ކިނޮޅަހުގެ ކައުންސިލަރަކު އަވަހާރަވެފައި އޮއްވައި ފެނިއްޖެ

ރ. ކިނޮޅަހުގެ ކައުންސިލަރު އަބްދުލް މަޖީދު ހަސަން އަވަހާރަވެފައި އޮއްވައި މިރޭ ފެނިއްޖެ އެވެ.


އަދާލަތު ޕާޓީގެ މެމްބަރު އަދި ކައުންސިލްގައި ދެވަނަ ދައުރު ފުރުއްވަމުން ގެންދަވާ މަޖީދު އަވަހާރަވިކަން އެނގުނީ މިރޭގެ ކެއުމަށް ކޮޓަރިން ނުކުމެވަޑައިނުގެންނެވުމުން ބެލިއިރު އެވެ.

އާއިލާގެ އެހެން ބޭފުޅުންނާ އެކު ދިރިއުޅުއްވާ މަޖީދު 48، އަވަހާރަވިއިރު، މިއަދު ވެސް އޮފީހަށް ނުކުމެވަޑައިގެންނެވި އެވެ.

މަޖީދަކީ ހިތުގެ ބަލީގެ މައްސަލަ ދިމާވެގެން، މީގެ 12 ވަރަކަށް އަހަރު ކުރިން އެންޖިއޯ ޕްލާސްޓީ ހައްދަވާފައިވާ ބޭފުޅެކެވެ.

"ބަރާބަރަށް ކަސްރަތު ވެސް ކުރައްވާނެ. ވަރަށް ސިއްހަތަށް ބައްލަވައިގެން އުޅުއްވަމުން އައީ. މިއަދު ވެސް އޮފީހަށް ނުކުމެވަޑައިގެން މަސައްކަތުގައި އުޅުއްވި،" ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސައިން ވިދާޅުވި އެވެ.

މަޖީދުގެ އަނބިކަނބަލުންނާއި ތިން ކުދިން ދިރިއުޅުއްވަނީ މާލޭގެ އެވެ.