އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަންވަރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެނގިފައިވާ ގޮތުގައި، އަންވަރު މިއަދު ވަނީ އިސްތިއުފާގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވައިފަ އެވެ. އަންވަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އިމިގްރޭޝަން ކޮންޓްރޯލާ އަކަށް އައްޔަން ކުރެއްވި ބޭފުޅެކެވެ.
ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާކުރެއްވި ދުވަހުން ފެށިގެން އަންވަރު އޮފީހަކަށް ނުނިކުންނަވަ އެވެ. އަދި މިދިޔަ މަހުގެ 15 ވަނަ ދުވަހު އަންވަރު ސޮއިކުރައްވައި ނެރުއްވި މެމޯއަކުން ވަނީ ހުރިހާ މުވައްޒަފުންގެ މަސައްކަތަށް ޝުކުރު ދަންނަވައިފަ އެވެ.
މެމޯގައި އަންވަރު ވިދާޅުވީ އިމިގްރޭޝަންގައި އޭނާ މަސައްކަތް ކުރެއްވި ދުވަސްވަރު އެއްވެސް މުވައްޒަފެއްގެ ހައްގަށް އުނިކަމެއް ލިބޭގޮތަށް މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި، އެފަދަ ގޮތަކަށް އެއްވެސް މުވައްޒަފަކަށް އިހުސާސް ކުރެވޭ ނަމަ އެކަމަށްޓަކައި އަންވަރު ވަނީ މާފަށް ވެސް އެދިވަޑައިގެންފަ އެވެ.
އާ އިމިގްރޭޝަން ކޮންޓްރޯލަރަކަށް ދެން ހަމަޖައްސާނީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ފަޔާޒް (އެފްއޭ) ކަމަށް ކުރިން އަޑު ފެތުރިފައި ވެ އެވެ.
ފަޔާޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މެލޭޝިއާގައި ހުންނެވި ދިވެހި ސަފީރުގެ މަގާމުގައި ހުންނެވި އަދި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.