20 އެޕްރީލް 2019 - 21:55
މިހާރު ކުރަމުންދާ ވިއްސާރާގައި އއ. އުކުޅަހަށް މެދު ނުކެނޑި ގިނައިރުތަކެއް ވަންދެން ވާރޭ ވެހި އެ ރަށުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެއްޖެ އެވެ.
ރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހުސްނީ ވިދާޅުވި ގޮތުގައި މެދު ނުކެނޑި ގިނައިރު ތަކެއް ވަންދެން ވާރޭ ވެހިފައި ވާތީ ރަށުގެ ބޮޑު ބައެއްގައި އޮތީ ފެންބޮޑުވެފަ އެވެ.
އޭނާ ވިދާޅުވީ ފަސް ގެއަކަށް ފެން ވަދެފައިވާ ކަމަށާއި ނަމަވެސް ގެތަކަށް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ.
"ދުވާލު ވަގުތު ވީމަ ފެންބޮޑުވުމުގެ ކުރިން ވަނީ ތަކެއްޗަށް ފެނުގެ އަސަރު ނުކުރާގޮތް ހަދާފައި. އެހެންވެ އެއްވެސް އެއްޗަކަށް ގެއްލުން ނުލިބި ސަލާމަތް ކުރެވުނު،" ހުސްވީ ވިދާޅުވި އެވެ.
އެ ރަށުގައި ބޮޑުވެފައިވާ ފެން ހިންދުމަށް ޕަންޕު ޖަހައިގެންނާއި ކޯރު ކަނޑައިގެން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ފެން ވަންނަ ގޭގޭ ދޮރާށި ކައިރި ވަނީ ވެލި ބަސްތާ ޖަހައިފަ އެވެ.
ހުސްނީ ވިދާޅުވީ މިހާރު ވާރޭ ނުވެހޭ ކަމަށާއި ފެންގަނޑު ހިނދެމުން އަންނަ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނާގޮތުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވިއްސާރަ ކުރާނެ އެވެ.
ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ދެކުނުގެ އަތޮޅުތަކަށް ހުނޅަގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ހަތް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ. ދިޔަވަރު ބޮޑުވާ ގަޑީގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމަކަށް ވާތީ މޫސުމަށް ސަމާލުކަން ދިނުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމަނާ
21 April 2019
ތިޔަ ފަދަކަންތަކުން އަޅަމެން ޢިބްރަތް ލިބިގަންނަމާ ހިނގާ.
އުކުޅު
20 April 2019
އާޓިފިޝަލް އިންޓެލިޖެންސާ ކޮމްޕިއުޓިންގް ވޯކްޝޮޕާއި އޭތި މީތި އުކުޅަހުގައި ބޭއްވޭތޯ އަދިވެސް ބަލާތި! ފުރަތަމަ އުމްރާނީގޮތުން ރަށް ތަރައްޤީ ކޮށްބަލަ. މަގުތަކާ އެއްޗެހި ރަނގަޅަށް ހަދާބަލަ. އެއަށްފަހު ދެން ހިރި ކަންކަން ކުރެވިދާނެ
ޓައިޕޯ
21 April 2019
ހުރި*