ވަގަށް ނެގި ފައިސާ ބަހަން އުޅުނު މޮހޯ (ވ) އާއި އޮއިއްޓޭ (ކ) އަދި އިޝްފާހު އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގައި ދައްކަނީ: ރައީސަށް ސީދާ ފައިސާ ގެންގޮސްދިން ކަމަށް އެ ތިން މީހުން ވެސް ބުނޭ.
07 ސެޕްޓެމްބަރ 2016 - 15:24
ޑޮކިއުމެންޓަރީގައި ބުނާ ގޮތުގައި 50،000 ޑޮލަރުގެ ދެ ބޮނޑި ހިފައިގެން އޭނާ ދިޔައީ ރައީސް އަބްދުﷲ ޔާމީން އޭރު ދިރިއުޅުއްވި ގ. ދޫވެއްސަށެވެ. ފައިސާއާ ހަވާލުވެވަޑައިގަތުމަށް ތިރިއަށް ވަޑައިގަތީ ވެސް ސީދާ ރައީސް ޔާމީން ކަމަށް އޭނާ ބުނެ އެވެ. ގެންދިޔަ ފައިސާގެ އަދަދު އެނގިވަޑައިގަތުމުން އެމަނިކުފާނު ހިތްހަމަޖެހިވަޑައިނުގެންނެވި އަސަރުތަކެއް މޫނުން ފެނުނު ކަމަށް ވެސް އޭނާ ބުނެ އެވެ.
އަލް ޖަޒީރާ އިން ރާއްޖެއާ ބެހޭ ގޮތުން މިއަދު އާންމުކުރި "ސްޓީލިން ޕެރެޑައިސް" ގައި މުހައްމަދު ހުސެއިން (އޮއިއްޓެ) ދެން ބުނަނީ އެގެއިން އެނބުރި ގޮސް އަލުން ދިޔައީ އެއް މިލިއަން ޑޮލަރު ހިފައިގެން ކަމަށެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެންމެ ކައިރި އެކެއް ކަމަށްވާ އޮއިއްޓެ އާއި އޭނާއާ އެކު ފިލައިގެން އިނގިރޭސިވިލާތުގައި އުޅޭ މުހައްމަދު އައްލާމް ލަތީފު (މޮހޯ) އާއި އަހުމަދު އިޝްފާހު އަލީ ވެސް ހަމަ އެފަދަ ވާހަކަތަކެއް ކިޔައިދެ އެވެ. އެއީ، އެ މީހުން ބުނާ ގޮތުން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ވިއްކައިގެން ވަގަށް ނެގި ފައިސާ ބެހި ގޮތެވެ.
ޑޮކިއުމެންޓްރީގައި އޮއިއްޓޭ ވާހަކަ ދައްކަނީ.
އަދީބު ކޮރަޕްޝަން ހިންގެވި ގޮތުގެ ވާހަކަ ދިވެހިންނަށް އަލެއް ނޫނެވެ. ރަސްމީ އޮޑިޓަކުންނާއި އެ ނޫން ވެސް ތަހުގީގުތަކުން އޭނާގެ ބޮޑު ވައްކަމުގެ އެކި ކަންކަން ހާމަވެފައި ވާއިރު، އަލް ޖަޒީރާ އިން ނެރުނު "ސްޓީލިން ޕެރެޑައިސް"ގައި ވެސް އެ ވާހަކަތައް ހިމެނެ އެވެ. ބައެއް ބޮޑެތި ޑީލްތަކުގެ އިތުރުން އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ދެއްކެވި ވާހަކަތައް ވެސް ވަނީ ލީކުކޮށްފަ އެވެ.
އެ ތަނުން އެއް މެސެޖުގައި އަދީބު ޒިޔަތަށް އަންގަވަނީ ތިން ޗެކު ފޮނުވި ވާހަކަ އެވެ. ތިން މިލިއަން ޑޮލަރުގެ ޗެކަކާއި އެއް މިލިއަން ޑޮލަރުގެ ދެ ޗެކު ހިމެނޭއިރު، އޭގެ ތެރޭގައި ޒިޔަތަށް ވީ "ހަދިޔާ" ވެސް އޮންނާނެ ކަމަށް އަދީބު ވިދާޅުވެ އެވެ. އޭގެ ރައްދުގައި ޒިޔަތު އަދީބު ކައިރިން އެދެނީ ޗެކުގެ ބަދަލުގައި ނަގުދު ފައިސާ ދެއްވުމަށެވެ.
"އަހަރުމެންގެ ޑީލުތަކުގެ މައުލޫމާތު އެހެން މީހަކަށް އެނގޭކަށް ބޭނުމެއް ނޫން،" އޮގަސްޓް 19، 2014 ގައި ކުރި އެ މެސެޖުތަކުގައި ޒިޔަތު ބުނެ އެވެ.
"އަހަރުމެންނަކީ އެކަކަށް ވެސް އަތް ނުލެވޭ ހިސާބުގައި ތިބި ބައެއް."
ޒިޔަތަށް އަދީބު ފޮނުއްވި ކަމަށް ބުނާ މެސެޖް
އަދީބުގެ މެސެޖަށް ރައްދުގައި ޒިޔަތު ފޮނުވި މެސެޖު.
ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ފަޅާއަރާފައި ވާއިރު، އެ ކަމުގެ މުގުލުގައި އޮތީ އެސްއޯއެފް ކިޔާ ކުންފުންޏެކެވެ. ރަށްރަށާއި ފަޅުތައް ވިއްކައިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ) އަށް ލިބުނު ފައިސާގެ ތެރެއިން ވަގަށް ނެގި 79 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)ގެ ބޮޑު ބައި ވަދެފައި ވަނީ، ރަސްމީ އޮޑިޓުން އެނގޭ ގޮތުގައި، އެސްއޯއެފްގެ އެކައުންޓްތަކަށެވެ. އެ އަދަދު 70 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) އަށް އަރަ އެވެ.
އެސްއޯއެފްގެ މުގުލުގައި ތިބީ މޮހޯ އާއި އޮއިއްޓޭ އަދި އިޝްފާހު އެވެ. ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލަ އަށް ފަހު ފިލައިގެން ރާއްޖޭން ބޭރުގައި އުޅޭ އެ ތިން މީހުން އަލް ޒަޖީރާ އަށް ކިޔައިދިން ގޮތުގައި ފައިސާ ބަހަން އެ މީހުންނަށް އަންގަވަނީ އަދީބެވެ. އޭނާ ވިދާޅުވާ ތަނަކަށް ފައިސާ ގެންދަނީ ކުޅިވަރު ކުޅޭ މީހުން ގެންގުޅޭ ވައްތަރުގެ ކަޅު ދަބަހަކަށް އަޅައިގެން ސައިކަލުގަ އެވެ. މުޅިން ވެސް ނަގުދު ފައިސާ އެވެ.
"ގިނައިން ގުޅަނީ. ގުޅާފައި ބުނާނެ [ފައިސާ ދޭން ޖެހޭ މީހާ ހުރީ] މިވެނި ތަނެއްގައޭ. ދެން އެ ތަނަކަށް ގޮސް [ފައިސާ] ދެނީ،" އިޝްފާހު ބުންޏެވެ.
ފައިސާ ގެންގޮސްދޭ މީހުންގެ ތެރޭގައި ސީދާ ރައީސް ޔާމީން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް އެ ތިން މީހުން ބުންޏެވެ. އެންމެ ކުޑަ އަދަދަކަށް 100،000 ޑޮލަރު (1.5 މިލިއަން ރުފިޔާ) ގެންގޮސް ދޭއިރު، ބައެއް ފަހަރު އެ އަދަދު މިލިއަނަކަށް ވެސް އަރާ ކަމަށް އެ މީހުން ބުންޏެވެ.
އަދީބުގެ ތިން ފޯނުގައި ހުރި މެސެޖުތަކާއި ސިއްރުން ނަގާފައިވާ އިންޓަވިއުތަކާއި އެ ނޫން ވެސް ބައެއް ލިޔެކިއުންތަކުގެ މައްޗަށް ބިނާކޮށް ހެދި ޑޮކިއުމެންޓްރީގައި އެ ތިން މީހުންގެ ބަސް ފިޔަވައި ވަގަށް ނެގި ފައިސާ އާއި ރައީސާ ގުޅުވޭނެ އޮތީ އެންމެ ކަމެކެވެ. އެއީ ކުރިން ދިވެހި މީޑިއާތަކުން ވެސް ރިޕޯޓުކޮށްފައިވާ، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި އެއް މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ)ގެ ދެ ޗެކެއްގެ މައްސަލަ އެވެ. ޑޮކިއުމެންޓްރީގައި އައްލާމް ބުނާ ގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އޮންނަ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް އެ ދެ ޗެކު ޖަމާކުރީ އަދީބު އަންގަވައިގެންނެވެ.
"އަވަސް އަރުވާލައިގެން އެ މުއާމަލާތް ހިންގީ. ދެތިން ގަޑިއިރުގެ ތެރޭގައި ޖަމާވެއްޖެ،" އޭނާ ބުންޏެވެ.
ރައީސް ޔާމީން އާއި އޭރުގެ ނައިބު ރައީސް އަދީބު
ދިވެހި ސަރުކާރުން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތައް، ޑޮކިއުމެންޓްރީ އަށް އިންޓަވިއު ދިން އެންޓި ކޮރަޕްޝަން އެނެލިސްޓް އެލެން ޕާމާ ސިފަކުރައްވަނީ، ޖޭމްސް ބޮންޑް ފިލްމެއްގެ މަންޒަރުތަކެއްގެ ގޮތުގަ އެވެ.
އެމްއެމްޕީއާރުސީން ނެގި ފައިސާ އިން ރައީސް ޔާމީންގެ ދެކަނބަލުންނަށް ފައިދާކުރި ކަމަށް ދެކެވޭ ވާހަކަ އެ މަނިކުފާނު ވަނީ އެތައް ފަހަރަކު ދޮގުކުރައްވާފަ އެވެ. ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނަށް ވަގު ފައިސާ ލިބުނު ކަމަށް ކުރާ ތުހުމަތު ވެސް އެ ޕާޓީން ދޮގުކުރެ އެވެ. އަދީބާ ހަމައިން އެ ކޮރަޕްޝަން ނިމޭ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގެ މިނިވަން ނޫސް (މިހާރު މޯލްޑިވްސް އިންޑިޕެންޑެންޓް)ގަ އާއި ބީބީސީގައި ވެސް ކުރިން މަސައްކަތްކޮށްފައިވާ ނޫސްވެރިޔާ ވިލް ޖޯޑަން އިސްކޮށް ހުރި ޓީމަކުން ހެދި ޑޮކިއުމެންޓްރީގައި ރައީސަށް ކޮށްފައިވާ ތުހުމަތުތައް ސަރުކާރުން މިއަދު ވެސް ދޮގުކުރި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ޑޮކިއުމެންޓްރީގައި ހުރި ތުހުމަތުކަށް ބާރު ދޭނެ އެއްވެސް ހެއްކެއް އަލް ޖަޒީރާ އިން ގެނެސްދީފައި ނެތް ކަމަށެވެ.
"އޭގައި އެ ހުރީ މީގެ ކުރިން ތިބޭފުޅުން ކުރައްވައި ޖަވާބު ދީފައިވާ ކަންކަން. މުޅިން ވެސް ތުހުމަތުތަކެއް ދެއްތޯ؟" އޭނާ ވިދާޅުވި އެވެ.
ރަށްތަށް ވިއްކައިގެން ވަގަށް ނެގި ފައިސާ ބެހި ގޮތް ފުރަތަމަ ފަހަރަށް ކިޔައިދީފައި ވާއިރު، އެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވި އަދީބު މިހާރު ހުންނެވީ ޖަލުގަ އެވެ. އެކި މައްސަލަތަކުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބުގެ މައްޗަށް ސާބިތުވި ކަންކަމުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހިމެނެ އެވެ. އޭގެ އިތުރުން ވެސް، އޭނާ ހިމެނޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ދަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެނެޑީ
09 September 2016
އޮއިއްޓެއަކަށް މާބޮޑު ބަދަލެއް ނާދެ. ކުރީގަ ދަނޑުމަތީ ބޯޅަ ބެހީ. މިހާރު މަގުމަތީ ލާރި ބެހީ.
ކެމެރާ
08 September 2016
ފައިސާ ދަބަހުގައި ގެންގޮސްދިނުމަކީ ވަރަށް ހަނދާންހުންނާނެ ވަރުގެ ކަމެއް. އެ ގެންގޮސް ދިން ދުވަހެއްގެ މަގުމަތީގެ ކެމެރާއަކަށް ނަމަވެސް އަރާފަ އޮއްވާ ދައްކާލިނަމަ ސަޅިވީސް.
ހަގީގަތް
08 September 2016
އަސްލު މީހަކު އެއްޗެއް ބުނާއިރަށް ޤަބޫލެއް ނުކުރެވޭނެ ދޯ. އަހަރެން އެއްވެސް ޕާޓީއަކަށް ތާއީދެއް ނުކުރަން. އެކަމަކު ހަމަ ބުނެލަން އޮތީ މި ޑޮކިއުމެންޓުރީގައި އެއްވެސް ވަރަކަށް ހެކި ދެއްކިފައެއް ނެތޭ. އެހެންވީމާ މަންތިގީ ހަމައަކުން ބަލާނަމަ، މިއީ ގަބޫލުކުރެވޭ ޑޮކިއުމެންޓުރީ އެއް ނޫން. ކުރިޓިކަލީ ވިސްނާލުމުން މިކަން ސާބިތުޥާނެ.
ޚާޝް
17 August 2018
އެހެންވީމަ ތިޔަދެއްކި ވާހަކަވެސް ގަބޫލް ނުކުރެވޭނެކަން ތިޔަސާބިތުކުރެވުނީ
ރިޔާޟް
07 September 2016
މީގައި ފުރަތަމަ އެ އިނީ 50،000 ޑޮލަރުގެ ދެ ބޮޑިވާހަކަ، ދެން ރައީސް މީހާ ހިންހަމަނުޖެހި، އެ ނުހިފީމާ ފަހުން ގެންދިޔައީ އެއްމިލިއަން ޑޮލަރުގެވާހަކަ، ސުވާލަކީ 50،000+50،000 އީކުއެލް 100،000 ތޯ... ދެން އެއްމިލިއަން ކިޔަނީ ކިހިނެއްހޭ.... ޢަހަރުމެން ކިޔަނީ 100،000 އަކީ އެއްމިލިއަނޭ،،،،،،،
އަބޫ ޢީސަ
07 September 2016
ތީ 1 ލައްކަ ދޮން ކަލޯ.
މިލިއަން
08 September 2016
100،000 އަކީ އެއްލައްކަ. 1000،000 އަކީ އެއްމިލިއަން
މޮޔަ
08 September 2016
1،000،000 މީ އެތް މިލިއަން އަކީ ގަމާރު މީހުން ވެސް......
ހަމަ ބުނެލީ
08 September 2016
އެއް މިލިއަން އަޙަރެމެން ލިޔަނީ 1000،000.00 މިހެން
އަހުމަދު އަމީނު
08 September 2016
ހެޔޮ ނުވާނެ! ތިހާ ގަޅި ނުވޭ!
ބޯހަލާކު
08 September 2016
އޭ މިހިރަ *** !!! އެއް މިލިއިނެއް ނޫން އެއިކީ އެއްލައްކަ
ފައިދާ ފައިސާ
17 August 2018
10 ލައްކަ ވީމާ ކައްނޭންގެ 1 މިލިޔަން ވާނީ 50000 ގެ ދެގުނަޔަކީ 1 ލައްކަ ކަންނޭންގެ އަހަރުމެން ނުކިޔަވާތިބޭތީ ކަންނޭންގެ މިހެންބުނަން މިޖެހެނީ
މުހުންމަދު
19 August 2018
ބޭފުޅާ ކޮންތާކުން އަދަދު ޖަހަން ދަސްކުރީ؟ ޢެދުރުގެއަށްދާންވެސް ފުރުސަތު ނުލިބުނު ދެއްތޯ؟
މެޑަމް
07 September 2016
10 ދުވަސް ފަހުންތަ އަދީބް ބްރޯގެ މެސެޖަށް ޒިޔަތު ބްރޯ ރިޕްލައި ކުރީ، ހެއްހެއްހޭ، ވަރަށް ހަމަ ނުޖެހޭ ދޯ، މެސެޖެއް ލިބޭ އިރަށް ރިޕްލައި ކޮށްލަން މި ޒަމާނުގައި 24 ގަޑި އިރުވެސް ބޭނުން ނުވާނެ، ހާއްސަކޮށް ވަޒީރުންގެ މެސެޖަށް އެންމެންވެސް ބަލާނެ އަވަސް ރިޕްލައި. ވަރަށް ހަމަ ނުޖެހޭ އަލްޖަޒީރާ ރިޕޯޓް، ނަޝީދުވެސް ދޮގު ހެދީ ބުނި 3 ވީޕީ އިން ޖަލަށް ލައިފި އޭ. އޮންލީ އަދީބު ޖަލުގަ. ވަޓް އިސް ދިސް. ގޭސް ގޭސް
"މިހާރު" ފަކީރު
11 September 2016
ނަޝީދު ހެދި ތެދެއް ބުނެދޭންވީނު.
ޒާ
07 September 2016
ލާރިތައް ގެންދިޔަ 4 ވަގުންގެ ތެރެއިން 1 ވަގު ޖަލުގައި. ދެން ތިބި 3 ވަގުން ރާއްޖޭން ބޭރުގައި ފިލައިގެން.
ވޯލްް
07 September 2016
3 މީހުން ހެކިބަސް ދިނުމަކީ މިކަހަލަ ކަންކަމުގައި ހެއްކެއްގެ ގޮތުގައި ފުދޭނެ. ޤައުމުގެ އޮޑިޓަރ ޖެނެރަލް އޭރު ރައިސްއަށް މިކަންވާކަން އެންގީމަ އޭނަ ކަނޑާލާފަ އެހެން މީހަކު އެތަނަށް ލެވުނީ ގާމުވެސް ރައީސް ސޮއިކޮށް ތަސްދީގު ކުރި ޤާނޫނެއްގެ ސަބަބުން. ނޫނޭ އެއީ ހަމަ އެކައްޗެއް ވެސް ނޭންގޭ ކުޑަ ކުއްޖެއް.
ލަރޭ
08 September 2016
އޮޑިޓަރ ޖެނެރަލް ނިޔާޒް ބޭރުކޮއްފަ ޒިޔަތުގެ ބޭބެ އޮޑިޓާރ ޖެނެރަލަކަށްލީ، އެހެން މީހެއްނޫން.
މުހުންމަދު
19 August 2018
ޢެހެކިބަސްދޭވައްކަމުގައި ބައިވެރިވިމީހުންގެ ހެކިބަސްވެސް ޤަބޫލުކުރޭތޯ؟؟؟
ފާތުމަ
07 September 2016
މިއީ ވެސް އަޖާއިބެއް ކަހަލަ ޝަރޢީ ނިޒާމެއް އޮންނަ ޤައުމެއް. މި ޤައުމުގައި ޤައުމުގެ ރައީސް އަވަހާރަކޮށްލަން ބޮމެއް ހެދައި އެ ބޮން ގޮއްވާލި މީހާވެސް އެހެރަ އުޅެނީ ކުއްވެރި އެއްނުވޭ. ދެން ވައްކަންކޮށްފައި ފިލައިގެން ކާފަރު ޤައުމެއްގައި ބަޔަކު އުޅުނަސް ހައިރާންވާން ޖެހޭބާ؟
އަބުދު
07 September 2016
ބަލަ އަދީބު ގެ މައްޗށް ޓެރަރިޒަމްގެ ދަޢްވާ ސާބިތުވީ އަދީބު ބުނެގެން ބޮން ހެދި މީހާ ދިން ހެކި ބަހަކަށް. އޭނާ ކުށްވެރިއެއް ނުވޭ . ވީ އިރު އަދީބު ބުނެގެން ޔާމީނަށް ފައިސާ ގެންދިޔަ މީހާގެ ހެކިބަސް ހެކިބަސް ޝަރީޢަތުގައި ހެކިބަހަކަށް ނުވާންވީ ކީއްވެ؟ އެ މީހުންގެ ހެކިބަސް ޝަރީޢަތުގައި ކާފީ ހެއްކެއް ކަމުގައިވާނެ. ޔާމީނުގެ އެކައުންޓަށް ޖަމާކުރި ކަމަށްބުނާ އެއްމިނިޔަން ޑޮލަރު ގެ ޑޮކިއުމަންޓްތައް ޤާރީނާ އަށް ނުވާނެ އެއްވެސް ޤާނޫނީ ހަމައެއްނޯއްނާނެ. ތަރުޖަމާނު އެބަޖެހޭ ހެއްކާ ޤަރީނާ ދަސްކުރަން.
ޜިލޭ
07 September 2016
50000 ޑޮލަރުގެ ދެ ބޮނޑި؟ މިއީ 500 އިން ހުންނަ ދިވެހި ރުފިޔާތަ ޑޮލަރު 50000 އިން ބޮނޑި ހުންނަން އޮއިއްޓޭ އަތުގަ.... އެސްޓީއޯ އިން ވަގަށް ތެޔޮ ވިއްކިކަމަށްބުނެ 2 އަހަރުވަންދެން ބާރު އޮވެ ކުރި ތަހުގީގަކަށް ހެއްކެއް ނުފެނުނުއިރު ރޮލަށް އަމިއްލަ އެކައުންޓަށް އަމިއްލައަށް ބުނެގެން ލާރި ޖަާމާކުރާނެތަ