އެމެރިކާއިން ރާއްޖެއަށް 150 މިލިއަން ރުފިޔާގެ އެހީ ދެނީ

ރާއްޖެއަށް 9.75 މިލިއަން ޑޮލަރު (150,735,000ރ.) ގެ ހިލޭ އެހީއެއް ދިނުމަށް އެމެރިކާގެ ކޮންގްރެސްގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އިއްޔެ ވިދާޅުވެއްޖެ އެވެ.


ޕޮމްޕެއީ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އިއްޔެ ވޮޝިންޓަންގައި ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. މިއީ އެމެރިކާގެ ފޮރިން މިނިސްޓަރެއްގެ ދައުވަތަކަށް ރާއްޖޭގެ މިނިސްޓަރަކު އެ ގައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ހާރިޖީ ވަޒީރާއި ރާއްޖޭގެ ހާރިޖީ ވަޒީރު ޝާހިދު ބައްދަލުކުރެއްވުން-- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެ އަށް 150 މިލިއަން ރުފިޔާގެ އެހީއެއް ދޭން މަސައްކަތް ކުރަމުން އަންނަކަން ޕޮމްޕެއީ ހާމަކުރެއްވި ނަމަވެސް އެ ކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ޓެރަރިޒަމާއި ހަރުކަށި ވިސްނުމާ ދެކޮޅަށް ރާއްޖެ އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރުމަށް ދެ ގައުމުގެ ދެމެދުގައި އިއްޔެ އެއްބަސްވުމަކަށް އައިސްފައިވާއިރު ޕޮމްޕެއޯ ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.

ރާއްޖެއާއި އެމެރިކާއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން--

ޕަބްލިކް ފައިނޭންސް މެނޭޖުކުރުމާއި ފައިސާ މެދުވެރިކޮށް ކުރާ ކުށްތައް ހުއްޓުވުމަށް ދެ ގައުމު ގުޅިގެން އެކުގައި މަސައްކަތްކުރާނެ ކަމަށް ވެސް ޕޮމްޕެއޯ ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ޝަރުއީ ދާއިރާ އާއި އެހެނިހެން ނިޒާމުތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި އެކަމަށް ވެސް މަރުހަބާ ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުގައި ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ޔޫއެސްއެއިޑާއި އޯޕެކްގެ އިސްވެރިންނާ ބައްދަލުކުރައްވާނެ އެވެ. އަދި އޭވިއޭޝަން ސެކިއުރިޓީ ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމާއި ޔޫއެސްއެއިޑާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖައްސާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.