އިމިގްރޭޝަންގެ މުވައްޒަފުންގެ ތުނބުޅި އާއި ބޯ ކުރުކުރަން އަންގައިފި

އިމިގްރޭޝަން ބައެއް މުވައްޒަފުން ތުނބުޅި އާއި ބޯ ދިގުކޮށް، ޔުނިފޯމް މިންގަނޑާ ހިލާފުވާތީ އެކަން ރަނގަޅު ކުރަން އަންގައި، މޯލްޑިވްސް އިމިގްރޭޝަނުން މުހުލަތެއް ދީފި އެވެ.


އިމިގްރޭޝަނުން ނެރުނު ސާކިއުލާއެއްގައި ބުނީ އެތަނުގެ ބައެއް މުވައްޒަފުންގެ ތެރެއިން މަދު މުވައްޒަފުންތަކެއް ޔުނިފޯމްގެ މިންގަނޑާ ހިލާފަށް އުޅެމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އިމިގްރޭޝަންގެ ޔުނިފޯމް އެޅުމުގެ ގަވާއިދު ބުނާ ގޮތުން ފިރިހެން މުވައްޒަފެއްގެ ތުނބުޅި ބަހައްޓަން ޖެހޭނީ ދެ ސެންޓިމީޓަރަށް ވުރެ ދިގުނުވާ ވަރަށެވެ.

އިމިގްރޭޝަނުން ނިންމީ އަންނަ މަހުން ފެށިގެން އިސްތަށިގަނޑާއި ތުނބުޅި އާއި މަތިމަސް އަދި ފަޓުލޫނުގެ ފައިކުރި ޔުނިފޯމްގެ މިންގަނޑަށް ނުހުންނަ މުވައްޒަފުން ފާހަގަކޮށް، މިންގަނޑާ އެއްގޮތަށް ޔުނިފޯމް އަޅަން މުހުލަތެއް ދޭށެވެ.

އިމިގްރޭޝަން މުވައްޒަފުންނަކީ ކޯޑު އޮފް ކޮންޑަކްޓަށް ތަބާވާ ބައެއްގެ ގޮތުގައި ހެދުމުގެ މުހިއްމުކަމާ މެދު އެތަނުގެ އިސް ވެރިން ވަނީ މަޝްވަރާކޮށްފަ އެވެ.

އިމިގްރޭޝަނުން ބުނީ ޔުނިފޯމް އެޅުމުގެ މިންގަނޑާ ހިލާފުވާ މުވައްޒަފުން އެކަން ރަނގަޅުކުރުމަށް ފަހު ފުރަތަމަ ހާޒިރުވާން ޖެހޭނީ އިމިގްރޭޝަންގެ ހެޑް އޮފީހަށް ކަމަށެވެ.