އަސްކޮއި ހައްޖު، އުމްރާ ގްރޫޕާ ގުޅިގެން އުމްރާގެ އަޅުކަމަށް ފުރަން އުޅުނު 50 މީހަކަށް ވަގު ޓިކެޓުތަކެއް ދީފައި ވާތީ މިއަދު ފުރުން ކެންސަލް ވެއްޖެ އެވެ.
"މިހާރު" އާ ވާހަކަ ދެއްކި އަސްކޮއި ހައްޖު، އުމްރާ ގްރޫޕުގެ މީހަކު ބުނީ ފުރުން ކެންސަލް ވެފައި ވަނީ މިއަދު ހަވީރު 4:00 ގައި ފުރަން ހަމަޖެހިފައި އޮތް 50 މީހުންގެ ކަމަށެވެ.
އަސްކޮއި ގްރޫޕުގެ އޮފިޝަލަކު ވިދާޅުވީ، ސްރީ ލަންކަން އެއާލައިންސުން ދަތުރުކުރުމަށްޓަކައި ރާއްޖޭގެ ލޯކަލް އެޖެންޓެއް މެދުވެރިކޮށް ގަނެފައިވާ 50 ޓިކެޓަކީ ވަގު ޓިކެޓުކަން އެނގުނީ އެއާޕޯޓަށް ދާން އުޅެނިކޮށް ކަމަށެވެ.
"އެއާޕޯޓަށް ގުޅާފައި ފްލައިޓުގެ އަޕްޑޭޓެއް ބަލަން ގުޅީމާ އެނގުނީ އެ ނަންބަރުގެ ފްލައިޓެއް ފުރަން ހަމަޖެހިފައި ނުވާކަން،" އޭނާ ބުންޏެވެ.
ގިނަ އެޖެންޓުންތަކެއް މެދުވެރިކޮށް ޓިކެޓު ނަގާފައިވާތީ ވަގު ޓިކެޓުތައް ގަނެފައި ވަނީ ކޮން އެޖެންޓެއްގެ ފަރާތަކުންކަން ބުނަން އަދި ނޭނގޭ ކަމަށް އަސްކޮއި ގްރޫޕުން ބުންޏެވެ.
"އަޅުގަނޑުމެންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް މިއީ. މިއަދު ފުރަން ދާން އުޅުމާ ހަމައަށް ވެސް އަޅުގަނޑުމެން ބަލައިގެން ތިބީ ފުރޭނެ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.
މިއަދު ނުފުރުނު 50 މީހުންނަށް ވީ އެންމެ އަވަހަކަށް ފުރޭނެ ގޮތް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އަސްކޮއިގެ އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލަ މިހާރު ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ. އަދި ކަމާބެހޭ އިދާރާތަކަށް ވެސް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް އަސްކޮއި ގްރޫޕުން ބުންޏެވެ.
އަސްކޮއި ގްރޫޕުގެ އެހެން ބަޔަކު މިއަދު ހެނދުނު ވަނީ އުމްރާއަށް ފުރައިފަ އެވެ. ހެނދުނު ފުރި މީހުންގެ ތެރޭގައި މިއަދު ހަވީރު ފުރަން ހަމަޖެހިފައި ތިބި މީހުންގެ އާއިލާގެ މެންބަރުން ވެސް ހިމެނެ އެވެ.