ދެކުނުގެ ވިޔަފާރިތަކަށް ހާއްސަ ސަދަން މޯލްޑިވްސް އެކްސްޕޯ އަންނަ މަހު އައްޑޫގައި ބާއްވަނީ

ދެކުނުގެ އަތޮޅުތަކުގައި ހުރި ވިޔަފާރި ފުރުސަތުތަކަށް ހާއްސަކޮށްގެން ބާއްވާ "ސަދަން މޯލްޑިވްސް ބިޒްނެސް އެކްސްޕޯ" އަންނަ މަހު އައްޑޫގައި ބާއްވަން ނިންމައިފި އެވެ.


ރާއްޖޭގެ މާކެޓިން އެޖެންސީއެއް ކަމަށްވާ ޓައިޓަން މޯލްޑިވްސް އިން އިންތިޒާމުކުރާ އެކްސްޕޯ އޮންނާނީ އަންނަ މަހުގެ 1-3 އަށް ގަމުގެ އީކްއޭޓަ ވިލެޖްގަ އެވެ.

މި އެކްސްޕޯގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، އެކްސްޕޯގެ ޕާޓްނަރުންނާ އެކު، ޓައިޓަން އިން މިހާރު އަންނަނީ ވެސް ސޮއި ވެސް ކުރަމުންނެވެ. އެގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓާ އެކު ވަނީ މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ޓައިޓަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މާކެޓިން އެންޑް ސޭލްސް މުހައްމަދު ޝާހިދެވެ. ގަން އެއާޕޯޓްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަން މެނޭޖަރު އަހުމަދު ޝަފީގެވެ.

ސަދަން މޯލްޑިވްސް އެކްސްޕޯގެ ޕާޓްނަރަކާ އެކު ސޮއި ކުރުމުގެ ތެރެއިން.

"ސަދަން މޯލްޑިވްސް ބިޒްނެސް އެކްސްޕޯ" ގެ ސިޓީ ހޮޓެލް ޕާޓްނަރަކަށް ހަމަޖެއްސި އައްޑޫގެ ކުންފުންޏެއް ކަމަށްވާ 3އެސް ގްރޫޕްގެ ވޭވް ސައުންޑާ އެކު މި ހަފުތާގެ ކުރީކޮޅު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ޒީނަތު ވިދާޅުވި ގޮތުގައި މި އެކްސްޕޯވެގެން ދާނީ ދެކުނުގައި ހުރި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއެއް އެއްތަންވެ، މުހިއްމު ގިނަ ކަންތައްތަކެއް ފެނިގެން ދާނެ ހަރަކާތަކަށެވެ. އެގޮތުން ދެކުނުގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި މި ސަރަހައްދަށް އޮޕަރޭޓް ކުރާ އެއާލައިންސްތަކާއި ޓުއާ އޮޕަރޭޓަރުންގެ އިތުރުން ވެސް ވިޔަފާރީގެ އެކި ދާއިރާތަކުން އެކްސްޕޯގައި ބައިވެރި ވާނެ އެވެ.

"މި އިވެންޓް ވަރަށް ގްރޭންޑްކޮށް ބާއްވަން ރޭވިފައި ވަނީ. އެހެންވީމާ މުހިއްމު ގިނަ ކަންތައްތަކެއް މީގެ ތެރޭގައި އެކުލެވޭނެ. އިންޓަނޭޝަނަލް ވަރަށް ގިނަ ފަރާތްތައް ވެސް މީގައި ބައިވެރިވާނެ،" އޭނާ ވިދާޅުވި އެވެ. "އެހެންވީމާ މިއީ ދެކުނުގެ ވިޔަފާރިތަކަށާއި އިންވެސްޓަންޓްތައް ހޯދަން ވެސް ލިބޭނެ ވަރަށް ބޮޑު އެކްސްޕޯޝާއަކަށް ވާނެ."

ޒީނަތު ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް މީޑިއާތަކުން ވެސް އިވެންޓްގައި ހަރަކާތްތެރި ވާނެ އެވެ.

"ބޭރުގެ ތިން ޓީވީ ޗެނަލަކާ ނެގޯޝިއޭޓް ކުރެވި، މިހާރު ވަނީ އެ ފަރާތްތަކަށް ދައުވަތު ފޮނުވާފައި،" ޓައިޓަން އިން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ އެކްސްޕޯއާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.

އެކްސްޕޯ ހުށަހަޅައި ދިނުމާއި ޕްރޮމޯޓް ކުރުމުގައި 2003 ވަނަ އަހަރުގެ މިސް ޔުނިވާސްގެ ތިން ވަނަ ހޯދި ސާބިއާގެ ސަންޖާ ޕެޕިކް ވެސް ބައިވެރި ވާނެ އެވެ.