އަންނަ މަހު ޓެކްސީގައި މީޓަރު ބޭނުންކުރަން ފަށާނެ: ޓްރާންސްޕޯޓް

އަންނަ މަހު ފަހުކޮޅު ޓެކްސީތަކުގައި މީޓަރު ބޭނުންކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.


ޓްރާންސްޕޯޓުގެ ޑެޕިއުޓީ މިނިސްޓަރު ހިދާޔާ ނަސީރު ވިދާޅުވީ ޓެކްސީ ހިދުމަތަށް ބޭނުންކުރާނެ އެޕްލިކޭޝަން ހަދަން ޕްރޮޕޯޒަލް ހުށަހަޅަން މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެ މުއްދަތު ހަމަވުމުން ޕްރޮޕޯޒަލްތައް ބަލައި ރަނގަޅު އެޕްލިކޭޝަނެއް ހޮވާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓްރީން މިހާރު ވަނީ ޓެކްސީ މީޓަރުގެ އަގުތައް ވެސް ކަނޑައަޅައިފަ އެވެ. ރޯދައިގެ ފަހުން އަގުތައް އިއުލާނުކުރާނެ ކަމަށް ކުރިން ބުނެފައިވެ އެވެ. ނަމަވެސް ހިދާޔާ ވިދާޅުވީ އެޕްލިކޭޝަންގެ މައުލޫމާތުތަކާއެކު އަގުތައް އިއުލާނުކުރާނީ އަންނަ މަހު ކަމަށެވެ.

"އަންނަ މަހުގެ ތެރޭގައި ޓެކްސީ މީޓަރުގެ އަގުތައް އިއުލާނުކުރާނަން. ދެން ޓެކްސީގައި މީޓަރު ބޭނުންކޮށްގެން ދުއްވަން ފަށާނީ އަންނަ މަހުގެ ފަހުކޮޅުން ފެށިގެން،" ހިދާޔާ ވިދާޅުވި އެވެ.

މީޓަރުގެ ގޮތުގައި ޓެކްސީތަކުން ބޭނުންކުރަން ހަމަޖައްސާފައި ވަނީ މޮބައިލް އެޕްލިކޭޝަނެކެވެ.

ރާއްޖޭގައި މިހާރު ވެސް ޓެކްސީކުރަން ބޭނުންކުރެވޭނެ ބައެއް މޮބައިލް އެޕްލިކޭޝަން ގެންގުޅެ އެވެ. އެ އެޕްތައް މެދުވެރިކޮށް ފަސޭހައިން ޓެކްސީ ބުކްކުރެވި އެ ދަތުރުކުރާ ގޮތް ބެލެ އެވެ. އެކަމަކު ޓެކްސީތަކުގައި ދެން ބޭނުންކުރެވޭނީ، ސަރުކާރުން ހުއްދަ ދީފައިވާ އެޕްލިކޭޝަންތައް އެކަނި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.