ރާއްޖެ އިން ވޯޓުދިނީ ޗާގޯޒް ޔޫކޭގެ ތަނެއްގެ ގޮތުގައި ބާއްވަން

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި، ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޯޒް އައިލެންޑްސް އެ ގައުމުގެ ތަނެއްގެ ގޮތުގައި ބާއްވަން ރާއްޖެ އިން ވޯޓު ދިން ނަމަވެސް އެ ރަށްތައް މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން އދ.ގެ އާއްމު މަޖީލީހުން މިއަދު ފާސްކޮށްފި އެވެ.


ރާއްޖެއާ އެކު ހަ ގައުމަކުން އެ ގަރާރާ ދެކޮޅަށް ވޯޓު ދިން އިރު، 116 ގައުމަކުން ތާއީދުކުރީ ޗާގޯޒް މޮރިޝަސްގެ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. ފަންސާސް ހަ ގައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ. އޭގެ ތެރޭގައި ފްރާންސާއި ޖަރުމަން ވެސް ހިމެނެ އެވެ. ގަރާރާ ދެކޮޅަށް ރާއްޖޭގެ އިތުރުން ދެން ވޯޓުދިނީ އިނގިރޭސި ވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ހަންގޭރީ އަދި އިޒްރޭލެވެ.

އދ.ގެ އާއްމު މަޖިލީހަށް ގަރާރެއް ހުށަހަޅާފައި މިވަނީ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ޗާގޯޒް މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ލަފައެއް ނެރެފައި ވަނިކޮށެވެ. އދ.ގެ އާއްމު މަޖިލީހަށް ގަރާރެއް މި ހުށަހެޅީ، އެ ކޯޓުގެ ލަފާ ތަންފީޒުކުރަން މެމްބަރު ގައުމުތަކަށް ގޮވާލުމަށެވެ.

އައިސީޖޭ އިން ނެރުނު ލަފާގައި ބުނެފައި ވަނީ، މޮރިޝަސްގެ މައްޗަށް އޮތް އިނގިރޭސި އިސްތިއުމާރީ ބާރު ނިމުމަކަށް ގެނައީ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނޫން ކަމަށެވެ. އެހެންކަމުން މިހާރު ވެސް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ބްރިޓިޝް އިންޑިއަން އޯޝަން އައިލެންޑްސް ދޫކޮށްލުމަށް އައިސީޖޭ އިން ލަފާ ދީފައިވެ އެވެ.

މީގެކުރިން ރާއްޖެ އިން ގަބޫލްކުރީ، ޗާގޯޒް މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުގައިވާ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް 2010 ގައި "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް" ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުން މޮރިޝަސް އިން ވަނީ އެކަމަށް އިއުތިރާޒްކޮށް އެކަން އދ.ގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅައިފަ އެވެ.

މޮރިޝަސް އިން އިއުތިރާޒްކޮށްފައި ވަނީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އާއި ރާއްޖެ އިން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށް ބުނެ އެވެ. އެއަށް ފަހު، އައްޑު އަތޮޅާއި ޗާގޯޒްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް އައުމަށް މޮރިޝަސް އިން ވަނީ ރާއްޖެ އަށް ގޮވާލައިފަ އެވެ.

ޗާގޯސް އައިލެންޑްސް މޮރިޝަސް އަތުން އިނގިރޭސިން ވަނީ 1965 ވަނަ އަހަރު ތިން މިލިއަން ޕައުންޑަށް ގަނެފަ އެވެ. އެމެރިކާއާ އެކު ޗާގޯޒްގެ ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ގާއިމްކުރުމަށް އިނގިރޭސިން ވަނީ 1967 އާއި 1973 އާ ދެމެދު އެ ރަށްތަކުން މީހުން ހުސްކޮށްފަ އެވެ. ޑިއެގޯ ގާސިއާ އެމެރިކާ އަށް ދޫކޮށްފައިވާ މުއްދަތު 2016 ގައި ވަނީ 2036 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފަ އެވެ.

އިންޑިއާ ކަނޑުގައި ރާއްޖޭގެ ދެކުނުން 500 ކިލޯ މީޓަރު ދުރުގައި އޮންނަ ޗާގޯޒް އައިލެންޑްސްގައި ހަތް އަތޮޅު ހިމެނެ އެވެ. މި އަތޮޅުތަކުގައި 60 ރަށް އެކުލެވެ އެވެ.