ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އެކަމުގެ މައުލޫމާތު ހިއްސާކުރާ ފަރާތްތައްް ސިއްރުކުރާނެ ކަމަށް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީ) އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން ކުރި ޓްވީޓެއްގައި ބުނީ މީހެއް ނުވަތަ ބައެއްގެ ފަރާތުން އާދަޔާ ހިލާފުކަމެއް ފެނިއްޖެ ނަމަ ނުވަތަ މައުލޫމާތެއް ފޯރުކޮށްދޭން ބޭނުންވާ ނަމަ އެ ސެންޓަރުގެ ހޮޓްލައިން 1615 ނުވަތަ [email protected] އާ ހިއްސާކުރަން އެދޭ ކަމަށެވެ.

ކައުންޓަ ޓެރަރިޒަމް ސެންޓަރުން އެހެން ބުނެފައިވަނީ، މިިދިޔަ މަހު ސްރީލަންކާ އަށް ދިން ޓެރަރިޒަމްގެ ހަމަލާއަށް ފަހު ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނިކޮށެވެ. ރާއްޖޭގައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ އެންމެންގެ ލޯތަކާއި ކަންފަތްތައް ބޮޑަށް ހުޅުވައި އެ ކަންކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. ޓެރަރިޒަމްގެ އެއްވެސް އަމަލެއް ހިންގުމުގެ އެއްވެސް ފުރުސަތެއް ދީގެން ނުވާނެކަމަަށް ވިދާޅުވި އެވެ.