަލުކުރެއްވުން ފަލަސްތީނުގެ މިނިސްޓަރާ އެކު

އާ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދުގެ އެންމެ ފުރަތަމަ ބައިލެޓްރަލް ބައްދަލުވުން ފަލަސްތީނުގެ ފޮރިން މިނިސްޓަރާ އެކު މިއަދު ބާއްވަވައިފި އެވެ.


ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޝާހިދު ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިއާދު މާލްކީއާ އެކު ބޭއްވެވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. ދިވެހި ސަރުކާރާއި ރައްޔިތުން ފަލަސްތީނު މީހުންނާ އެކު ތިބޭނެ ކަމުގެ ޔަގީންކަމާއި ފަލަސްތީނު މީހުން އެ މީހުންގެ ހައްގު ހޯދަން ކުރާ މަސައްކަތަށް ތާއީދު ކުރާނެ ކަމުގެ ޔަގީންކަން މާލްކީ އަށް ޝާހިދު ދެއްވި އެވެ. އަދި އާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަގާމުގެ ހުވައި ކުރެއްވި ރަސްމިއްޔާތަށް ވަޑައިގެންނެވީތީ އޭނާ މާލްކީ އަށް ޝުކުރު އަދާކުރެއްވި އެވެ.

މި ބައްދަލުވުމުގައި މާލްކީ ދެއްކެވި ވާހަކައިގައި ޝާހިދު ފޮރިން މިނިސްޓަރުކަމުގެ މަގާމަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވި އެވެ.

މާލްކީ އާއި ޝާހިދު ބޭއްވެވި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓްރަލް އަހުމަދު ޚަލީލާއި އެ މިނިސްޓްރީގެ ޑައިރެކްޓަރު އަބުދުލް ވާރިސް ސައީދާއި އެސިސްޓެންޓް ޑައިރެކްޓަރު މަރިޔަމް ބައްސާމާ ފާރޫގު ވެސް ބައިވެރިވަޑައިގެންނެވި އެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓަރުގެ އިތުރުން ހުވާކުރުމުގެ ރަސްމިއްޔާތަށް ރާއްޖެ އަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ އިއްޒަތްތެރިންނާ ޝާހިދު ވަނީ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުންތައް އޮތީ ރޭ ކުރުނބާ މޯލްޑިވްސްގަ އެވެ.

ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމުގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝާހިދު މި ފަހަރު އެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަމުގަ އެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ރައީސް ވެސްމެ އެވެ.