ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަން ފެނަކަ މުވައްޒަފުން އިގުރާރުވެއްޖެ

ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުގެ "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ސިޔާސަތު ދެމެހެއްޓުމުގެ އިގުރާރުގައި ފެނަކަ ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުން މިއަދު ސޮއިކޮށްފި އެވެ.


އެ އިގުރާރުގައި ފެނަކައިގައި މަސައްކަތްކުރާ 2800 އަށް ވުރެ ގިނަ މުވައްޒަފުން އެއް ވަގުތެއްގައި ސޮއިކޮށްފައި ވެ އެވެ. އެއީ އެ ކުންފުނިން ހިދުމަތް ދެމުން އަންނަ 153 ރަށުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ހިމަނައިގެންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ މަގާމުގައި ދެމިހުންނެވިހާ ހިނދަކު ކޮރަޕްޝަނަކަށް މަގުފަހިވާ ކަމެއް ނުކުރައްވާނެ ކަމަށެވެ.

"ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ސިޔާސަތު ދެމެހެއްޓުމުގެ އިގުރާރުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އޭނާ ވިދާޅުވީ މަގާމުގައި ދެމިހުންނެވިހާ ހިނދަކު ވައްކަމެއް ކުރަން ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކުރަން މުވައްޒަފުންގެ އަރިހުން ވެސް އެދިވަޑައިނުގަންނަވާނެ ކަމަށެވެ.

ސައީދު ވަނީ މިއަދު ސޮއިކުރި އިގުރާރަކީ ރަމްޒީ އެއްޗަކަށް ނުހަދައި އަމަލީގޮތުން އެކަން ސާބިތުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑު އެ ޔަގީންކަން މިއަދު ވެސް އަރުވަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާނީ ކުރިއަށް، އެއްވެސް ފަސްޖެހުމެއްނެތި،" ފެނަކަ ހިންގާ ޕޯޓްސް ކޮމްޕްލެކްސް އިމާރާތުގެ ބޭރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވި އެވެ.

"ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ސިޔާސަތު ދެމެހެއްޓުމުގެ އިގުރާރުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ކުންފުނީގެ މުވައްޒަފުންތަކެއް ބައިވެރިވަނީ-- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އޭނާ ވިދާޅުވީ ފުރައްސާރަ އަށް ބެލުމެއްނެތި ރައްޔިތުންނަށް ކޮށްދޭންޖެހޭ ހުރިހާ ހިދުމަތެއް ވަގުތުން ވަގުތަށް ދެވެންހުރި އެންމެ ރަނގަޅު ގޮތުގައި ދާނީ ކުރިއަށް ކަމަށެވެ.

ފެނަކަ އަކީ ނިމިގެން ދިޔަ ސަރުކާރުގައި ވަރަށް ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައިވާ ކުންފުންޏެކެވެ. އޭގެ ބައެއް މައްސަލަތައް މިހާރު ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.