ސުޕްރީމް ކޯޓު: ޝަރުއީ ދާއިރާ އިސްލާހު ކުރަން ގިނަ ހައްލުތަކެއް އެޖެންޑާ 19 ގައި ހިމަނާފައިވޭ.
05 އެޕްރީލް 2019 - 07:31
ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އަދުލު އިންސާފު ކަށަވަރު ނުވުމެވެ؛ ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު އިތުބާރު ގެއްލިފައި ވުމެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން އެކުލަވާލި އެޖެންޑާ 19 ގައި "އިންސާފު" ގާއިމްކޮށްދޭނެ ކަމުގެ ވައުދު ވީ މުޅި މުޖުތަމައުގެ ސުލްހަ މަސަލަސްކަން ގާއިމްކުރާށެވެ.
އިންސާފު ލިބުމާއި އިންސާފު ލިބޭ ތަން ފެނުމަކީ އިންސާފު ގާއިމްކޮށްދިނުމުގެ އެންމެ އަސާސީ އުންސުރެވެ. ކޯޓުތަކުން ނިންމާ ނިންމުންތަކަކީ ރައްޔިތުން ފުރިހަމަ އަށް ބަލައިގަންނަ ނިންމުންތަކަކަށް ވާން ޖެހެ އެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރަން، އެ ދާއިރާގެ އިދާރީ އޮނިގަނޑު ބަދަލުކޮށް، ރައްޔިތުންނަށް ފަސޭހަކަމާ އެކު އިންސާފަށް ވާސިލްވެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހެ އެވެ.
އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތައް ބަލައި ހައްގު ކަށަވަރުކޮށްދޭން އިންތިގާލީ އިންސާފު ގާއިމްކުރުމުގެ މަސައްކަތް ކުރަން އެމްޑީޕީން ވަނީ ނިންމައިފަ އެވެ. ރާއްޖޭގައި 2012 އިން ފެށިގެން 2018 އަށް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ މުވައްޒަފުން ކުރި އަދި ނުކޮށް ދޫކޮށްލި ކަންކަމުގެ ސަބަބުން މީހުންގެ އިންސާނީ ހައްގުތައް ނިގުޅައިގަނެ ނުވަތަ އިންސާނީ ޝަރަފާއި ކަރާމާތަށް އުނިކަން އައިސްފައިވާ ކަންކަމުގެ ޝަކުވާތައް ބަލައި ފިޔަވަޅު އަޅާނެ ގާނޫނީ އޮނިގަނޑެއް އެކުލަވާލާނެ އެވެ.
ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅުތައް އަޅަން އޮމްބަޑްސްމަންގެ އޮފީހެއް ގާއިމްކުރާނެ އެވެ. މައްސަލަތައް ބަލައި ބަދަލު ހޯދައި ދިނުމުގެ މަސައްކަތް ކުރާނީ އެ އޮފީހުންނެވެ. ޝަރީއަތަށް ފޮނުވާނީ އެ އޮފީހުން ހައްލު ނުވާ މައްސަލަތަކެވެ.
- ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެއްގެ ދަށުން ހިންގާ ވަކި ޑިޕާޓްމެންޓެއްގެ ގޮތުގައި ހަމަޖެއްސުން.
- ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަ އައްޔަންކުރުމާއި ވަކިކުރުމާއި ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުން.
- ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ހުޅުވާލައިގެން ބޭއްވުން
- ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމުގައި އެއްވެސް މައްސަލައެއް ނުހިންގުމާއި ދަށު ކޯޓެއްގައި ނުވަތަ ހައި ކޯޓުގައި ހިނގަމުންދާ މައްސަލައެއްގެ ލިއުންތަކާއި ފައިލް ސުޕްރީމް ކޯޓަށް ނުނެގުން.
- ހައި ކޯޓުގެ ދެކުނު ގޮތްޕާއި އުތުރު ގޮފި އުވާލުން.
- ޑިސްޓްރިކްޓް ކޯޓު އުފެއްދުން.
- ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަށަވަރު ކުރުން.
މި ގާނޫނުގެ މަގްސަދަކީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ދައުލަތުގެ ފަރާތުން ގާނޫނީ އެހީތެރިކަން ލިބުމުގެ ހައްގު ދިނުމުގައި ހުރި ހުރަސްތައް ނައްތާލައި އެކަމުގައި ފަސޭހަ ނިޒާމެއް ގާއިމް ކުރުމެވެ.
މި ގާނޫނުގެ ދަށުން، ޖިނާއީ ބޮޑު މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާ އަކީ މާލީ ތަނަވަސްކަން ނެތް މީހެއް ކަމަށް ބެލުމުގައި ގެންގުޅޭނެ ހަމައެކަނި މިންގަނޑަކީ ވަޒީފާ އަދާކުރާ މީހަކަށް ނުވުމާއި އާމްދަނީ ލިބޭނެ އިތުރު ގޮތެއް ނެތް މީހަކަށް ވުމެވެ.
ގާނޫނުގެ ދަށުން ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދޭނެ މައްސަލަތަކުގެ ތެރޭގައި މީހުން މެރުމާއި އިންތިޒާމްވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށްތަކާއި ޓެރަރިޒަމާއި ކޮރަޕްޝަނާއި މީހުން ޓްރެފިކްކުރުން ފަދަ ކުށްތައް ހިމެނެ އެވެ.
ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތަށް ދައުލަތުގެ މުއައްސަސާތައް މަސައްކަތް ނުކުރި އެއް ސަބަބަކީ އެ މުއައްސަސާތައް ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް ނެތުމެވެ. އެހެންކަމުން، އެޖެންޑާ 19 ގެ ދަށުން، ޖަވާބުދާރީވެނިވި ދައުލަތެއް ބިނާކުރަން، ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާތަކާއި އިދާރާތައް ޖަވާބުދާރީކުރުވޭނެ ނިޒާމެއް ގާއިމް ކުރާނެ އެވެ.
އެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ދޭ ބާރުތައް:
- އިދާރީ އޮޑިޓާއި ޕަފޯމަންސް އޮޑިޓް ހެދުމުގެ ބާރު
- މައްސަލަތަކުގެ ރިޕޯޓް ހުށަހެޅުން ލާޒިމްކުރުން
- ޖަވާބުދާރީވުން ލާޒިމްކުރުން
- ލޯ ކޮމިޝަނެއް ގާއިމްކުރުން
މިއީ އާންމު އިންތިހާބަށް "މިހާރު"ން ތައާރަފުކުރި ހާއްސަ ޕެކޭޖްގެ ތެރޭގައި ހިމެނޭ ކަވަރޭޖެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަފްލާ
06 April 2019
އެޖެންޑާ 19 އަކީ ވައްކަންކުރުން ހުރިހާ މުއައްސަސާ ދޮވެލުން ތިޖޫރިވެސް ދޮވެލުން 3 އަހަރުން ވެރިކަން ކޮއްފަ ފޭބި އިރު ގެއްލުނު 4.7 ބިލިއަން ރުފިޔާ ކޮބާހޭ ކޮބާހޭ ލަދުގެ ކަން ފުޅެއްވެސް ނެތި މީހުނައް ވަގައްހޮވަނީ އަޖައިބެއްތަ މީ