ޖަލުގައި ހިނގާދިޔަ ހަމަނުޖެހުން މަޖިލީހުގެ ކޮމެޓީން ބަލަނީ

މާފުށީ ޖަލުގައި އިއްޔެ ހިނގާދިޔަ ހަމަނުޖެހުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބަލަން ނިންމައިފި އެވެ.


މަޖިލީހުން މިރޭ ކުރި ޓްވީޓެއްގައި ބުނީ ޖަލުގައި ހިނގާދިޔަ ހާދިސާ ދިރާސާކުރުމަށް ހިއުމަން ރައިޓްސް ކޮމެޓީގެ ބައްދަލުވުން މާދަމާ ހެނދުނު 11:00ގައި އޮންނާނެ ކަމަށެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ހިއުމަން ރައިޓްސް ކޮމެޓީގެ މުގައްރިރަކީ، އެޗްއާރުސީއެމްގެ ކުރީގެ މެމްބަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދެވެ. ކަމާ ގުޅުންހުރި އިދާރާތަކުގެ ވެރިން ހާޒިރުުކުރުވުމާ މެދު ގޮތެއް ނިންމާނީ މާދަމާގެ ބައްދަލުވުމަށް ފަހުގަ އެވެ.

ޖަލުގައި އިއްޔެ ހިނގާދިޔަ ހަމަނުޖެހުންތަކުގައި ޖަލު ބަލަހައްޓާ އޮފިސަރުން، ދެ ގޮޅިއަކުން ގައިދީން ނެރެ ފުރަގަހަށް ބިޑި އަޅުވައި ބޯ ބާލުވައި ގައިގައި ތަޅައި އަނިޔާކުރި ކަމަށް ވެ އެވެ. އަދި ކުރިމަރިފަރާތަށާއި ފުރަގަސްފަރާތަށް ޕެޕަ ސްޕްރޭ ޖަހައި އަންނައުނުތައް ވެސް ވީދާލާފައިވާ ކަމަށް ވެ އެވެ. ނަމަވެސް ކަރެކްޝަންސް އިން އެ ވާހަކަ ދޮގުކުރެ އެވެ.