އައްޑޫ އާ ހޮސްޕިޓަލް އަޅަން ޖެހޭނީ އެކަމަށް ކަނޑައެޅި ބިމުގައި: ކައުންސިލް

އައްޑޫގައި އިމާރާތްކުރާ 100 އެނދުގެ ހޮސްޕިޓަލް އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ގާއިމު ކުރަން ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ހޮސްޕިޓަލް ހަދަން ކަނޑައަޅާފައިވާ ބިމުގައި ވީހާ ވެސް އަވަހަކަށް އެތަން ތަރައްގީކޮށް ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ގޮވާލައިފި އެވެ.


ކައުންސިލުން މިގޮތަށް ގޮވާލައިފައި ވަނީ އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ ހަފުތާގައި ހައުސިން މިނިސްޓްރީން ބުނެފައި ވަނިކޮށެވެ. އެ މިނިސްޓްރީން ވަނީ މި މަޝްރޫއަށް ކޮންސަލްޓެންސީ ދޭނެ ޕްރޮކިއުމަންޓް މެނޭޖަރެއް ހޯދަން އިއުލާން ވެސް ކޮށްފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އީސީސީގައި 100 އެނދުގެ ހޮސްޕިޓަލް ހަދާ ނަމަ އެއީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ހޮސްޕިޓަލެއް އަޅުއްވައި ދެއްވާ ނަމަ ވާހަކަ ގިނަ ނުކުރައްވައި މިއަދުގެ ރައީސުލްޖުމްހުރިއްޔާގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ 100 އެނދުގެ ހޮސްޕިޓަލް، އެތަން އިމާރާތް ކުރަން ރަޖިސްޓްރީކޮށްފައިވާ ބިމުގައި ލަސްނުކުރައްވައި އިމާރާތް ކުރައްވަން ފެއްޓެވުމަށް ސަރުކާރަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.

އީސީސީ: މިތަން ހޮސްޕިޓަލަކަށް ބަދަލު ކުރަން ސަރުކާރުން ވަނީ ނިންމާފައި. ފޮޓޯ: ކިއުންތެރިއެއް

ކައުންސިލުން ބުނިގޮތުގައި، އީސީސީ އަކީ އައްޑޫ ރައްޔިތުންގެ ފަހުރެކެވެ. އަދި އެތަން ނައްތާލުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންނަށް ފުރައްސާރަ ކުރުން ކަމަށް ކައުންސިލުން ބުންޏެވެ. އަދި ސަރުކާރުން ކަންކަން ކުރަން އުޅެނީ "އަމާ ބުނީތީ ފަރަށްދާ އުސޫލުން" ކަމަށް ވެސް ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

"އެހެންކަމުން އީސީސީ އާއި 100 އެނދުގެ ހޮސްޕިޓަލް ގުޅުވައި އައްޑޫގެ ރައްޔިތުންގެ ޖަޒުބާތުތަކަށް ސަރުކާރުން ފުރައްސާރަ ކުރައްވައި މަލާމާތް ކުރައްވަމުން ގެންދަވާ ގެންދެވުން ވަގުތުން ވަގުތަށް ހުއްޓަވާލެއްވުމަށް ސަރުކާރަށް ގޮވާލަމެވެ." ބަޔާނުގައި ވެ އެވެ.

އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާން ކުރީ އާ ހޮސްޕިޓަލްގެ ޑިޒައިން ވެސް ނިންމައި އެތަން އަޅަން ކަނޑައެޅި ބިން ވެސް ސާފު ކުރުމުގެ މަސައްކަތް 2014 ވަނަ އަހަރު ފެށުމަށް ފަހު އެވެ. އަދި ހޮސްޕިޓަލް އިމާރާތް ކުރާނެ ބަޔަކު ހޯދަން ބިޑަށް ވެސް ލުމަށް ފަހު، މިދިޔަ އަހަރު ވަނީ ބީލަން ވެސް ބާތިލްކޮށްފަ އެވެ.

އާ ހޮސްޕިޓަލް އަޅާ ބިން ސާފު ކުރަން ފެށި ދުވަހު ހޮސްޕިޓަލްގެ ޕްލޭނާ ބެހޭ ގޮތުން މަޝްވަރާ ކުރަނީ.

އައްޑޫ އާ ހޮސްޕިޓަލަކީ ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓުން ދިން 12.5 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑް ފޮ ޑިވެލޮޕްމަންޓް (އޯފިޑް) އިން ދީފައިވާ 8.5 މިލިއަން ޑޮލަރުގެ ލޯނުގެ އެހީގައި އިމާރާތް ކުރަން ނިންމި ތަނެކެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި އެ މަޝްރޫއު ނިންމަން ނަގާނީ 18 ވަރަކަށް މަސް ކަމަށް ވިދާޅުވެފައިވެ އެވެ.