މަސްތުން ސަލާމަތްވާން ފަރުވާ ނުފެށި ހާހަކަށް ވުރެ ގިނަ މީހުން ކިއޫގައި

މަސްތުވާތަކެއްޗާ ދުރުވުމަށް ފަރުވާ ހޯދަން ކޯޓުން އަމުރު އައިސްފައިވާ ހާހަކަށް ވުރެ ގިނަ މީހުންނަށް ފަރުވާ ނުފެށި ކިއުގައި އެބަތިބި ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން މިއަދު ބުނެފި އެވެ.


ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މިނިސްޓްރީގެ ދަށުން ހިންގާ އެންޑީއޭގެ ސީއީއޯ ހަސަން ޝަހީލް ވިދާޅުވީ އެތަނުގެ ހިދުމަތް ރަނގަޅުކުރުމަށްޓަކައި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަންތައްތަކެއް ހިމަނާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހިބިލިޓޭޝަން ސެންޓަރުތަކެއް ގާއިމްކުރުން ހިމެނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑްރަގް ކޯޓުން އަމުރު އައިސްފައި ވިޔަސް، ޖާގަ ނެތިގެން 1،118 މީހުން މިހާރު ވެސް ކިއުގައި އެބަތިބި ކަމަށެވެ.

"އެކަން ހައްލުކުރުން އެއީ އަޅުގަނޑުމެން އެންމެ ބޮޑު އެއް އަމާޒު. ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ތިން ސެންޓަރު ގާއިމުކުރީމަ އެއަށް ކޮންމެ ވެސް ވަރެއްގެ ލުއެއް ލިބޭނެ. އެހެން ނަމަވެސް މި ދެންނެވި 1،118 މީހުންނަށް އެއްކޮށް ފަރުވާ ދޭން ފެށޭނެ ވަރެއް އަދި ނުވާނެ،" ޝަހީލް ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ ސީއީއޯ ޝަހީލް ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް މާލެ، ހުޅުމާލެ، ހިންމަފުށީ، އައްޑޫ އަދި ފުވައްމުލަކުގައި ހަތް ސެންޓަރެއް ހަދާފައިވެ އެވެ. އެތަންތަނުގެ އިތުރުން ގދ. ތިނަދޫ އާއި ހދ. އަތޮޅުގައި އަދި އައްޑޫގައި ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ސެންޓަރުތަކުން މިހާރު ވެސް 500 އަށްވުރެ ގިނަ މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ.

ޝަހީލް ވިދާޅުވީ އެންޑީއޭގެ ސެންޓަރުތަކުން ފަރުވާ ހޯދުމަށްފަހު މުޖުތަމައުއަށް ނިކުންނަ މީހުންގެ 68 ޕަސެންޓަކީ މަސްތުން ސާފުވެފައިވާ މީހުން ކަމަށެވެ. އެމީހުން އެގޮތުގައި ދެމިތިބުމަށް މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަޒީފާ ބޭނުންވޭ، އުޅޭނެ ރަނގަޅު މާހައުލެއް ބޭނުންވޭ. މުނިފޫހިފިލުވާނެ ކޮންމެ ވެސް ކަހަލަ ކަންތައްތަކެއް ހަމަޖެހިފައި އޮންނަންޖެހޭ. މިކަހަލަ ވަރަށް ގިނަ ކަންތައްތަކެއް އެކުވެގެން އަޅުގަނޑުމެންނަށް ހަގީގަތުގައި މަސްތުން ސާފު މުޖުތަމައުއެއް ބިނާކުރަން ހިންގާ ރިހެބިލިޓޭޝަން ސެންޓަރުގެ ފަރުވާ ކާމިޔާބުވާނީ،" ޝަހީލް ވިދާޅުވި އެވެ.

"އެންޑީއޭގެ އާ އަހަރުގެ އެންމެ ބޮޑު އަމާޒަކީ ފަރުވާ ބޭނުންވާ ހުރިހާ ފަރާތްތަކަށް ލަސްނުކޮށް ފަރުވާ ދެވޭނެ އިންތިޒާމެއް ގާއިމްވެފައި އޮތުން،"

އޭނާ ވިދާޅުވި ގޮތުގައި މަސްތުން ސަލާމަތްވުމަށް އެތަނުން ދޭ ފަރުވާ މުރާޖާކުރުމާއި އެންމެ އެކަށީގެންވާ ރަނގަޅު މުއްދަތެއްގެ ފަރުވާ ކޮންމެ މީހަކަށް ވެސް ދެވޭނެ ގޮތް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.