މަދަނީ ޖަމިއްޔާތަކަކީ ޑިމޮކްރަސީގެ ފަސް ވަނަ ބިނާ: ފައްޔާޒު

މަދަނީ ޖަމިއްޔާތަކަކީ ޑިމޮކްރަސީގެ ފަސްވަނަ ބާރުކަމަށް އިކޮނޮމިކް، ޑިވެލޮޕްމެންޓް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.


ފައްޔާޒު މިހެން ވިދާޅުވީ، މަދަނީ ޖަމިއްޔާތަކުގެ ފެއާ "ހަވަލި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

"މަދަނީ މުޖްތަމައުތަކަކީ ރައްޔިތުންގެ މަޖިލިހަށް ވުރެ ވެސް، ސަރުކާރަށް ވުރެ ވެސް އަދި ޖުޑިޝަރީ އަށް ވުރެ ވެސް މުހިންމު ތަނެއް. ރައްޔިތުންގެ އިހުސާސްތައް، ރައްޔިތުން ބޭނުންވާ ކަންކަން ދައުލަތުގެ ތެރޭގައި ހިމެނިގެން ދިއުމަށް،" ފައްޔާޒު ވިދާޅުވި އެވެ.

ހަވަލި ހުޅުވުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާހަކަދައްކަވަނީ -- ފޮޓޯ: ލަމްޔާ އަބްދުﷲ/މިހާރު

އޭނާ ވިދާޅުވީ، މަދަނީ ޖަމިއްޔާތަކަކީ ޑިމޮކްރަސީ ހިންގުމުގަ އާއި އާންމުންގެ އިހްސާސްތައް ސަރުކާރަށް އެންގުމުގައި ވަރަށް ބޮޑު އަދި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އަދި މި ސަރުކާރުން ޖަމިއްޔާތަކަށް އެއްބާރުލުން ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މި ފެއާގައި 104 ޖަމިއްޔާ އަކުން ބައިވެރިވެ އެވެ. އާންމުންނަށާއި ވިޔަފާރިވެރިންނަށް ހާއްސަ ހަރަކާތްތައް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މެންދުރު 1:00 އިން 6:00 އަދި ރޭގަނޑު 8:00 އިން 10:00 ދަރުބާރުގޭގައި އޮންނާނެ އެވެ. ޖަމިއްޔާތަކަށް ހާއްސަކޮށް ހިންގާ ވޯކްޝޮޕްތައް ކުރިއަށް ގެންދާނީ އެ ދުވަސްތަކުގެ ހެނދުނު ސްޓެލްކޯގަ އެވެ.

ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ ވިދާޅުވީ މި ފެއާ ރާވާފައިވާ ގޮތުން މަދަނީ މަސައްކަތް ކުރަން ބޭނުންވެފައިވާ، އެކަމަކު ޖަމިއްޔާއެއް ހިންގަން ނޭނގޭ މީހުންނަށް ވަރަށް ބޮޑު ފުރުސަތެއް ލިބޭނެ ކަމަށެވެ.

ހަވެލިގައި ބައިވެރިވި ޖަމިއްޔާއެއް: ފޮޓޯ: ލަމްޔާ އަބްދުﷲ/މިހާރު

"ވަރަށް ބައިވަރު ހަރަކާތްތަކެއް ހިންގަން ބޭނުންވެފައި އެކަމަކު ހިންގަން ނޭނގޭ މީހުންނަށް މި ކަން ވާނެ ވަރަށް ރަނގަޅު ފުރުސަތަކަށް. އަޅުގަނޑުމެން އެބަ ފޯރުކޮށްދެން ޕްރޮޕޯސަލްތައް ހަދާށާއި އަދި ފައިނޭންޝަލް ސަޕޯޓް ހޯދަން މަސައްކަތް ކުރާނެ ގޮތްތަކާ ގުޅޭގޮތުން ވޯކްޝޮޕްތަކެއް ވެސް،" ހަފްސީ ވިދާޅުވި އެވެ.

ޖަމިއްޔާތަކުގެ އިތުރުން މި ހަރަކާތުގައި ބައިވެރިވާން އެމްބަސީތަކަށް ވެސް ހުޅުވަލާފައި ވާނެ ކަމަށް ހަފްސީ ވިދާޅުވި އެވެ. އެއީ އެ ތަންތަނުން ވެސް އިޖްތިމާއީ މަސައްކަތްތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ދެމުން އަންނާތީ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އަންހެނުންގެ ހައްގުތައް ހިމާޔާތް ކުރުމަށް އަދި އެކަން ކުރިއެރުވުމަށް މަސައްކަތްކުރާ "ހޯޕް ފޮ ވުމަން" ޖަމިއްޔާގެ އެގްޒެކެޓިވް ޑައިރެކްޓަރު އައިޝަތު ނުޒުހާ ވިދާޅުވީ އެ ޖަމިއްޔާގެ އުންމީދަކީ ރާވާފައި ހުރި ތަފާތު ހަރަކާތްތަކަށް ފައިސާ ހޯދުން ކަމަށެވެ. މީގެ އިތުރުން، ޖަމިއްޔާއާ ގުޅޭ މައުލޫމާތު ވެސް ފެއާ އަށް ޒިޔާރަތް ކުރާ މީހުންނަށް ފޯރުކޮށްދޭނެ ކަމަށް ނުޒުހާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޖަމިއްޔާ އިން ހިންގާ ހަރަކާތްތަކުގެ މައުލޫމާތު ފެއާ އަށް ޒިޔާރަތްކުރާ ވިޔަފާރިވެރިންނަށް ވެސް ލިބޭނެ. އަޅުގަނޑުމެން ވަރަށް ބޮޑަށް އުންމީދު ކުރަން އެހީތެރިކަން ދެއްވާނެ ކަމަށް،" ނުޒުހާ ވިދާޅުވި އެވެ.

"ހޯޕް ފޮ ވުމެން" ހަވެލީގައި : ފޮޓޯ: ލަމްޔާ އަބްދުﷲ/މިހާރު

މި ފެއާގައި ބައިވެރިވާން އަތޮޅުތަކުން އައި 18 ޖަމިއްޔާގެ ތެރެއިން ރ. ކިނޮޅަސްގެ "ޖަމިއްޔަތުން އިއްތިހާދު" ގެ ސްޕޯޓްސް ސެކްރެޓަރީ އަބްދުﷲ ޝަރީފް ވެސް ވިދާޅުވީ އެތަނުން އުންމީދު ކުރަނީ ރާވާފައި ހުރި ހަރަކާތްތަކަށް މަދަނީ އެހީ މި ފެއާގައި ބައިވެރިވާ ވިޔަފާރިވެރިންގެ ފަރާތުން ލިބޭނެ ކަމަށެވެ.

ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރުން (އޭސީއެމް) ވެސް މި ފެއާގައި ބައިވެރި ވެ އެވެ.

ކޮލޮމްބޯގައި ހުންނަ ޔޫއެސް އެމްބަސީގެ ޕަބްލިކް އެފައާޒް ސްޕެޝަލިސްޓް އައިމިނަތު ޝިޒްލީން ވިދާޅުވީ މި ފެއާގައި އޭސީއެމް އިން ބައިވެރިވީ އެއީ ޖަމިއްޔާތަކުގެ މަސައްކަތް ކުރިއަރުވަން އެއްބާރުލުން ދެމުން އަންނަ ތަނެއް ކަމަށް ވުމުންނެވެ.

"ޖަމިއްޔާއަކުން އިވެންޓެއް ބާއްވަން ތަނެއް ބޭނުންވި ނަމަވެސް ނުވަތަ އެހެނިހެން އެހީއެއް ބޭނުންވި ނަމަވެސް އަޅުގަނޑުމެން އެހީވެދެން. މި ފެއާގައި ބައިވެރިވާން ލިބުނީމާ ވަރަށް އުފާވޭ އެހެންވީމާ،" ޝިޒްލީން ވިދާޅުވި އެވެ.

ޖަމިއްޔާތަކަށް ހާއްސަ ފެއާއެއް ބޭއްވުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.