މަހުގެ ބާވަތްތަކަށް އީޔޫ މާކެޓުން ލުއި ހޯދަން މަޝްވަރާކޮށްފި

ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕްގެ ބާޒާރަށް ނެރުމުގައި ލުއި ހޯދަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ރާއްޖޭން މަޝްވަރާކޮށްފި އެވެ.


މި މަޝްވަރާތައް ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބެލްޖިއަމްގެ ވެރިރަށް ބްރަސުލްސް އަށް މިހާރު ކުރައްވާ ދަތުރުގައި އީޔޫގެ ކޮމިޝަނާ އޮފް ޓްރޭޑް މެލްމްސްޓްރޮމް އެކު އިއްޔެ ބޭއްވެވި ބައްދަލުވުމެއްގަ އެވެ. ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އާއި އީޔޫއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރި ކަމަށެވެ.

އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިވެ، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ގިންތީގައި 2011 ވަނަ އަހަރު ރާއްޖެ ހިމެނުމުން، އީޔޫގެ ގައުމުތަކަށް ރާއްޖޭން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކަށް ޑިއުޓީ ނަގަން ފެށި އެވެ. އެހެންވެ އެކަށީގެންވާ އަގެއް ނުހޯދޭތީ އެކަމުގައި ލުޔެއް ހޯދަން ކުރީގެ ދެސަރުކާރުން ވެސް މަސައްކަތް ކުރި އެވެ. އެގޮތުން ޖެނެރަލައިޒްޑް ސިސްޓަމްސް އޮފް ޕްރިފަރެންސަސް ޕްލަސް (ޖީއެސްޕީ ޕްލަސް) ހޯދަން ކުރީ ސަރުކާރުން ހުށަހެޅި ނަމަވެސް އެ ކަންތައް ކާމިޔާބެއް ނުވި އެވެ.

ޖީއެސްޕީ ޕްލަސް އަކީ ޑިއުޓީ ދެއްކުމުގައި ލުއިތަކެއް ދިނުމަށް އީޔޫ އިން ގެންގުޅޭ ސްކީމެކެވެ. އެ އިނާޔަތް ރާއްޖެ އަށް ދިނުމަށް ކުރިން ދެކޮޅު ހެދި ސަބަބުތަކުގެ ތެރޭގައި ރާއްޖެ އިން ބައެއް މުއާހަދާތަކުގައި ސޮއިކުރިއިރު ބައެއް ރިޒަވޭޝަންތައް ހަދާފައި އޮތުން ހިމެނެ އެވެ.

މެލްމްސްޓްރޮމް އާއި ޝާހިދު މަޝްވަރާ ކުރެއްވީ ޖީއެސްޕީ ޕްލަސް ރާއްޖެ އަށް ހޯދަންކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ.

ބްރަސުލްސް އަށް ކުރައްވާ ދަތުރުގައި ޝާހިދު ވަނީ އެ ޖަމާއަތުގެ އެހެން ބައެއް އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.