ރާއްޖޭގެ ހާލަތު ބެލުމަށް ކޮމަންވެލްތުގެ ވަފުދެއް އަތުވެއްޖެ

ކޮމަންވެލްތާ އަލުން ގުޅުމުގެ ކުރިން ރާއްޖޭގެ ހާލަތު ދެނެގަތުމަށް އެ ޖަމާއަތުގެ ވަފުދެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.


ކޮމަންވެލްތާ ގުޅުމަށް ރާއްޖޭގެ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމަށް އައި ވަފުދުގެ ބޭފުޅުންނާ ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދު ވަނީ ބައްދަލުކުރައްވައި މަރުހަބާ ދަންނަވައިފަ އެވެ. ކޮމަންވެލްތުގެ ފަރާތުން ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ހެޑް އޮފް އޭޝިޔާ ޕެސިފިކް އަދި އެޑްވައިޒަރު އެލްބާޓް މެރިނާ އެވެ.

އެ ބައްދަލުވުމުުގައި ވާހަކަދައްކަވަމުން ޣަފޫރު ވަނީ ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތް އިރު ރާއްޖެއަށް ވަރަށް ފައިދާ ކުރިކަން ފާހަގަކުރައްވައިފަ އެވެ. އަދި މުހިއްމު ބޮޑެތި މަޝްވަރާތަކުގައި ރާއްޖޭގެ ހިއްސާ ވެސް އޭރު އޮތްކަމަށް ވިދާޅުވި އެވެ.

ފަންސާސް ތިން ގައުމަކުން ބައިވެރިވެފައިވާ ޖަމާއަތުގެ މެމްބަރެއްގެ ގޮތުގައި 34 އަހަރު ވަންދެން ރާއްޖެ އޮތުމަށް ފަހު ކޮމެންވެލްތުން ވަކިވީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި ރާއްޖެއާ މެދު އެ ޖަމާއަތުން ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔާމްގެ ވެރިކަމުގައި، އޮކްޓޫބަރު 13، 2016 ގަ އެވެ.

އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ ލީޑަރުން ޖަލަށް ލުމާއި ހައްގުތައް ހަނިކޮށް ގާނޫނުތައް ހެދުން ފަދަ ކަންކަމާ ގުޅިގެން ކޮމަންވެލްތުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ކޮމަންވެލްތުން ރާއްޖެ ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން. --ފޮޓޯ: ފޮރިން މިނިސްޓްރީ

އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމަށް ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު، ރާއްޖެ އިން އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް މިހާރު ވަނީ ރަސްމީކޮށް ހުށަހަޅައިފަ އެވެ. އަދި އެކަމަށް ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

ފޮރިިން މިނިސްޓްރީން ބުނީ ކޮމަންވެލްތުގެ ވަފްދުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިތުރުން މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާ ވެސް ބައްދަލުކުރާނެ ކަމަށެވެ.

ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވެފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖުލައި 9، 1982 ގަ އެވެ.