އައްޑޫގެ މަގުތައް މަރާމާތުކުރުން ކުރިއަށް ވުރެ ރަނގޅުވާނެ: މޭޔަރު

އައްޑޫގެ މަގުތައް މަރާމާތުކޮށް، ބެލެހެއްޓުމުގެ ކަންކަން އައްޑޫ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް މި ސަރުކާރުން ގެނައި ފަހުން، މިހާރު މާ ރަނގަޅަށް އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް މި ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.


މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޭޔަރު ވިދާޅުވީ، އެމްޑީޕީން ކުރިން ވެރިކަން ކުރި ތިން އަހަރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރަށް ވުރެ ވެސް މިހާ ރަނގަޅަށް އެ މަސައްކަތް ނުކުރާ ކަމަށެވެ.

ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި އަައްޑޫގެ މަގުތައް ބެލެހެއްޓީ އެމްއާރުޑީސީންނެވެ. އެމްޑީޕީގެ ތިން އަހަރުގައި އެ މަސައްކަތް ކުރީ އޭރުގެ ސަދަން ޔުޓިލިޓީޒުންނެވެ.

"މިހާރު މި ކުރަމުންދާ ވިއްސާރައިގައި ވެސް އަޅުގަނޑުމެންގެ މީހުން ދަނީ މަގުތަކުގެ މަސައްކަތް ކުރަމުން،" ސޯބެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަގުތަކާ ގުޅޭ ކަންކަމުގައި ސިޓީ ކައުންސިލްގެ އެއްވެސް ބާރެއް އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު ވެސް އޭރު ނެތެވެ.

"ސިޓީ ކައުންސިލުން ސަދަން ޔުޓިލިޓީޒްގައި ކުރަނީ ރިކުއެސްޓެއް އެ މަގު ހަދައިދޭށޭ މި މަގު ހަދައިދޭށޭ ބުނެ. އެހެންވީމާ އަޅުގަނޑުމެންނަށް ބަހެއް ނުބުނެވި، ރިކުއެސްޓު ކޮށްގެން އޭރު އެކަމެއް ނުކުރެވުނު. އެކަމަކު މިހާރު ޕްލޭނިން މިނިސްޓްރީގެ މުވައްޒަފުންނާއި މެޝިނަރީޒް ވަނީ [ސިޓީ ކައުންސިލަށް] ދެއްވާފައި އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް މަސައްކަތް ކުރަން. އެހެންވެ، ވަގުތެއް ލިބޭއިރަށް ބަހާލައިގެން ހިތަދޫ، ފޭދޫ، މަރަދޫ، މަރަދޫފޭދޫގައި މަސައްކަތް ކުރާނެ. ހުޅުދޫ މީދޫގައި ހުރި ސާމާނު ބޭނުންކޮށްގެން ވެސް މިހާރު މަސައްކަތް ކުރާނެ،" ސޯބެ ވިދާޅުވި އެވެ.

އައްޑޫ މޭޔަރު ސޯބެ މިދިޔަ އަންގާރަ ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު

މޭޔަރު ވިދާޅުވީ، ތާރު އަޅައިގެން ހަދާފައިވާ އައްޑޫ ލިންކް ރޯޑު މަރާމާތުކޮށް، ޓްރެފިކް ނިޝާންތައް ކުރެހުމާއި ރިފްލެކްޓާތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ. ޓްރެފިކް ނިޝާންތައް ކުރަހަން ބޭނުންކުރާ ދަވާދު އަދި ލިންކް ރޯޑުގައި ހަރުކުރާ ރިފްލެކްޓާތައް ޔާމީންގެ ސަރުކާރުގައި އައްޑު އަށް ގެނައި ނަމަވެސް ތަފާތު ސަބަބުތަކާ ހެދި މިހާތަނަށް ހުރީ ބޭނުން ނުކޮށް ކަމަށް ވެ އެވެ.

ސޯބެ ވިދާޅުވި ގޮތުގައި، އައްޑޫގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމާ ސިޓީ ކައުންސިލުން ހަވާލުވިއިރު، އެކަމަށް ބޭނުންވާ ބައެއް ސާމާނު ވެސް ހުރީ ހަލާކުވެފަ އެވެ.

"އެއިން ކޮންމެ އެއްޗަކީ ވަރަށް ބޮޑު އަގުބޮޑު އެއްޗެއް. މިތަނުން ސްޕެއާއެއް ނުލިބޭ. ލަންކާ އިން ގެންނަން ޖެހެނީ. އަޅުގަނޑުމެން މަޑެއް ނުކުރަން އެ އެއްޗެހި ގަންނަން ބޭނުންވާ ފައިސާ ޕްލޭނިން މިނިސްޓްރީ މެދުވެރިވެގެން ފިނޭންސް މިނިސްޓްރީން ހޯއްދަވައި ދެއްވަންދެން. ކައުންސިލްގައި ފައިސާ ހުރި މިންވަރަކުން، މާލިއްޔަތު ގާނޫނުގެ ތެރެއިން ސްޕެއާ ގަނެގެން އެ ސްޕެއާ އަޅުވައިގެން މަސައްކަތް އެބަކުރަން،" މޭޔަރު ވިދާޅުވި އެވެ.

"ސަރުކާރުން ފައިސާ ދެންދެން އަޅުގަނޑުމެން މަޑެއް ނުކުރަން. އެމްއާރުޑީސީގެ ދުވަސްވަރު ނަމަ ތިބޭނީ އެކަމަށް މަޑުކޮށްގެން. އެކަމަކު، ކައުންސިލާ ހަވާލުކުރެއްވީމާ މިހާރު ތަފާތު ފެންނާނެ. މަގު ނުހަދައިގެން ރައްޔިތުން މިހާރު ޝަކުވާއެއް ނުކުރައްވާނެ."

މޭޔަރު ވިދާޅުވީ، ހިތަދޫގެ ލިންކް ރޯޑުގައި ހުންނަ ފެނަކަ ސާވިސް ސެންޓަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު، ކިރިޔާ ވާރޭކޮޅެއް ވެހިލާއިރަށް ފެންބޮޑުވެ އާންމުންނާއި ވިޔަފާރިވެރިންނަށް އުނދަގޫވާ ކަމަށެވެ. ނަމަވެސް، އެ ސަރަހައްދުގައި ފެން ހިންދާ ނިޒާމުތައް ގާއިމްކޮށް، ފެންބޮޑުވުން އެއްކޮށް ހައްލު ކޮށްފައިވާ ކަމަށް ސޯބެ ވިދާޅުވި އެވެ.

އިއްޔެ ހަވީރު ވެހުނު ވާރޭގާއި، ހިތަދޫގައި ހުންނަ ފެނަކަ ސާވިސް ސެންޓަރާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު ސަރަހައްދުގެ މަގުތަކުގައި ފެންބޮޑުވެފައި.---ފޮޓޯ: މިހާރު

ނަމަވެސް، އިއްޔެ މެންދުރުން ފެށިގެން އައްޑު އަށް ވެހުނު ބޯ ވާރޭގައި މޭޔަރު އެ ވިދާޅުވި ސަރަހައްދުގައި އޮތީ އާދަޔާ ޚިލާފަށް ފެންބޮޑުވެފަ އެވެ. އޭގެ ކުރިން ވެސް ކިރިޔާ ވާރޭކޮޅެއް ވެހިލާ އިރަށް ލިންކް ރޯޑުގެ އެ ސަރަހައްދުގައި ފެންބޮޑުވާ ކަމަށް ހިތަދޫގެ ބައެއް މީހުން ބުނެ އެވެ.

"އެ ސަރަހައްދުން ފެން ހިންދަން ބަހައްޓާފައި ވަނީ މާ ކުޑަ ޑްރެއިނޭޖް ސިސްޓަމެއް. އެ އަށް އޮބޮ ނޯވެގެން މަގުތަކުގައި ފެންބޮޑުވެ، މި ސަރަހައްދުގެ ގޭގެ އަށް ފެން ވަންނަނީ. މިކަން އެނގޭނެ ކައުންސިލަށް ވެސް،" އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުންޏެވެ.

އައްޑޫގެ ރައްޔިތުން އަބަދުވެސް ކުރާ އެންމެ ބޮޑު އެއް ޝަކުވާ އަކީ އެއީ ގިނަ އަދަދަކަށް ދުއްވާ އެއްޗެހި ގެންގުޅޭ ސިޓީ އަކަށް ވި ނަމަވެސް ރަށްރަށުގެ އެތެރޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ނުހަދާތީ އެވެ. އަދި ޒަމާނީ ފެންވަރަކަށް މީގެ އެތައް އަހަރެއް ކުރިން ހަދާފައިވާ އައްޑޫ ލިންކް ރޯޑު މަރާމާރު ކުރުމުގައި ފަރުވާކުޑަކުރުމަކީ ވެސް މި ސިޓީގެ މީހުން ރުޅިގަދަވާ ކަމެކެވެ.