އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށް، އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އާދިއްތަ ދުވަހު ނުކުންނަވަން ފައްޓަވައިފި އެވެ.
ޝަހީމް ވަނީ ސައުދީ އަރަބިއްޔާގައި ހުންނަ އޯއައިސީގެ އޮފީހުގައި އޭނާ އިންނަވަނިކޮށް ނަންގަވާފައިވާ ފޮޓޯއެއް ފޭސްބުކްގައި ޝާއިއުކޮށް، އޯއައިސީގައި މަސައްކަތްކުރައްވަން ފެއްޓެވިކަން އިއުލާން ކުރައްވައިފަ އެވެ.
ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ހުންނެވި ޝަހީމް މިދިޔަ ބުރާސްފަތި ދުވަހު ސައުދީއަށް ފުރުއްމުން ފޭސްބުކްގައި ވިދާޅުވެފައިވަނީ އިސްލާމް ދީނާއި ދިވެހި ގައުމަށް ހިދުމަތް ކުރައްވާނެ ކަމަށެވެ. އަދި ދޭތެރެ ދޭތެރެއިން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޯއައިސީގެ ވަޒީފާއާ ގުޅޭ ގޮތުން ޝަހީމް ކުރިން ވިދާޅުވެފައިވަނީ އެ މަގާމު އަދާކުރެއްވުމަށް ބޭރަށް ވަޑައިގަތަސް ރާއްޖެއާ އޮންނަ ގުޅުން ނުކެނޑޭނެ ކަމަށެވެ.
"ރާއްޖެ އާއި ރައްޔިތުންނަށް އަދި އިސްލާމީ ކަންކަމާއި ތައުލީމީ މުއައްސަސާތަކަށް އެހީތެރިކަން ހޯދައިދޭން މަސައްކަތް ކުރާނަން،" އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޝަހީމް ވިދާޅުވި އެވެ.
މީގެ 49 އަހަރު ކުރިން އުފެއްދި ޖަމިއްޔާ، އޯއައިސީގެ، އެސްޖީ އަކީ ޑރ. ޔޫސުފް ބިން އަހުމަދު އަލް އުސައިމީން އެވެ. އޭނާ މިދިޔަ މެއި މަހު ވަނީ ރާއްޖެ ވެސް ވަޑައިގެންފަ އެވެ.