އިމިގްރޭޝަނުން ބަޔަކަށް ޚިދުމަތް ދެނީ: އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދޭއިރު އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް މިއަދުން ފެށިގެން ވަނީ ހަމަޖައްސާފައި -- ފޮޓޯ/މިހާރު
29 އެޕްރީލް 2019 - 14:21
އީމެއިލް މެދުވެރިިކޮށް ޕާސްޕޯޓަށް އެދޭ މީހުންނަށް މިއަދުން ފެށިގެން އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހަމަޖައްސައިފި އެވެ.
އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު ހަދަން ހުށަހެޅޭނެ އިންތިޒާމު އިމިގްރޭޝަނުން ކުރިން އޮތީ ހަމަޖައްސައިފަ އެވެ. އެކަމަކު، އޮންލައިންކޮށް ފައިސޭ ދެއްކޭނެ ގޮތް މިހާތަނަށް ހަމަޖައްސައިފައެއް ނެތެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދޭ މީހުން ފައިސާ ދައްކަން އެ އިދާރާ އަށް ހާޒިރުވުމުގެ ބަދަލުގައި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖައްސާފައިވާނެ ކަމަށެވެ. އެގޮތުން، އީމެއިލް މެދުވެރިކޮށް އެ މީހަކަށް ފޮނުވާ ލިންކެއްގެ ތެރެއިން ޕާސްޕޯޓަށާއި ރެވެނިއު ސްޓޭމްޕަށް ބޭނުންވާ ފައިސާ ދެއްކޭނެ އެވެ.
މީގެ އިތުރުން، އީމެއިލް މެދުވެރިކޮށް ޕާސްޕޯޓް ހެއްދުމަށް ކުރިން 48 ގަޑިއިރު ހޭދަވިޔަސް، އެ ޚިދުމަތް މިއަދުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށް އިމިގްރޭޝަންގެ ބަޔާނުގައި ވެ އެވެ. އަދި އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމަށާއި ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާތީ މިހާރު އިމިގްރޭޝަނަށް ހާޒިރުވާން ޖެހޭނީ ހަމައެކަނި ޕާސްޕޯޓާ ހަވާލުވުމަށް ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.
އިމިގްރޭޝަންގެ ތަރުޖަމާން ހަސަން ޚަލީލް މިއަދު ވިދާޅުވީ، އީމެއިލް މެދުވެރިކޮށް، ޕާސްޕޯޓަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން އޭގެ ބޭނުން ގިނަ ބަޔަކު ހިފަމުން އަންނަ ކަމަށެވެ. ޚާއްސަކޮށް ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ،
"އެހެން ނަމަވެސް އިމިގްރޭޝަނަށް ފިޒިކަލީ އައިސް ޚިދުމަތް ހޯދާ މީހުން އަދިވެސް މަދެއް ނޫން،" ޚަލީލް ވިދާޅުވި އެވެ.
އިމިގްރޭޝަންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އިތުރަށް ހަލުވި ކުރަން ކުރަންޖެހޭ މަސައްކަތް ކުރުމުގައި އެ އިދާރާގެ މުވައްޒަފުން އަދިވެސް ދެމި ތިބޭނެ ކަމަށް ބަޔާނުގައި ވެ އެވެ. އަދި ޚާއްސަ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭނެ އިންތިޒާމު މި އަހަރުގެ ތެރޭގައި ހަމަޖެއްސުމަކީ ވެސް އަމާޒެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
29 April 2019
ތިޔަތަނަށް ނުގޮސް ޕާސްޕޯޓް ނެގޭނެ ގޮތެއްވެެއްޖެއްޔަ ރާއްޖެތެރޭ މީހުންނަށް އެއީ ލިބޭނެ ވަރަށްބޮޑު ލުއިފަސޭހައެއް.
ހިގޮ
29 April 2019
ތިޔަކީ ކުރިއެރުމެއް ނޫނޭ ތީއީ ތިތަން ތާ ތިބި ކަންނެއް މީހުންގެ މަސައްކަތް ރައްޔިތުން ބޮލަށް ޖަހާފަ ކަމުން ރެކުން އާ ވަޒީފަ އުޅެންޔާ މުސާރަ ކޮޅު ލިބޭނެ ހަމަޔަށް