ޓެކްސީ ހިދުމަތުގެ އަގުތަކާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް މާދަމާ ރޭ ފޯރަމެއް ބާއްވަން ޓްރާންސްޕޯޓު މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ދަރުބާރުގޭގައި 8:30 ގައި ފަށާ ފޯރަމުގައި އެޕްލިކޭޝަން ނުވަތަ މީޓަރު ޓެކްސީއަށް ބަދަލުވުމަށް މުއްދަތު ދިނުމާއި ހުޅުލެ/ހުޅުމާލެއަށް ޓެކްސީތަކުން ދަތުރުކުރާ އަގާއި މާލޭގައި ޓެކްސީ ދަތުރުކޮށްދިނުމުގެ އަގާ ގުޅޭގޮތުން ހިޔާލު ހޯދާނެ ކަމަށެވެ.
އޭގެ އިތުރުން އެއާޕޯޓަށް ހާއްސަކޮށްގެން ޓެކްސީއެއް ތައާރަފުކުރުމާއި މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީތަކުގެ ހާލަތާ ގުޅޭގޮތުން ވެސް މަޝްވަރާކުރާނެ ކަމަށް ބުންޏެވެ.
ޓެކްސީގެ އަގުތަކާ ގުޅޭގޮތުން މަޝްވަރާކުރަން ފޯރަމެއް ބާއްވަނީ، އެ ހިދުމަތް ދިނުމުގެ އަގުތަކާ ގުޅޭގޮތުން ޑްރައިވަރުންނާއި މިނިސްޓްރީއާ ދެމެދު މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކާ ހިލާފަށް ބޮޑު އަގުގައި ދަތުރުކުރާ ޓެކްސީތަކުގެ ޑްރައިވަރުންނާ މެދު ފިޔަވަޅު އަޅަން ވެސް މި ދޭތެރެއިން ފުލުހުން ފެށި އެވެ. ނަމަވެސް ފަހުން އެކަން ބަދަލުކޮށް، ކުރީގެ އަގުތަކުގައި ޓެކްސީ ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ.