ބިދޭސީން ގެނައުމަށް ހުއްދަ ދޫކުރުމާ ގުޅޭ ބައެއް ކަންކަން އިމިގްރޭޝަނުން ވަކިކޮށް، އިކޮނޮމިކް މިނިސްޓްރީ އަށް ބަދަލުކުރި ނަމަވެސް ވޯކް ވިސާ ޖަހައިދޭނީ އިމިގްރޭޝަނުން ކަމަށް ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު ބިދޭސީންގެ ހުރިހާ ކަމެއް އިމިގްރޭޝަނުން ބަލަހައްޓާއިރު އަންނަ މާޗް މަހުން ފެށިގެން ބިދޭސީންނާ ގުޅޭ ގިނަ ޚިދުމަތްތައް ދޭނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފަ އެވެ. އެއީ ބިދޭސީންގެ ކަންކަމުގައި އިމްގްރޭޝަނުން ހިންގާ ކޮރަޕްޝަންގެ ކަންކަން ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅެކެވެ.
ހަނަފީ "މިހާރު" އަށް ވިދާޅުވީ ބިދޭސީންނާ ގުޅޭ އާ އުސޫލާ އެކު އިމިގްރޭޝަނުން ބަލަހައްޓަމުން ގެންދާނީ ވިސާ ޖަހައި ދިނުން އެކަނި ކަމަށެވެ. ކޯޓާ ދޭނީ އިކޮނޮމިކް މިނިސްޓްރީންނެވެ.
މިހާރާ ހިލާފަށް ދެ މުއައްސަސާއަކުން ބިދޭސީންގެ ކަންކަން ބެލެހެއްޓުމުން އެކަން ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑުމެންގެ މަސައްކަތްތަކަށް އަޅުގަނޑުމެނަށް ފޯކަސް ކުރެވޭނެ. އަދި އެބޭފުޅުންގެ ދާއިރާ އަށް އެ ބޭފުޅުންނަށް ފޯކަސް ކުރެވޭނެ. ދެތަނަކުން ކުރުން ރަނގަޅީ ވެސް،" މި ސަރުކާރާ އެކު އިމިގްރޭޝަނާ ހަވާލުވެވަޑައިގެންނެވި ހަނަފީ ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުވާ ޚިދުމަތްތައް:
• ރާއްޖެ އަށް އެތެރެވާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރެޖިސްޓްރީ ވުމުގެ ކަންކަން. • ކޯޓާ ދޫކުރުން • އެންޕްލޯއިމެންޓް އެޕްރޫވަލް ދިނުން. • ވިސާ ޑިޕޮސިޓް ފީ ބަލައިގަތުން އަދި ރީފަންޑްކުރުން.
ހަނަފީ ކުރިން ވިދާޅުވެފައި ވަނީ ބިދޭސީން ގެންނަން ގަވައިދާ ހިލާފަށް އިމިގްރޭޝަނުން ގިނަ ކޯޓާތަކެއް ދޫކޮށްފައިވާ ކަމަަށެވެ. އެގޮތުން ކުދި ވިޔަފާރިތަކަށް އެ ވިޔަފާރިތަކާ އެކަށީގެން ނުވާހާ ގިނަ އަދަދުތަކުން މީހުން ގެންނަން ހުއްދަ ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ކަންކަން ބަލަހައްޓާ އިމިގްރޭޝަންގެ ކޮންޓްރޯލާ ވިދާޅުވީ އެ މުއައްސަސާގެ ބައެއް ޒިންމާތައް އެހެން ތަނަކަށް ބަދަލު ކުރެވުމުން އެތަނުން ދޭ ހިދުމަތްތައް ފުޅާކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެންމެ ކުރީގެ ގޮތަށް މިހާރު ވެސް ދެމުން އަންނަ ހިދުމަތްތައް ޒަމާނީ ކުރުމަށާއި އަތޮޅުތެރެއިން ހިދުމަތްތައް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އިމިގްރޭޝަންގެ ތެރޭގައި ކޮރަޕްޝަން އިތުރުވެ ގަވައިދާހިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެކަން ހައްލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބައެއް ހިދުމަތްތައް ބަދަލު ކުރީ އެކަން ހައްލު ކުރުމަށްޓަކަ އެވެ.