މާޅޮހުގައި ކުނި ނައްތާލުމަށް މުބާރާތެއް ބާއްވައިފި

އެއް ފަހަރު ބޭނުންކުރާ ޕްލާސްޓިކާއި އެހެނިހެން ކުނި މަދުކޮށް އަދި އަލުން ބޭނުން ކުރުމުގެ އާދަ އަށަގެންނެވުމަށް ބ. މާޅޮހު ސްކޫލް ކުދިންގެ މެދުގައި މުބާރާތެއް ބާއްވައިފި އެވެ.


'ޒީރޯ ވޭސްޓް ޗެލެންޖް' ގެ ނަމުގައި މިދިޔަ މޭ މަހު 19 އިން އިއްޔެގެ ނިޔަލަށް ބޭއްވި އެ މުބާރާތުގައި ދަރިވަރުންނާއި، ސްކޫލު ޓީޗަރުންގެ އިތުރުން ބެލެނިވެރިން އެއްކުރާ ޕްލާސްޓިކް ކުނި، އަދި ދަޅު ފަދަ ތަކެތި ކިރައި ވަނީ ޕޮއިންޓް ދީފަ އެވެ. އެ މުބާރާތް ބާއްވާފައި ވަނީ ގްރޭޑްތަކުގެ މެދުގަ އެވެ. މުބާރާތުގެ ވަނަ ހޮވުމަށް ނިންމާފައި ވަނީ އަންނަ ބުދަ ދުވަހު އެވެ.

މާޅޮހު ސްކޫލް ކުދިންގެ މެދުގައި ބޭއްވި ކުނި ހޮވުމުގެ މުބާރާތުގެ ޕޮއިންޓް ލިސްޓް--- ފޮޓޯ: ސޮނޭވާ ފުށި

މިއީ ބ. އަތޮޅުގައި އޮންނަ މަތީ ފެންވަރުގެ ރިސޯޓެއް ކަމަށްވާ ސޮނެވާފުއްޓާއި ބ. އަތޮޅުގެ ކިހާދު އާއި ދަރަވަންދޫ އަދި މާޅޮސް ގުޅިގެން ކުރިއަށް ގެންދާ "ނަމޫނާ ބ. އަތޮޅު" މަޝްރޫއުގެ ބައެކެވެ.

އެ މުބާރާތުގައި އެއްކުރި ރީސައިކަލް ކުރެވޭ ބާވަތުގެ ކުނި ސާފުނުކުރާ ނަމަ ދަރިވަރުންނަށް ޕޮއިންޓެއް ނުލިބެ އެވެ. ހޮވާ ދަޅާއި ފުޅި ކަހަލަ އެއްޗެހީގައި ބާކީވެފައި ހުންނަ ކާނާ ފަދަ ތަކެތި އުކާލައި، ދޮވެ ސާފުކުރަން ޖެހެ އެވެ. އެއަށް ފަހު، ރީސައިކަލްކުރަން ގެންދެވެންދެން އެ އެއްޗެހި ގޭގޭގައި ބަހައްޓަން ޖެހެނީ މެހި ފަދަ ސޫފިން ރައްކާތެރިކަން ލިބޭ ގޮތަކަށެވެ.

އެ މުބާރާތުން މޮޅުވާ ގްރޭޑްގެ ދަރިވަރުންނަށް ބ. އަތޮޅުގައި އޮންނަ މަޝްހޫރު ހަނިފަރުގައި މަންތާ ބެލުމަށް ސްނޯކްލިން ދަތުރަކާއި، ސޮނެވާފުށީގެ އޮބްޒާވޭޓަރީގައި އެސްޓްރޮނޮމީ ކްލާހެއް ނަގައިދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ތުއްތު ކުދިންނަށް ސޮނެވާފުށީގެ ކުޑަކުދިންގެ ޕާކް، ޑެން"ގައި އެއް ދުވަސް ހޭދަކުރުމުގެ ފުރުސަތު ލިބެ އެވެ.

މާޅޮހު ސްކޫލް ކުދިންގެ މެދުގައި ބޭއްވި ކުނި ހޮވުމުގެ މުބާރާތުގެ ތެރެއިން ހޮވި ބައެއް ކުނި--- ފޮޓޯ: ސޮނޭވާ ފުށި

ރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެސްކޯޕް ހުންނަނީ ސޮނެވާފުށީގެ އޮބްޒަވޭޓަރީގަ އެވެ.

ސޮނެވާފުށީގެ ކޮމިޔުނިޓީ އެންގޭޖްމަންޓް މެނޭޖަރު ހަދީޖާ ހާމިދު ވިދާޅުވީ މާޅޮހުގައި ހިންގި ހަރަކާތުން އެންމެންނަށް ވެސް ހިތްވަރު ލިބިއްޖެ ކަމަށެވެ.

އެ "ހެޔޮ ބަދަލާ އެކީ މިހާރު މިދަނީ ހުރިހާ ގެއެއްގައި ވެސް ކުނި ވަކިކުރެވި...ސާފުކުރުމަށް ފަހު ރީސައިކަލް ކުރުމަށް ތައްޔާރުކުރެވުމުން،" ހަދީޖާ ވިދާޅުވި އެވެ.

"އެކި ތަންތަނަށް އުކާލެވިފައިވާ ކުނި ދަރިވަރުން އެއްކުރުމުގެ ސަބަބުން މާޅޮހުގެ ގޮނޑުދޮށާއި ވަލުތެރެ މިހާރު ވަރަށް ރީތި."