އައްޑޫން ރުއް ނަގަން ހުއްދަ ދިނީ އެހެން ތަނެއްގައި އިންދަން ޝަރުތުކޮށްފައި: އީޕީއޭ

އައްޑޫ ހިތަދޫގެ ސިޓީ ސްކެއާ އަލުން ތަރައްގީކުރަން އެ ސަރަހައްދުން ރުއް ނަގަން ހުއްދަ ދިނީ، އެ ރުއްތައް އެހެން ސަރަހައްދެއްގައި އިންދަން ޝަރުތުކޮށްފައި ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިއްޔެ ބުނެފި އެވެ.


އެ ތަން ތަރައްގީކުރަން ރުއްތައް ނަގާތީ އެ އަތޮޅުގެ ރައްޔިތުން އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލާ، ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމަކު އީޕީއޭ އިން ބުނީ އެ ރުއްތައް އައްޑޫގެ އެހެން ސަރަހައްދެއްގައި އިންދަން ޝަރުތުކޮށްފައި ވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި އަންނަނީ މި މައްސަލަ ވަރަށް ގާތުން ބަލަމުން،" އީޕީއޭ އިން ބުންޏެވެ.

އީޕީއޭ އިން އިއްޔެ ކުރި ޓްވީޓެއް

ހިތަދޫ ޕޮލިސް ސްޓޭޝަނުގެ އެއްފަރާތުގައި އޮންނަ ސަރަހައްދުގައި ބޮޑު ދިދައެއް ޖަހައި، ސިޓީ ސްކެއާއެއްގެ ގޮތައް އެންމެ ފުރަތަމަ އެތަން ތަރައްގީކުރީ 2011 ވަނަ އަހަރުގެ ސާކް ސަމިޓާ ދިމާކޮށެވެ. އެކަމަކު ފަހުން ސިޓީ ސްކެއާގައި ދިދަ ނެގުން ހުއްޓި، އެތަން ނުބެލެހެއްޓި ގިިނަ ދުވަސްތަކެއް ވަންދެން އޮތެވެ. އަދި ދިދަ ދަނޑީގައި ދަބަރު ޖަހައި ހަލާކުވުމުން ދިދަ ވެއްޓިދާނެ ކަމަށް ބުނެ އޭތި މިދިޔަ އަހަރު ވަނީ ނަގައިފަ އެވެ.

އެ ތަން އަލުން ހުޅުވާލާނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ހިތްފަސޭހަ ކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ ތަނެއްގެ ގޮތުގައި ކަމަށް އެ ސިޓީ ކައުންސިލުން އިއްޔެ ބުނެފައި ވެ އެވެ.

އައްޑޫ ސިޓީ ސްކެއާ އަލުން ތަރައްގީކޮށް ކުލަގަދަ ރަސްމިއްޔާތަކާ އެކު ހުޅުވުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.