ޕްރޮފެސަރު ހަސަން އުގެއިލް: އޭއައި ޕްރޮގްރާމް ހަ މަސް ދުވަހަށް ކުރިއަށް ގެންދަން ވަނީ ނިންމާފައި.
14 ޖެނުއަރީ 2019 - 18:54
ޓެކްނޮލޮޖީގެ އެހީގައި ހައްލު ހޯދިދާނެ މައްސަލަތަކަށް އާއްމުންގެ ހިޔާލު ހޯދަން ރާއްޖޭގައި އަލަށް ބާއްވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޕްރޮގްރާމް މިއަދު ހުޅުވާލައިފި އެވެ.
ޕްރޮފެސަރު ހަސަން އުގެއިލްގެ ފައުންޑޭޝަނާއި މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީން އަންނަ ހޮނިހިރު ދުވަހު ބާއްވާ "އާރް އެންޑް ޑީ އާޓިފިޝަލް އިންޓެލިޖެންސް އެސެލެރޭޓާ" ޕްރޮގްރާމުގައި ތަފާތު އެކި މައްސަލަތަކަށް ހައްލު ހޯދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ. އެހެންވެ އަންނަ ހުކުރުދުވަހާ ހަމައަށް ފުރުސަތު ހުޅުވާލީ، ދިމާވާ މައްސަލަތައް ދެނެގަތުމަށެވެ.
އުގެއިލް ވިދާޅުވި ގޮތުގައި ބީއެމްއެލުން ސްޕޮންސާ ކޮށްފައިވާ ހަރަކާތް ކުރިއަށް ގެންދާނީ ހަ ޓީމަކަށް ބަހާލައިގެން ހަ މަސް ދުވަހަށެވެ. ފަސް މީހުން ހިމެނޭ ކޮންމެ ޓީމަކުން ވެސް މަސައްކަތް ކުރާނީ، އެ ޓީމަކަށް ހަވާލުކުރި މައްސަލަ އަށް ޓެކްނޮލޮޖީން ހައްލު ހޯދިދާނެތޯ ނުވަތަ ނޫންތޯ ބެލުމަށެވެ.
"އަޅުގަނޑުމެން ވެސް ހުންނާނެ މައްސަލަތަކެއް ފާހަގަކޮށްފައި. އެކަމަކު އާއްމުން ހުށަހަޅާ ހިޔާލުތައް ވެސް ބެލުމަށްފަހު ނިންމާނީ ކޮން ހަ މައްސަލައެއްގައިކަން މަސައްކަތް ކުރާނީ. އެ މުއްދަތުގެ ތެރޭގައި ހަ ޕްރޮޖެކްޓް ނިންމައި، ދެން ކުރިއަށްދެވޭނެ ގޮތެއް ނިންމޭނެ. މާނައަކީ އެއަށް ޓެކްނޮލޮޖީން ހައްލެއް ގެނެވޭނެތޯ ނުވަތަ ނޫންތޯ،" އުގެއިލް ވިދާޅުވި އެވެ.
އާއްމުންގެ ހިޔާލުތައް http://mossmv.org/ideas/ އިން ހުށަހަޅޭނެ އެވެ.
އެ ޕްރޮގްރާމުގައި ކޮމްޕިއުޓާ ޕްރޮގްރާމަރުންނާއި ޑިވެލޮޕަރުންނާއި އަދި ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރާ މީހުން ވެސް ބައިވެރިވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
އެ މަސައްކަތަށް ކޮންމެ ގްރޫޕަކަށް ވެސް މާލީ އެހީއެއް ދޭނެ އެވެ. އެގޮތުން ކޮންމެ ޓީމަކަށް މަހަކު 20،000ރ. ދޭން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުލައި
15 January 2019
ރާއްޖެއިން ކަރަޕްޝަން ނައްތާލެވޭނެކަހަލަ ސިސްޓަމެއް ހަދާދީބަލަ. ވަޒީފާތަކަށް މީހުން ނަގާއިރު އެމީހަކީ ކިހާ ކަރަޕްޝަންގެ ފަލްސަފާއެއް އޮތްމީހެއކަން ދެނގަނެވޭނެ ސިސްޓަމެއް. އަދި މިސިސްޓަމުން ވަކި ވަރަކުން ދަށުން ޕޮއިންޓު އަރާމީހުންނަށް ދައުލަތުގެ އެއްވެސް މަޤާމއް ނުދެވޭގޮތަށް ޤާނޫނު ހަދަންވީ.
އަލީ ސަމީމް
15 January 2019
އަމިއްލަ އެންޖީއޯ ހަދައިގެން ފައިސާ ޚަރަދުކުރެވޭގޮތް ސާފުވާންޖެހޭ
ޖުލައި
15 January 2019
ބޯހިޔާވަހިކަން ލިބޭ ކަހަލަ ސޮފްޓުވެއަރ އެއް ހަދާ ދެއްވާ
ތުތީ
14 January 2019
ހަނދާން ނެތިގެން ސަލާމް ފޯމް ނުލުން..މި ޔަށް ހައްލެއް ހޯދަ ދީ ބަލަ
ސަލާން
15 January 2019
މިހާރު ތިޔަ ބުނާ ސަލާމަކީ ކަންނެތްކަމާއި ގޮތެއް ފޮތެއް ނެތްކަމާއި ރައްޔިތުންގެ އަތުން ލިބޭ މުސާރަކޮޅުވެސް ހަލާލުގޮތުގައި ހޯދާނެހައި ހިތްވަރެއް ފަންވަރެއް ނެތިގެން ހަދާ މަކަރުކަން އުޑުބަޅުކުރެއްވި ހިސާބުގައި އުޅޭ އެންމެހައި ފަނިފަކުސައަށްދާންދެން ދަނޭ. އެއަކަށް ސޮފްޓްވެއަރއެއް ބޭނުމެއް ނޫން.
ިިއިބްނު ހަސަން
14 January 2019
މަނިކުފާނުވަނީ ދޮގުހެދީމާ އެނގޭ ވައްތަރުގެ ސޮފްޓްވެއަރއެއް ހަދާފައޭ ނޫހުގައި ލިޔެފައި އޮންނާނީ ދެކެމެވެ. މިހެންވެ މިރާއްޖެއަށް ޚާއްޞަކޮށްގެން ޚިޔާނާތްތެރިން އޮފީސްއޮފީހުގައި އުޅޭކަން ރައްޔިތުންނަށް އަންގައިދޭ ވައްތަރުގެ ސޮފްޓްވެއަރއެއް ހައްދަވައިދެއްވަންވީ ނޫންތޯ. ދައުލަތުގެ ކޮންމެ ދިމާއަކުންވެސް މިއިވެނީ މަކަރާއި ހީލަތާއި ވައްކަމާއި ޚިޔާނާތުގެ ވާހަކަ ނޫންތޯ. މިރާއްޖެއަކަށް މިއަށްވުރެ ބޭނުންތެރިކަމެއް ނެތް.