ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު މޫސަ މުލިއާގޭގައި: އެ ބައްދަލުވުމުގައި ސިޔާސީ ވާހަކަ ނުދެކެވޭ ކަމަށް މޫސަ ވިދާޅުވި.
02 ޖެނުއަރީ 2019 - 17:13
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ރޭ ބައްދަލު ކުރައްވައިފި އެވެ.
މުލިއާގޭގައި، އޮތް ނުރަސްމީ ބައްދަލުވުމަކީ ރައީސް ކަމުގެ ހުވާކުރެއްވި ފަހުން މޫސައާ އެކު ވަކިން މިގޮތަށް ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.
ރައީސްއާ އެކު އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވި އަދިި ޕީޕީއެމްގެ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ހުންނެވި މޫސަ "މިހާރު" އަށް ވިދާޅުވީ "އެއީ ރަހުމަތްތެރިކަމުގެ ބައްދަލުވުމެއް" ކަމަށެވެ. އެ ބައްދަލުވުމުގައި ސިޔާސީ ކަންކަމާ ގުޅޭ ވާހަކަތަކެއް ނުދެކެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ރައީސްއާ އަޅުގަނޑަކީ، ކުރީއްސުރެން އެކުގައި މަސައްކަތް ކުރި ގާތް ރަހުމަތްތެރިން. އެ ގުޅުމުގެ ތެރެއިން، އާ އަހަރުގެ ތަހުނިޔާ ކިޔާލައި، ވާހަކަ ދައްކާލަން ބޭއްވި ބައްދަލުވުމެއް އެއީ. ސިޔާސީ ކަމެއް ނޫން،" މޫސަ ވިދާޅުވި އެވެ.
ރައީސްއާ، މޫސަ މި ބައްދަލު ކުރެއްވީ އޭނާގެ މަސްލަހަތު އޮންނަ ހެވީ ލޯޑަށް ތިލަފުށީގެ ދެ ވަނަ ފިޔަވަހި ހިއްކަން ދިން މަޝްރޫއު ނުނިންމައި، ކުރީ ސަރުކާރުން ބޮޑު ބަދަލެއް ދީފައިވާ މައްސަލަ ހާއްސަ އޮޑިޓަކުން ހާމަވެފައި ވަނިކޮށެވެ. އެހެންކަމުން މި ދަނޑިވަޅުގައި، ރައީސްއާ މޫސަ ބައްދަލުކުރެއްވުން، ސޯޝަލް މީޑިއާގައި ގުޅުވަނީ ހެވީ ލޯޑަށް ދައުލަތުން ފައިސާ ދިން މައްސަލައާ އެވެ.
މި ވެރިކަން ފެށުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން ނަގާލައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އަމަލުކުރި ގޮތުން މޫސަ އަށް ވެސް ވަރަށް ބޮޑަށް ފާޑުކި އެވެ. މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އޭނާ ވަކިކުރާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.
މޫސަ ވަނީ ރިޔާސީ އިންތިޚާބުގެ ވަކި ހިސާބަކުން ޕީޕީއެމްގެ ހަރަކާތްތަކުން އެއްކައިރިކޮށްފަ އެވެ. ޕީޕީއެމްގެ އިސްކޮށް އުޅުއްވި ބައެއް ބޭފުޅުންނަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެ ޕާޓީގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ދިން އިރު އޭގެ ތެރޭގައި މޫސަ ނުހިމެނެ އެވެ. އެހެންވެ އޭނާ ވިސްނުން ގެންގުޅުއްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ގަމު ދާއިރާ އަށް ވާދަކުރައްވާށެވެ.
ރައްޔިތުންގެ މަޖިލިހަށް މޫސަ ފުރަތަމަ އިންތިހާބު ކުރީ ވެސް ލ. އަތޮޅުންނެވެ. އަދި ޔާމީންގެ ވެރިކަމުގައި ހެވީ ލޯޑަށް ދިން ބަދަލުގެ ތެރޭގައި ރިސޯޓް ތަރައްގީކުރަން ލ. އަތޮޅުން ތިން ރަށް ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުންގެ އަޑު
11 January 2019
ތީ ފަހާލަން ވެފަ ހުރި މީހެއް. މައްސަލަތައް ބަލާ ފައިސާ ހޯދިގޮތް، ރަށްތައް ހޯދިގޮތް ރައްޔިތުންނަށް އެނގެން ބޭނުންވޭ...
ނަސީބު
03 January 2019
ނަސީބެއްނު ސިޔާސީ ކަންކަމާ ގުޅޭ ވާހަކަ ނުދެކެވުނުކަން. ހެވީލޯޑާ ރަށްތަކުގެ ވާހަކަ ފެށިނަމަ އިބޫވެސް ދައްކާނެ ވާހަކަ ހުސްވާނެ. ކުރީ ދެ ސަރުކާރުން މަންފާ ކޮށްދީފަ އޮތީމަ މި ސަރުކާރުންވެސް މަންފާކޮށްދޭނީތޯ ނޫނީ ނުކޮށްދޭނީތޯ ވިސްނަންނުޖެއްސިކަން ކިތަންމެހާވެސް ރަގަޅުތާ!
1111
03 January 2019
ކަތިވަޅިގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑު ގެއްލޭ ހިސާބަށް ދިޔައީމަ ދޯ ހަންދާންވީ. ކުރީގަ މިތާމިހުންން އެއޮތްބޮޑު ޖަރީމާގަނޑުގަ އަޅާގަނެގެން ވީއްލެން ނޭގިގެން އުޅުނީ އެވަރުގެ މީހެއް ނެތިގެން. ގައިމު ޔއޤ އަކީ ކިހާވަރުގެ މީހެއްކަން ނޭނގިގެންނެއް ނޫން އެއީ. ރކ މޫސަވެސް ހާދަ ލަދު ހަޔާތް ކުޑައޭ ދޯ! ހަމަ ލަދުނުގަންނަނީތަ؟
ބަޑިތަކުރު
03 January 2019
ނުކުރާ މަސައްކަތަށް އަގުދީ، ނުލިބޭ ގެއްލުމަށް ބަދަލުދީފައިވާކަމަށް އިވޭ ވާހަކަތަކަށް "ރަހްމަތްތެރިކަމުގެ" ވާހަކަތަކުން ހިޔަނި ނޭޅިއްޖިއްޔާ ރަނގަޅެވެ.
ފަސީ
03 January 2019
އޮޅުވާނުލައްވާ!! ގައުމެއްގެ ވެރިއަކާ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ރަހްމަތެތެރިކަމުގެ ބައްދަލުވުން ބާއްވާނީ ގެކޮޅުގަ ނުވަތަ ކެފޭގަ. އޮފީހުގަ ބާއްވާނީ ރަސްމީ ބައްދަލުވުން. އެބައްދަލުވުމާބެހޭ މައުލޫމާތު ރައްޔިތުންނަށް ދޭން ބޭނުން ނުވީމަ މިބުނަނީ ރަހްމަތްތެރިކަމުގެ ބައްދަލުވުމެކޭ. ޖޯކު. މިސަރުކާރަކު ނެތްތަ މިޖޯކުތައް ތަރުޖަމާ ކުރާނެ މީހެއްވެސް.
ހަސަންބެ ކޮއްކޮ
03 January 2019
އުއްމީދުކުރަނީ މޫސަގެ މަޅީގަ އިބޫ ނުޖެހޭނެ ކަމަށް
މޫސާމަނިކު
03 January 2019
ވަރަށްދުރު ދެގައުމެއްގާ އުޅޭ ދެމީހުން ބައްދަލު ނުވެ ނުފެނި އުޅޭތާ ލައްކަ ގިނަދުވަސްވެފާވާތީ ކޮށްލި ރަހުމަތްރެރިކަމުގެ ޒިޔާރަތެއް. ރަސްމީ އެއްވެސް ބައްދަލުވުމެއްނޫން. އެކުވެރިކަމުގެ ބައްދަލުވުމެއް ރައީސް ދިރުއުޅުއްވާ މުލީއާގޭގައި ނުބާއްވާ ރައީސްއޮފީހުގައި ބެއްވީ މުލީއާގޭގައި އެބައްދަލުވުންބާއްވާނެ ޖާގަ ނެތީމާ.
އަދި
03 January 2019
ގުޅޭނެ ފޯނު ނަންބަރެއްވެސް ނެތީމަ
ނޫސް ބަލާމީހާ
03 January 2019
މީނަގެ ކޮރަޕްޓް މައްސަލަތައް ނެތީކަމަށް ވަނީބާ
އަލީތަކުރު
03 January 2019
މިކަހަލަ މީހުން ރަނގަޅުވަނީ ދުރުކުރިއްޔާ . މީނަ މަޖުލީހަށް ހޮވަން މަސައްކަތް ކުރުމަކީވެސް ވަރަށް ބޮޑު ނުރައްކަލެއް. ރައްޔިތުންނަށް ބޮޑުކޮށް ދަރާފައިހުރި މީހެއް
އެހެންޔާފަހެ ކީކޭ ބުނާނީ
03 January 2019
މީދެން ކާކުތަ؟ ރަޙުމަތްތެރި ކަމުގެ ބައްދަލުވުމެއް ދެން އޯކޭ! އެއީ ދެން އިބޫ ގެވެސް އޮންނާނެ ޕާރސަނަލް ލައިފް އެއް. އެކަމަކު ޕޮލިޓިކަލް ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަންޔާމު ދެން ވަރަށް ކަޑަ!