ލުތުފީ މާފުށީ ޖަލަށް ބަދަލުކޮށްފި

ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އެތައް އަހަރަކު އުޅެފައި އަމާން ދިން އަބްދުﷲ ލުތުފީ މިހާރު ހުރީ މާފުށީ ޖަލުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.


ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭ ޖަލުގައި ހުރި ލުތުފީ ޑޮކްޓަރަށް ދައްކައި، ހަދަން ޖެހޭ އެސެސްމެންޓްތައް ނިންމައި އޭނާ ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައި ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާ ބަހައްޓާފައި ހުންނަނީ މާފުށީ ޖަލުގެ ހައި ސިކިއުރިޓީ ޔުނިޓުގެ ގޮޅިއެއްގަ އެވެ.

ލުތުފީ ޖަލު ހެދުމުގައި ދެ އަތުގައި ބިޑިއަޅުވާފައި އައިޖީއެމްއެޗް ތެރޭގައި ހުރި ފޮޓޯއެއް ވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ.

ބޭސްފަރުވާ އަށް 2010 ގައި އިންޑިއާ އަށް ފޮނުވާލުމުން ނުވަ އަހަރު ވަންދެން ފިލައިގެން އުޅެފައި މިދިއަ މޭ 1 ގައި ސްރީ ލަންކާގެ އެމްބަސީ އަށް ލުތުފީ ދިޔައީ އެ ގައުމުގައި ދެން އެގޮތަށް ފިލައިގެން ނޫޅެވޭނެ ކަން އެނގި އިތުރު މަގެއް ނެތުމުންނެވެ. އޭނާ ރާއްޖެ ގެނެސް ކަރެކްޝަނަލް ސާވިސްއާ ފުލުހުން ހަވާލުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ފިލައިގެން ނުގޮސް ލުތުފީ ޖަލުގައި ހުރި ނަމަ، 2014 ގައި އޭނާ މިނިވަންވީހެވެ.

މަރަން ހުކުމް ކުރި ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ ހުކުމް އުމުރު ދުވަހަށް ބަދަލުކޮށްފަ އެވެ. އޭރު ރާއްޖޭގެ ގާނޫނު އޮތް ގޮތުން އުމުރު ދުވަސް ކަމަށް ބަލަނީ 25 އަހަރެވެ.

ލުތުފީއާ އެކު ނޮވެމްބަރު 3 ގެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވެ، ޓެރަރިސްޓުންނާ އެކު މާލެ އެރި، އަނެއް ޚާއިނު، ސަގަރު އަހުމަދު ނާސިރު މިހާރު ވަނީ މިނިވަންވެފަ އެވެ.