ރާއްޖޭގެ ބޯޑަ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމާ ގުޅިގެން ބިޒްނަސް އަދި ހާއްސަ ވިސާ އެޕްރޫވްކުރުމުގައި ކުރިއަށް ވުރެ ބޮޑަށް ބަލަން ފަށައިފި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހަސަން (ހަނަފީ) މިއަދު ވިދާޅުވީ އެ ބަދަލު ގެނައީ ސްރީ ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ރާއްޖޭގެ ބޯޑަ ސެކިއުރިޓީގެ ކަންކަން ކުރިއަށް ވުރެ ބޮޑަށް ހަރުދަނާކުރުމުން ކަމަށެވެ.
އެގޮތުން ގެނައި ބަދަލުތަކުގެ ތެރޭގައި ބިޒްނަސް އަދި ހާއްސަ ވިސާއަށް ހުއްދަ ދިނުމުގައި އިތުރު ބެލުންތަކަށް ސްކްރީން ކުރަން ފެށުން ހިމެނެ އެވެ.
ހަނަފީ "މިހާރު" އަށް ވިދާޅުވީ ބިޒްނަސް އަދި ސްޕެޝަލް ވިސާއަށް ހުއްދަދިނުމުގައި ސަލާމަތީ ގޮތުންނާއި އެހެން ގޮތްގޮތުން ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ކުރީގައި އެ ދެ ވިސާ އެޕްރޫވްކުރުމަށް ދެ ދުވަސް ހޭދަވިއަސް މިހާރު އެއަށް ވުރެ ގިނަ ވަގުތު ހޭދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިސާ އެޕްރޫވްކުރުމަށް އެކި މީހުންނަށް ހޭދަވާނީ އެކި ވަގުތު. ބަލަން ޖެހޭ ހުރިހާ ކަމެއް ބެލުމަށް ފަހު ވިސާ އެޕްރޫވްކުރުމަށް ފަހު އެ ބަޔަކަށް އަންގާނަން،" ހަނަފީ ވިިދާޅުވި އެވެ.
އޭނާ ވަނީ ވިސާ ހަމަނުޖެހެނީސް ރާއްޖެ ނައުމަށް އިލްތިމާސްކުރައްވައިފަ އެވެ. ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި އެ ފިޔަވަޅަށް އެންމެން ވެސް އެއްބާރުލުން ދިނުމަށް އޭނާ އެދިވަޑައިގަތެވެ.
މާދަމާ ފަށާ މި އަހަރުގެ ރޯދަ މަހު އިމާމުވެ ތަރާވީހު ނަމާދު ކުރުމަށް ރާއްޖޭން ބޭރުން ގެންނަ ހާފިޒުން ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ވެސް އިމިގްރޭޝަނުން ވަނީ ހަމަޖައްސައިފަ އެވެ.
ހާފިޒުންނަށް މި ފަހަރު ޖަހައިދޭނީ ވަކި މުއްދަތަކަށް ދޫކުރާ ހާއްސަ ވިސާއެކެވެ. އެ ވިސާ ހޯދަން އިސްލާމިކް މިނިސްޓްރީގެ ހުއްދައެއް ބޭނުންވާނެ އެވެ.