އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަނީ: ބޮޑު ތިން މަޝްރޫއެއްގެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ވަން ކަމަށް ވަނީ ތުހުމަތުކޮށްފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
09 ޖުލައި 2019 - 15:56
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ތަރައްގީގެ ބޮޑު ތިން މަޝްރޫއަކާ ގުޅުން ހުރި ފައިސާ އެމަނިކުފާނުގެ އެކައުންޓުތަކަކަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
ޔާމީންގެ ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ހޯދައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަން ހާމަކުރީ، އޭސީސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް މިއަދު ހާޒިރުކޮށް، އެ ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ގުޅޭ ގޮތުން ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް މުއައްވިޒް ވިދާޅުވީ، އެ ޚިޔާނާތާ ގުޅޭ ބައެއް ކަންކަން އަދިވެސް އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ. ޔާމީންގެ ވެރިކަމުގައި ހުންނެވި އިރު ކަމާބެހޭ އިދާރާތަކުން ނުލިބުނު ބައެއް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި، މުއައްވިޒް ވިދާޅުވި ގޮތުގައި، ޔާމީންގެ ބޭންކް އެކައުންޓްތަކެއްގެ ތަފްސީލް ހިމެނެ އެވެ.
މުއައްވިޒް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ގިނަ އަދަދެއްގެ ނަގުދު ފައިސާ ޔާމީންގެ އެކި އެކައުންޓްތަކަށް ޖަމާވެފައި ހުރި ކަން އޭސީސީގެ ތަހުގީގު ޓީމަށް ހޯދިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ސަރުކާރުގައި ހިންގި ބޮޑު ތިން މަޝްރޫއަކާ ގުޅުން ހުރި ފައިސާ ހިމެނޭ ކަމަށް ވިދާޅުވިޔަސް ތަފުސީލެއް ނުދެއްވަ އެވެ.
އެއީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ ކަމަށް މުއައްވިޒް ވިދާޅުވި އެވެ.
ޔާމީންގެ އިތުރު މައްސަލައެއް އޭސީސީން ތަހުގީގު ކުރަމުން އަންނަ އިރު، އެމަނިކުފާނުގެ މައްޗަށް ވަނީ މަނީ ލޯންޑެރިންގެ ދައުވާ އުފުލައިފަ އެވެ.
އެ ދައުވާ އުފުލީ، އިސްލާމިކް ބޭންކްގައި ހުރި އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގަ އެވެ. އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮތް ސޭވިން އެކައުންޓަކަށް އެ ފައިސާ ޖަމާ ކުރި އެ ފައިސާ ފަހުން، ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކުރި ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.
މީގެ އިތުރުން އޭސީސީއާ އެކު އެމަނިކުފާނު އެއްބަސްވެ ވަޑައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓަށް އެމަނިކުފާނުގެ އެކައުންޓަށް ވަތް ޑޮލަރު ނޫން އެހެން ފައިސާއެއް ޖަމާ ކުރުމަށް ފަހު، އޮޅުވާލި ކަމަށް ވެސް ދައުލަތުގެ ދައުވާގައިވެ އެވެ.
އެ މައްސަލާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ. އެކަމަކު ހައި ކޯޓުން ފަހުން ވަނީ އެ އަމުރު ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަޕްޝަން ސަރުކާރު
11 July 2019
ލުތުފީގެ ވާހަކަ ބަލާބަލަ.ކޮންތާކުންތޯ ފައިސާދިނީ ރާއްޖެ ގެންނަށް.އާއިލީ މިޙާ ގެންނަށް ދައުލަތުގެ ފައިސާ ޚަރަދުކުރަން ހުއްދަދީނީ ކާކުތޯ ބަލަންވީ ނުން.މިއީ ފެންނަށް ހުރި ކޮރަޕްޝަން.ބަލާބަލަ ކެރެންޏާ
ސިރާޖު ސާތީ
11 July 2019
އަޅެ މީހަކު ހައެރާނެއް ފަހެ ނުވާނެތަ ބޮޑެތި މަސްރޫއުތައް ހިންގި މީހަކަށް ދޯ އެކައުންޓަށް ލާނެ އެއްޗެއްވެސް ލިބޭނީ ދެންވެސް ބޭކާރު ވާހަކަ ނުދައްކާ ބޮޑެތި މަސްރޫއުތައް ހިންގާލައިގެން އެކައުންޓަށް އެއްޗެއް ލެވޭތޯ ބަލަންވީނު. ތިވަރުގެ ސާފު ބަޔަކު ނުތިބޭނެ ރައީސް ނަސީދުގެ ވެރިކަމުގަ މިނިސްޓަރީތަކުގެ އޯޑިޓް ރިޕޯޓުތައް ބެލީމަ އެނގޭ އެއްޗެއް ފަރިއްނުކުޅުވާކަން.
މުފައްކިރު
10 July 2019
ޔާމީންގެ ވެރިކަމުގެ 5 އަހަރު ފުރިހަމަވި އިރުވެސް މުއައްވިޒު ހުރީ އޭ ސީ ސީ ގެ ނައިބު ރައީސްގެ ގޮތުގަ ޒިންމާ އުފުލޭ ޒިންމާދާރު ވަޒީފާގަ. އޭރު ނުދައްކާ ވާހަކައެއް ކުއްލިއަކަށް މިހާރު ފެންމަތި ކުރުމުން އެއީ މުއައްވިޒުގެ ނަޒާހަތް ތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް.
ޢަބްދުﷲނާފިޒް
10 July 2019
ތިވެސް މުޅިއަކުން ގޯސް ވާހަކައެއްނޫން، އެކަމަކު މުއައްވިޒުގެ ނަޒާހަތްތެރިކަމާމެދު އުފެދޭ ސުވާލަށްވުރެ ބޮޑަށް އުފެދޭ ސުވާލަކީ ޔާމީނުގެ ވެރިކަމުގަ ދައުލަތުގެ އެތައް މިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެފަވާއިރު ޒިންމާ ވަނީ ކޮންފަރާތަކުންބާއޭ!؟
ނެގުނުކަތީބު
10 July 2019
އަވަހަށް ހޯއްދަވައި ދައުލަތުގެ ބަޖެޓަށް އެފައިސާތަށް ޖަމާކޮށް ދެއްވާ. އެގޮތަށް މިހާރާއި އޭގެ ކުރީގެ ކަންކަންވެސް ބައްލަވާދެއްވާ. ތިކުރައްވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް. އެކަމަކު މާލަހުން އަނގަހުޅުވޭތީ މައްސަލައަކީ.
ޙަބީބު
10 July 2019
ބޭންކުއޮފްމޯލްޑިވްސްގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮއްލީ ތިވާހަކަ ބުނީމަ ޔާމިނު އެހުރީ ގޭގަ ކޮބާ އިންސާފު
ނަހޫ
10 July 2019
ވެރި ކަމަށް އައި އިރު ހީވި ހަމަ ދެންމެ ދެންމެ މި ގޮލާ އުމުރު ދުވަސް ޖަހާ ފާނެ ހެން. މިހާރު މި ވާހަކަ ވެސް އަޑު ނުއިވޭ. ޔާމީން ހައްޔަރު ކުރޭ!!!
އިބިރިހިންބެއްޔާ
11 July 2019
އައްސައްޔިދު ޔާމީން ޢަބްދުލް ޤައްޔޫމުގެ އިންސާނީ ކަރާމާތާއި އިންސާނީ ޙައްޤު މާބޮޑީ މިއުޅޭ ހާކާލި ބުރުވާލި މީހުނަށްވުރެ.
ބިޔަ ކޮރަޕްޝަނަ
10 July 2019
އެހެންވީމަދޯ އަބަދުވެސް ބިޔަ މަޝްރޫޢުގެ ވާހަކަ ދައްކަނީ. މަޝްރޫޢު ބިޔަވާވަރަކަށް ކަޓްވެސް ބޮޑުވާނެތާ ހެޔޮނުވާނެ އެއްވެސް ބަޔަކު ބިޔަ މަޝްރޫޢު ނުހިންގާތި
10 July 2019
ޔާމީން އަކަށް ތާއީދެއް ނުކުރަން، އެކަމަކު މި ދުވަސް ކޮޅު ތި ވާހަކަ ދެއްކީމަ ހީވަނީ ބާގީ ލުތުފީގެ ވާހަކަ އޮއްބަން، އެ ވާހަކަ ސިރުކުރަން ދައްކާ ވާހަކަ އެއް ހެން. ލުތުފާ އަށް ހަގު އަދަބުދީ، އޭނާ އިންސާނީއްޔަތު ކަމެއްނެތި ޝަހީދު ކުޅަ ދިވެހިންގެ ހައްގުގަ.
މަގުފުޅާޓިނު
10 July 2019
ލުތުފީއަށްވެސް ހައްޤު އަދަބުދޭންވީ، ޔާމީނުއަށްވެސް ހައްޤު އަދަބުދޭންވީ،
ޝެލަރީ
10 July 2019
ކުރީން ތިބުނާ މައުލޫމާތުތައް ނުދީ މިހާރު ތިބުނާ މައުލޫމާތުތައް ހިއްސާކުރި ތަންތަނުގެވެރީން އެވަނީ ތިބުނާ ކަންކަން ފޮރުވާދެން މަސައްކަތްކޮށްފައިކަން ސާފްދެއްތޯ؟ ތިއޮތީ މިހާރު އާޒިމާގެ ގޮޅީގަ ދެއްތޯ؟
ޕީގީ
10 July 2019
ކޮބާ ޔަގީން ޓީމް، ޔަގީން ޓީމް ހޭ