ކައުންސިލް އިންތިޚާބުގެ ކުރިން، ވޯޓުލުމަށް ފަސޭހަވާނެ ގިނަ ބަދަލުތައް ގެންނާނަން: ޝަރީފް

ލޯކަލް ކައުންސިލް އިންތިޚާބު އަންނަން ވާއިރަށް، ވޯޓުލާން ފަސޭހަވާނެ ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.


އެ ކޮމިޝަނުން ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި، ސޯޝަލް މީޑިއާގައި އާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަރީފް ވިދާޅުވީ މާދަމާ ބާއްވާ މަޖިލިސް އިންތިޚާބަށްފަހު، ވޯޓިން އަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އާލީ ވޯޓިން އާއި ޕޯސްޓަލް ވޯޓިން އަކީ އޭގެ ތެރޭގައި ހިމެނޭ ކަންތައް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ދިވެހިން ބޭރުގެ ގައުމުތަކުގައި އުޅޭއިރު، ވަކި އަދަދަކަށް ވުރެ މަދުން ދިވެހީން އުޅޭތީ ބައެއް ތަންތަނުގައި ވޯޓުފޮށި ނުބަހައްޓާ ކަމަށެވެ. އެހެންވެ އެ މީހުންނަށް ގިނަ އުނދަގޫތަކާ ދިމާވާކަމަށް ވިދާޅުވި އެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރިކަމުގައި ވިއަސް ޕޯސްޓަލް ވޯޓިންގެ ޒަރިއްޔާއިން ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ބޭރު ގައުމުތަކުގައި ވޯޓުފޮށި ބަހައްޓަނީ ކޮމިޝަނުން އިއުލާނުކުރާ ގައުމުތަކުގެ ތެރެއިން ވޯޓުލުމަށް 100 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކުރާ ގައުމުތަކުގަ އެވެ. މިފަހަރު ވޯޓުފޮށި ބަހައްޓަނީ، އިންޑިޔާ، ސްރީލަންކާ، މެލޭޝިޔާ އަދި އިނގިރޭސިވިލާތުގަ އެވެ. އެ ގައުމުތަކުގައި އަށް ވޯޓުފޮށި ބަހައްޓަ އެވެ.

އެތަންތަނުގެ އިތުރުން، އޭޝިޔާގެ ގައުމުތަކާއި އޮސްޓްރޭލިއާ، ނިއުޒިލެންޑު ފަދަ ގައުމުތަކުގައި ވެސް ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅެ އެވެ.

"ކޮމިޝަންގައި މަޝްވަރާކުރަން ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ ދިވެހީންނަށް ވަކި ލިމިޓެއް ނެތި ޕޯސްޓަލް ވޯޓިންގެ ޒަރިއްޔާއިން ވޯޓުލުމުގެ ފުރުސަތު ތަނަވަސްކޮށްދެވޭތޯ ދެން އަންނަ އިންތިޚާބުގައި. އެހެންވެ ބޭސްލައިނެއް ކަނޑައަޅާކަށް ވެސް ނުޖެހޭނެ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އޮންނަ އާލީ ވޯޓިން އަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. އޭރުން ބައެއް ތަންތަނަށް ފޮނުވާ އޮފިޝަލުން، އާލީ ވޯޓިންގެ ތެރެއިން ވޯޓު ލައިގެން އެ ތަނަކަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަަން ފާހަގަކުރެއްވި އެވެ.

"ދެން އެންމެ އަވަހަކަށް އަންނަ އިންތިޚާބު އަންނަންވާއިރަށް ހެޔޮ ރައްޔިތުންނަށް ފަސޭހަވާނެ ވަރަށް ގިނަ ބަދަލުތައް ގެނެސްދޭނަން،" ޝަރީފް ވިދާޅުވި އެވެ.

މާދަމާ ބާއްވާ އިންތިޚާބާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ އެ އިންތިޚާބަށް ފުރިހަމައަށް ތައްޔާރުވެވިފައިވާ ކަމަށެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވޯޓު ކަރުދާހާއި ވޯޓު ފޮށި ފޮނުވާފައިވާއިރު މިއީ އިންސާފުވެރި އިންތިޚާބަކަށް ވާނެ ކަމަށް ވިދާޅުވި އެވެ. އަދި މިނިވަންކަމާއި އަމާންކަމާއެކު ވޯޓުލުން ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިވަޑައިގެންފަ އެވެ.