ހަންކެޑެ ތަރައްގީ ކުރުމާ ގުޅޭ ގޮތުން މި މަހު ގޮތެއް ނިންމަނީ

އައްޑޫގައި ޓޫރިޒަމް ފުޅާ ކުރުމަށް ހިންގަން ރާވާފައި ހުރި މަޝްހޫރުތަކުގެ ތެރޭގައި ހިމެނޭ ހަންކެޑެ ތަރައްގީ ކުރުމާ ގުޅޭ ގޮތުން މި މަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.


ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އައްޑު އާއި ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އައްޑޫ ސިޓީ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި ވަނީ އައްޑޫގައި ޓޫރިޒަމް ފުޅާ ކުރަން ޕްލޭންކޮށްފައި ހުރި ގިނަ ކަންތައްތައް ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން އެންމެ މުހިއްމު އެއް ކަމަކަށް ފާހަގަކޮށްފައި ވަނީ ހަންކެޑެ ތަރައްގީ ކުރުމުގެ ވާހަކަ އެވެ.

މިނިސްޓަރާ ހަވާލާ ދެއްވައި އައްޑޫ ސިޓީ ކައުންސިލްގެ ވެބް ސައިޓްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ހަންކެޑަ ތަރައްގީ ކުރުން ހުއްޓުމަކަށް އައިސްފައި އޮތަސް އެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ކޮޅެއްގައި ޖައްސަވާނެކަމުގެ ޔަގީންކަން މިނިސްޓަރު އަލީ ވަހީދު ދެއްވާފައިވާ ކަަމަށެވެ.

ހަންކެޑެއިގައި 100-200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ނިންމައި، އެންމެ ފުރަތަމަ އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ 2005 ގައި ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާ އެވެ. އެއީ މަސައްކަތް ފަށާތާ 18 މަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ނަމަވެސް އެ ކުންފުންޏަށް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން ސަރުކާރުން ވަނީ ތޫނޑު 2،500 ޑޮލަރުން ޖޫރިމަނާކޮށް، އެ ކުންފުނި އަތުން ހަންކެޑެ ނަގައިފަ އެވެ.

އޭގެ ފަހުން 2008 ގައި އަލުން އަނެއްކާ ވެސް ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ ހަވާލުކޮށް އެތަނުގައި ސާމްޕާލް ރޫމެއް ވެސް ހެދި އެވެ. ނަމަވެސް އެ މަސައްކަތް ވެސް ފަހުން ހުއްޓުނީ އެވެ.

އޭގެ ފަހުން 2013 ގައި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާ ހަންކެޑެ ތަރައްގީ ކުރަން ސަރުކާރުން ހަވާލުކުރި އެވެ. އޭރު އެ ކުންފުނިން ހަންކެޑެ ތަރައްގީ ކުރާނެ ގޮތުގެ ޕްލޭންތަކެއް ވެސް މީޑިއާތަކާ ހިއްސާކޮށް ހަންކެޑެ 2014 ގައި، ހަތަރެއް ނުވަތަ ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހިދުމަތަށް ހުޅުވައިލާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މަރަދުއާ އިންވެގެން އޮންނަ ހަންކެޑެއަކީ އައްޑޫގައި ޓޫރިޒަމް ފުޅާ ކުރުމަށް ރޭވި މަޝްރޫއުގެ ތެރެއިން ފުރަތަމަ އިއުލާން ކުރި އެއް ރަށް ކަމަށް ވިޔަސް، އެއީ މިހާތަނަށް ކޮޅެއްގައި ނުޖެހި އެންމެ ބޮޑަށް ދިގުލައިގެން ގޮސްފައިވާ އެއް މަޝްރޫއެވެ.

އައްޑޫގައި މިހާރު ރިސޯޓްގެ ގޮތުގައި ހިންގަނީ ޝަންގްރިއްލާ ވިލިގިލި ރިސޯޓާއި ކެނަރީފް ރިސޯޓެވެ. އަދި ތިން ވަނަ ރިސޯޓްގެ ގޮތުގައި އިސްމެހެލާހެރަ އަންނަނީ ތަރައްގީ ކުރަމުންނެވެ. މީގެ އިތުރުން ގަމުގައި ދަނީ އީކްއޭޓާ ވިލެޖްގެ ނަމުގައި ސިޓީ ހޮޓަލެއް ހިންގަމުންނެވެ.

އިންޓަނެޝަނަލް އެއާޕޯޓެއް ވެސް އޮތް އައްޑުއަކީ ގެސްޓްހައުސް ވިޔަފާރި ވެސް މިހާރު ފުޅާވަމުން އަންނަ ސިޓީއެކެވެ. ނަމަވެސް ފުރިހަމަ އިންޓަނެޝަނަލް އެއާޕޯޓެއްގެ ގޮތުގައި ގަން އިންޓަނެޝަނަލް އެއާޕޯޓް ހިންގަން ބޭނުންވާ ނަމަ މިތަނުގެ ބެޑް ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހޭ ކަމަށް ކައުންސިލުން އަންނަނީ ބުނަމުންނެވެ.