އުމަރުގެ ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ދީފި

ކުށެއް ނެތް އެތައް ދިވެހިންގެ ލޭ އޮހޮރުވާލި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމާ ގުޅިގެން އެކަން ފާހަގަ ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްކޮށް ހުންނަވައި ބާއްވާ ޖަލްސާ ކާނިވާ ސަރަހައްދުގައި ބޭއްވުމުގެ ހުއްދަ ޕްލޭނިން މިނިސްޓްރީން މިއަދު ދީފި އެވެ.


ބާޣީ ލުތުފީގެ ނަމުން މަޝްހޫރުވެފައިވާ ލުތުފީ ފިލައިގެން ސްރީ ލަންކާގައި އުޅުނުތާ ނުވަ އަހަރު ފަހުން، މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހު ވަނީ ލަންކާގެ އެމްބަސީ އަށް ގޮސް އަމާން ދީފަ އެވެ. އެކަމަކު، އެ ވާހަކަތައް ސަރުކާރުން ހާމަނުކޮށް، ފޮރުވައިގެން އުޅެނިކޮށް އެކަން ފަޅާ އަރުވާލީ އުމަރެވެ. ލުތުފީ ރާއްޖެ ގެނެސް، ޖަލަށް ގެންދިއުމަކީ ކާމިޔާބީއެއްގެ ގޮތުގައި އުމަރު ސިފަ ކުރައްވަ އެވެ.

މީގެ ނުވަ އަހަރު ކުރިން 2010 ގައި ބޭސްފަރުވާ އަށް ބޭރަށް ފޮނުވި ލުތުފީ ރާއްޖެ ގެނައީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ. ލުތުފީ ރާއްޖެ ގެނައި އިރު އޭނާގެ ސިފަ އަށް ވަނީ ބަދަލު އައިސްފަ އެވެ. އުމުރުން 70 އަށް ވުރެ މަތިވެފައިވާ ލުތުފީ ފެނުނީ ކުރިއަށް ވުރެން ވެސް މާ ޒުވާންކޮށެވެ.

އުމަރު އިސްވެ ހުންނަވައި، ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ. އެ ޖަލްސާ އެންމެ ފުރަތަމަ ބާއްވަން އުޅުނީ ކާނިވާ ސަރަހައްދުގައި މިރެ އެވެ.

މީގެ 31 އަހަރު ކުރިން ރާއްޖެއަށް ދިން ހަމަލައިގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުގައި މާލޭ ގެނެސްފައި.-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ޕްލޭނިން މިނިސްޓްރީން އުމަރަށް ފޮނުވި ސިޓީއެއްގައި ވަނީ މިރޭ ކާނިވާ ސަރަހައްދު ލިބެން ނެތީ ކާނިވަލުގައި ހުންނަ ސްޓޭޖް ބޭނުން ކުރަން އެހެން ފަރާތަކަށް ކުރިން ހުއްދަ ދިނީމަ ކަމަށެވެ. އެކަމަކު، އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެތަނުގައި ޖަލްސާ ބޭއްވުމަށް ހުއްދަ ދީފައިވާ ކަމަށް ސިޓީގައިވެ އެވެ.

ސިޓީގައި ވަނީ ކާނިވާ ސަރަހައްދު އެހެން މީހަކަށް ދޫކުރަން ބޭނުންވެއްޖެ ނަމަ، އެ ކަން ކުރެވޭނީ މިނިސްޓްރީ އަށް ލިޔެ ހުއްދަ ހޯދައިގެން ކަމަށެވެ. އަދި އެ ނޫން ގޮތަކަށް އެ ސަރަހައްދު އެހެން މީހަކަށް ދޫކުރުމުގެ ހުއްދަ ދެވެން ނޯންނާނެ ކަމަށް ވެސް ސިޓީގައިވެ އެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ ހަރަކާތް ކުރިއަށްދާ ވަގުތުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިންގުމަށާއި ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރުމަށް އެދިފަ އެވެ. އަދި ހަމަނުޖެހުމެއް ހިންގައިގެން ގެއްލުމެއް ލިބިއްޖެ ނަމަ، ޒިންމާވާން ޖެހޭނެ ކަމަށް ވެސް ސިޓީގައިވެ އެވެ.

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.

ބޭސްފަރުވާ އަށް ލުތުފީ ފޮނުވާލުމުން ފިލި މައްސަލަ ތަހުގީގު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ރާއްޖެ ގެނެސްފައި ވަނީ އެމްބަސީ ތެރޭގައި ދެ މަސް ދުވަހު އުޅުނު ފަހުންނެވެ. ސަރުކާރުން ބުނި ގޮތުގައި އޭނާ ރާއްޖެ ގެނައުން ލަސްވީ ލިޔެކިޔުންތަކެއް ނުލިބިގެންނެވެ.