ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
29 އެޕްރީލް 2019 - 19:25
އަންނަ މަހުގެ 28 ގައި ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި އިންސާނީ ހައްގުތަކާ ގުޅޭ ކަންކަން ބެލުމަށް ޚާއްސަ ކޮމިޓީއެއް އުފައްދަން މަސައްކަތް ކުރައްވާނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިންސާނީ ހައްގުތަކާ ބެހޭ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުގެ ފަރާތުން މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ބިލްގެ ބަހުސްގައި އަސްލަމް ވިދާޅުވީ، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ޚާއްސަ ކޮމިޓީއެއް މަޖިލިހުގައި އޮންނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު މަސައްކަތް ކުރާނަން 19 ވަނަ މަޖިލިހަކީ އެފަދަ ކޮމިޓީއެއް އޮންނަ މަޖިލިހަކަށް ހެދުމަށް،" މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ހަތަރު ވަނަ ދައުރަކަށް މަޖިލިހަށް އިންތިޚާބުވެވަޑައިގެންފައިވާ އަސްލަމް ވިދާޅުވި އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ އަސްލަމް ފަހުން "މިހާރު" އަށް ވިދާޅުވީ، އިންސާނީ ހައްގުތަކާ ގުޅޭ ކަންކަމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭއިރު، އެކަންކަން ހިނގާ ގޮތް ބެލުމަށް ޚާއްސަ ކޮމިޓީއެއް މަޖިލިހުގައި އުފެއްދުމުން އޭގެ ފައިދާ ސަރުކާރަށާއި ރައްޔިތުންނަށް ވެސް ކުރާނެ ކަމަށެވެ. މިހާރު، ހުރިހާ މިނިވަން މުއައްސަސާތަކުން މަޖިލިހުގައި ޖަވާބުދާރީވާން ޖެހެނީ އެއް ކޮމިޓީ އަކަށެވެ. އެއީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އެވެ.
"ހުރިހާ މިނިވަން މުއައްސަސާތަކުން އެއް ކޮމިޓީއަކަށް ޖަވާބުދާރީވާން އޮތުމުން އިންސާނީ ހައްގުތަކާ ގުޅޭ ކަންކަމަށް ދެވޭ ފޯކަސް ކުޑަވޭ. އެކަމަކު ހިއުމަން ރައިޓްސް އަށް ޚާއްސަ ކޮމިޓީއެއް އޮތުމުން ސަރުކާރުން އެކަމަށް ދޭ އަހައްމިއްޔަތު ވެސް މާ ބޮޑަށް އެނގޭނެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން ޖަވާބުދާރީ ކުރުވުމާއި އެ ކޮމިޝަނުން ނެރޭ ރިޕޯޓުތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ފަސޭހަ ވެފައި އަވަސް ވާނެ،" ނަވާރަވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް އިންތިޚާބުވެވަޑައިގަންނަވާނެ ކަމަށް ގިނަ ބަޔަކު ދެކޭ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިހާރު ވެސް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އަކީ އިންސާނީ ހައްގުތަކާ ގުޅޭ ކަންކަން ބަލައި ޖަވާބުދާރީ ކުރުވުމުގައި ލަސްތަކެއް ދިމާވުމެވެ.
"ވާނުވާ ޖަހާފައި މިއަދު ވެސް ކިތައް މީހުންތޯ ޖަލުގައި އެ ތިބީ. އޭރު ޖަލުތެރޭގައި ކުރެވެމުން ދިޔަ އަނިޔާތަކާއި އެއްވެ އުޅުމުގެ މިނިވަންކަމެއް ނެތް ކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ނެތްކަމާއި ނޫހެއްގައި ޝާއިއުކުރާ ހިސާބުން ވެސް މީހުން ގެންގޮސް އެތައް ދުވަހެއް ވަންދެން ބަންދު. އެއީ އަޅުގަނޑުމެން ދެއްކި ވާހަކަ. މިއަދު އަނެއްކާ އައިސް އެ ވާހަކަ ދައްކަން މި ޖެހެނީ،" އަސްލަމް
"މިސާލަކަށް ހިއުމަން ރައިޓްސް ކޮމިޝަނުން ރިޕޯޓެއް ނެރުމުން އޭގައި ވާ ކަންތައްތަކަށް ފިޔަވަޅު އަޅާތޯ، އިސްލާހު ކުރޭތޯ ކައިރިން ބަލަންޖެހޭނެ. އެކަމަށް ޚާއްސަ ކޮމިޓީއެއް މަޖިލިހުގައި އުފެއްދުމުން އެކަންކަން ދާއިމީކޮށް ބެލޭނެ،" އަސްލަމް ވިދާޅުވި އެވެ.
މަޖިލިހުގެ ތަޅުމުގައި މިއަދު ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އިންސާނީ ގިނަ ހައްގުތަކެއް ގާނޫނުއަސާސީން ކަށަވަރު ކޮށްދޭއިރު އެކަންކަން ނުބަލާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އެއްވެސް މީހަކު ޝަރީއަތަކާ ނުލައި ބަންދުގައި ނުބެހެއްޓޭނެ ކަމަށް ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާއިރު، އަސްލަމް ވިދާޅުވީ މިހާރު ވެސް "ވާނުވާ" ޖަހައި މީހުން ހައްޔަރުކުރާ ކަމަށެވެ.
"ވާނުވާ ޖަހާފައި މިއަދު ވެސް ކިތައް މީހުންތޯ ޖަލުގައި އެ ތިބީ. އޭރު ޖަލުތެރޭގައި ކުރެވެމުން ދިޔަ އަނިޔާތަކާއި އެއްވެ އުޅުމުގެ މިނިވަންކަމެއް ނެތް ކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ނެތްކަމާއި ނޫހެއްގައި ޝާއިއުކުރާ ހިސާބުން ވެސް މީހުން ގެންގޮސް އެތައް ދުވަހެއް ވަންދެން ބަންދު. އެއީ އަޅުގަނޑުމެން ދެއްކި ވާހަކަ. މިއަދު އަނެއްކާ އައިސް އެ ވާހަކަ ދައްކަން މި ޖެހެނީ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންސާނީ ހައްގުތައް ކަށަވަރު ކުރެވޭނީ ހިއުމަން ރައިޓްސް ކޮމިޝަން ހަރުދަނާ ވެގެންނެވެ. އެއާ އެކު ތެދުވެރި، އިޚުލާސްތެރި ސަރުކާރެއް އޮވެގެން ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ އެފަދަ ސަރުކާރެކޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކަންކަން ރަނގަޅުވެގެން ދާތަން ފެންނާނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާހު
01 May 2019
ވަރަށް ރަނގަޅު ވާހަކައެއް. ހަގީގަތަކީ ހައްގުތަކާއި ގުޅޭގޮތުން އެކޮމިޝަނުން ނެރޭ އެއްވެސް ރިޕޯޓެއް، ބަލާ އެއްވެސް މައްސަލައެއް އަދި އެފަދަ ކަމަކާއި ގުޅިގެން އެކޮމިޝަނުން ކުރި ޝަކުވާއެއް ބަލައި މަޖިލީހުން އެއިން އެއްވެސް ކަމަކަށް އެޅި އެއްވެސް ފިޔަވަޅެއްނެތް. ދައުރު ހަމަވާން ކައިރިވާއިރު އެންމެ ފަހަރަކު ވެސް މަޖިލީހަށް ހާޒިރު ކުރެވި އެއްވެސް ކަމަކާއި ގުޅޭގޮތުން ޖަވާބުދާރީ ކުރެވި ނޫނީ މަޝްވަރާއެއްވެސް ކުރެވިފައެއްނެތް. މަޖިލިސް ވަނީ ފެއިލްވެފައި.
ތޮށަލިތަކުރު
30 April 2019
ޤާނޫނު އަސާސީގައި ޕޭކޮމިޝަނެއް ހިމަނަން އިބޫއާއި މާރިޔާ ހުށަހެޅިނަމަވެސް އެކަން އޭރު ކާމިޔާބުވަނީ ނުވެފައެވެ. އެހެންކަމުން ތިޔަބުނާ އެއްކަމެއް ނުކުރިޔަސް ޕޭކޮމިޝަނެއްގެ ބާބު ޤާނޫނު އަސާސީގައި ހިމަނައި އިންސާފުވެރިކަމާއެކު ދައުލަތުގެ މުސާރަތައް އެކުލަވާލެވޭނެ ގޮތެއް ރައްޔިތުން ދީފައިވާ ބޮޑު އަޣުލަބިއްޔަތު ބޭނުންކޮށްގެން ހަދާބަލާށެވެ. މިނިވަން މުވައްސަސާއޭ ބުނާހިސާބުން މުސާރަ ބޮޑުނުކޮށް ޒިންމާއަށް ބަލައިގެން މުސާރަ ބޮޑުކޮށްބަލާށެވެ.
ބުއްޅަބޭ
30 April 2019
އަމިއްލައަށް މުސާރައާ އިނާޔަތްނަގާ ބަޔަތު ދައްކާއެއްވެސް ވާހަކައެއް ގަބޫލުކުރާކަށް ނެތިން. އަމިއްލައެދުން. މަޖިލިސް އެއީ އުވާލަންޖެހޭތަނެއް. ގއ އެއީ ވީދާލަންވެފަ އޮތްއެއްޗެއް. އޭގެ ބޭނުންހިފައިގެން ނާޖާއިޒު ކަންކަން ސަރުކާރުންނާ ކޯޓުތަކުންނާ މަޖިލިހުން ކުރަމުންދާތީ މިބުނީ ވީދާލާ މަގުމައްޗަށް އަޅާލާ ދުވަސް ދެކެންބޭނުމޭ.
ބަފާބެ
30 April 2019
އިންޑިޔާއިން މިގައުމު ހިންގަން ކޮމިޓީއެއް ހަދަފަ އޮތްވާހަކަ ނުދެއްކުމަކީ ދެރަކަމެއް!
މަރިޔަމްމަނިކެ
30 April 2019
އަސްލަމް އަކީ އިންސާނީ ޙައްޤުގެ ދާއިރާއިން ރައްޔިތަކަށް އެއްކަމެއްވެސް ކޮށްދެވޭނެ ކޮށްދޭފަދަ ޝަޚްޞިއްޔަތެއް ހުރި މީހެއް ނޫން. ކޮބާތަ ބާޞިޠު؟ ކޮބާތަ ޓީ.ސީ ޢަލީ؟ ކޮބާތަ ކިޑްނީ އަށް ސަލާމްޖަހާ ފައިސާ ފޮށި ބަހައްޓައިގެން އުޅޭ ބަލި ކުދިން؟ އަސްލަމް އަކަށް ނެނގޭނެ! ޕާޓީ އޮފީހުން ނިދާފަ އޮއްވާ މުޒާހަރާއަށް އަންނަން ބުނެފިއްޔާ 1 ކަތި ދޭއްޗަށް ނުދެއެކޭ ނޫން! ނުގުޅޭ ވާހަކަ ތަކެއް އަސްލަމް ތިޔަ ދައްކަނީ! ވަރަށް ސަލާމް!
އަހަންދެމަނިކު
30 April 2019
އޯ ވުމަން. ހާދަ ކަމާ ނުގުޅޭ ވާހަކަ ތަކެއް ތި ދައްކަނީ؟ ޒާތީ ނުވެ ސިޔާސީ ވާން ނޭނގެނީ އުތަ؟ ބަލަ މީ 21 ވަނަ ގަރުނޭ ކަބުލޯ
Suvaalu
30 April 2019
ތިޔައީ ހިންނަވަރު ދާއިރާ ޖީހާނުއަށް އުފައްދާ ކޮމެޓީއެއް ރައީސް ނަޝީދު ބުނެގެން..
އެފައިސާ މިފައިސާ
30 April 2019
ޖީހާނަކަސް އެހެން ނާނަކަސް މި ކޮމިޓީ އެއް އެބަޖެހޭ އުފައްދަން. އޭރުން ކަލޭމެންނަށް ރަނގަޅުވާނީ އޯކޭ
ރަދީފް
30 April 2019
މަހަށް ދޭބަލަ ، މަހަށް އިނގޭ.
ފޫހި
30 April 2019
ކޮމެޓީތަކާއި ގާނޫނު މަދެއްނޫން. މަދީ އިޚްލާސްތެރިން. ގިނައީ އަމިއްލަ އެދުމާއި ދެފުއްކެހެރިން.
އަނދިރި
30 April 2019
ރަނގަޅު ކުރަންޖެހޭ ކޮންމެ ކަމަކަށް ކޮމެޓީ އެއް އުފައްދައި، އަދި ރަނގަޅު ކުރެވިއްޖެ ކަމަށް ދައްކަން، އަސްލު އެއްވެސް ކަމެއް ރަނގަޅު ނުކުރާންވެގެން. ކެންޔާގައިވެސް 2003 ވަނައަހަރު ކިބާކީގެ ރައީސް ކަމުގައި މިކަހަލަ ކޮމެޓީތަކާ، "ކޮރަޕްޝަނާ ނުލައި 100 ދުވަސް" ފަދަ ޝިއާރުތައް ގެންގުޅުނު. އަސްލު ކުރިކަމަކީ، ކުރިއަށްވުރެވެސް ކޮރަޕްޝަން ބޮޑުވީ. It's Our Turn to Eat މިފޮތް ކިޔާލާ. އެމްޑީޕީ ސަރުކާރާއި ކެންޔާގެ ކިބާކީ ގެ ސަރުކާ ވައްތަރު ކަން ހާމަވާނެ
ހުންގާނު
29 April 2019
މިހާ ދުވަސް ވީ އިރު ނަތީޖާ ރަނގަޅު ނުދެއްކުނު ކަމަށް ގަބޫލުކުރަން ޖެހޭ. ތިކަހަލަ ޒަމާނީ ވާހަކަ އަކަށް މިއަދު ތިތާ ބަހުސް ކުރަން ތިބެން ޖެހެނީ ތައުލީމީ އާ ޒުވާނުން ތަކެއް.